ރާއްޖޭގައި، ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށް ބުނެ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ގެ ނަމުގައި އާންމުންނަށް ފޮނުވަމުން ދިޔަ މެސެޖެއް އެއޮފީހުން ބަލަން ފަށައިފިއެވެ.
ޕެންޝަން އޮފީހުގެ ރަސްމީ ނަންބަރުން ރޭގެ ވަގުތެއްގައި ފޮނުވި މެސެޖުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށާއި އެކަމަށް ދިވެހިން އަޑުއުފުލަން ޖެހޭ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެމްޕީއޭގެ ނަމުގައި އެމްޕީއޭއޯގެ ނަމުގައި ފޮނުވަމުންދާ މެސެޖުތަކަކީ، ޕެންޝަން އޮފީހުގެ ފަރާތުން ފޮނުވަމުންދާ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި އެމައްސަލަ ކަމާއިބެހޭ މުއައްސަސާތަކާއި ގުޅިގެން ބަލަމުންދާ ކަމަށްވެސް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.

ޕެންޝަން އޮފީހުގެ ނަންބަރުން މެސެޖުތަކެއް ދައުރުކުރެވުމުން ދޭހަވަނީ، ސަރުކާރުގެ އިދާރާތަކުގެ މުޅި ކޮންޓްރޯލް އަދިވެސް މިސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަތުގައި ނެތުންކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.