ހދ ކުޅުދުއްފުށީ ބަނދަރު ބޮޑުކޮށް ގިނަ ވަސީލަތްތަކެއް ގާއިމް ކުރުމަށް 126.9 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއެއްގައި އެމްޓީސީސީ އިން ސޮއި ކޮށްފިއެވެ.
މިހިނގާ ޑިސެމްބަރ މަހުގެ 12 ވަނަ ދުވަހު ސަރުކާރާއި އެމްޓީސީސީ އާއި ދެމެދު ސޮއި ކުރެވުނު މިމަޝްރޫޢަކީ އޭސިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގައި މުދާ އުފުލުމާއި ދަތުރުވެރިންނަށް ހާއްސަ ބަނދަރެއް ހަދާ އާ ނެރެއް ކެނޑުން ހިމެނޭއިރު، ކުދި އުޅަނދު ފަހަރަށް ޖެޓީތަކެއް ހެދުމާއި މުދާ އުފުލާ ބޭލުމަށް ރޭމްޕެއް ހެދުންވެސް ހިމެނެއެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ބަނދަރުގައި ފެރީޓާމިނަލެއް އިމާރާތް ކުރުމަށާއި، ފެރީ އޮޕަރޭޓްކުރާ ފަރާތްތަކަށް ޓިކެޓް ކައުންޓަރުތައް ހެދުމާއި، އޮފީސްތަކާއި ރީޓެއިން ފިހާރަތަކާއި ނަމާދުކުރާތަނެއް އަދި ކޮންވޭނިއަންސް ސްޓޯރު ކެފޭއާއި މައިންނަށް ހާއްސަ ސަރަހައްދެއް ތަރައްޤީ ކުރުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ތެރެއިން މަސް މާރުކޭޓެއް ހެދުމާއި މަސްކެނޑާތަނެއް ހެދުމާއި މަސްވެރިނަށް ފާހާނާއާއި ފެންވެރޭނެ އިންތިޒާމު ހަމަޖެއްސުމާއި ސްޓޯރާއި ފައިސާ ކައުންޓަރުތައްވެސް ގާއިމް ކުރެވޭނެ ކަމުގައެވެ.
މި މަޝްރޫޢުގެ ތެރެއިން ކުދި އުޅަނދު ފަހަރު ބޭނުންކުރުމަށާއި މޫދު ކުޅިވަރުތައް ކުޅުމަށް ވޯޓަރ ފްރަންޓް ޒޯނެއް ތަރައްޤީ ކުރުމަށް ނިންމާފައިވާކަމަށްވެސް އެމްޓީސީސީން ބުނެއެވެ.