ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްޤީކުރި ރަސްރަނި ބަގީޗާގެ ނަން، ކުރިން އިން ގޮތަށް ސަލްޓަން ޕާކަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަ ކުރައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައިވަނީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލު ކުރުމަށް އަންނަ އަންގާރަ ދުވަހު ކައުންސިލް ބައްދަލުވުމެއް ތާވަލުކޮށްފައިވާ ކަމަށެވެ.
ސަލްޓަން ޕާކަކީ ރާއްޖޭގައި އޮތް ރަސްކަން ނިމުމަށްފަހު އެއިރުގެ ގަނޑުވަރު ހުރި ބިމުގައި ޕާކެއްގެ ގޮތުގައި 1968 ވަނަ އަހަރު ހުޅުވި ތަނެކެވެ. ނަމަވެސް އެތަނުގެ ނަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ވެރިކަމުގައި، މިދިޔަ އަހަރުވަނީ "ރަސްރަނި ބަގީޗާ" އަށް ބަދަލު ކޮށްފައެވެ.
ސަލްޓަން ޕާކަށް އެފަދަ ބޮޑު ބަދަލެއް ގެނެސް، އެތަނުގެ ނަން ބަދަލު ކުރުމުން ކަމާބެހޭ ފަރާތްތަކުންނާއި އާންމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑު ކިޔުންވެސް އޭރުގެ ސަރުކާރަށާއި ރައީސް ޔާމީނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.