ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްޤައްޔޫމް ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާމެދު ފިޔަވަޅު އެޅުމަށް މަޝްވަރާކުރަމުންދާ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފި އެވެ.
ޑރ. ޝައިނީއަށް ފިޔަވަޅު އެޅުމަށް ޕީޕީއެމް އިން މަޝްވަރާކުރަމުންދަނީ ޝައިނީ ކުރެއްވި ޓުވީޓަކާއި ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ބައްދަލު ކުރައްވާ، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާ އޭނާ މަރާލަން އުޅުނު ހާދިސާއާއި ގުޅުން ހުރި ކަންކަން ސާފުކުރެއްވި ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓެކެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ޑރ. ޝައިނީއަށް ފިޔަވަޅު އެޅުމާއި މެދު ވިސްނަމުންދާކަމަށެވެ.
މީގެއިތުރުން ވަކި ވަޒީރެއްގެ ނަން ވިދާޅުނުވެ، އަބްދުއްރަހީމް ވަނީ ނުސީދާ ގޮތެއްގައި ޝައިނީ އަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ބައެއް މީޑިއާތަކުގައި ކުރީގެ ވަޒީރަކު، ޕީޕީއެމްއާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް ވަޒީރުގެ އެ ވާހަކަތައް އޭނާ ދޮގު ކުރައްވާ ކަމަށް ވެސް އަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ދޮގު ވާހަކަތައް ދެއްކުމުގެ ބަދަލުގައި އެ ވަޒީރަކު ރީއްޗަށް ހުންނެވި ކޮޅު ސާފުކޮށްދެއްވުން މާ ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.