ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ފުލުހަށް ހާޒިރުކުރީ ފައިސާގެ ދެ މައްސަަލައެއްގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
"ހިނގަވާފައި" ގޮސް ކާރުކޮޅަށް އަރުއްވައިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު، ތަހުގީގަށްފަހު އެއިދާރާއިން ނިކުމެ ވަޑައިގެން ސަޕޯޓަރުންނާއި އަދި މީޑިއާއާއި ބައްދަލު ކުރައްވާ ވިދާޅުވީ، އެމަނިކުފާނާއި ފުލުހުން ސުވާލު ކުރެއްވީ ފައިސާގެ ދެ މައްސަލައެއްގައި ކަމަށެވެ.
"ފުލުހުން ސުވާލު ކުރީ ދެ ކަމެއްގައި. އަޅުގަނޑާ ސުވާލު ކުރެއްވީ އަޅުގަނޑުގެ އެކައުންޓަށް ވަތް ފައިސާތަކަކާ ބެހޭ ގޮތުން. އޭގެ ތެރެއިން އެއް މައްސަލައަކީ އަޅުގަނޑުގެ އިންތިހާބުގެ އެކައުންޓަކަށް ވަތް ފައިސާގެ މައްސަލަ. އަނެއް މައްސަލައަކީ އެމްއެމްޕީއާރުސީގެ ޗެކެއްގެ މައްސަލަ." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނާއި އެކަނި ސުވާލު ކުރައްވަން ޖެހުނު ސަބަބެއް ވިސްނި ވަޑައި ނުގަންނަވާ ކަމަށާއި ކެމްޕޭނު ކުރެއްވީ ވެސް އެމަނިކުފާނު އެކަނި ނޫން ކަމަށެވެ.
"އަޅުގަނޑަކަށް މުޅިން ސާފެއް ނުވޭ ކީއްވެގެން ކަމެއް އަޅުގަނޑާ އެކަނި މި ސުވާލު ކުރަން ޖެހުނީ. ކެމްޕޭން ކުރެއްވީ އަޅުގަނޑު އެކަންޏެއް ނޫން. އަޅުގަނޑު އެކަންޏެއް ނޫން ކެނޑިޑޭޓަކީ. އަނެއް ކެނޑިޑޭޓާ ވެސް ސުވާލު ކުރައްވަން ވާނެ." ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއި ސިޔާސީ މައްސަލައެއް ކަމަށާއި ނަމަވެސް އެމައްސަލަތަކުގައި ފުރިހަމައަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީންގެ އެކައުންޓުތައް ވެސް ވަނީ އިއްޔެގެ ވަގުތެއްގައި ފްރީޒް ކޮށްފައެވެ. އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެވާހަކަ އަހާލަން ހަނދުމަފުޅު ނުވި ކަމަށެވެ.
"އެކައުންޓްތައް ފްރީޒް ކޮށްފައި ހުރި މައްސަލައިގައި އަޅުގަނޑު އެ ވާހަކަ އަހާލާކަށް ހަނދާނެއް ނެތް. އަޅުގަނޑުގެ އެކައުންޓްތަކުގައި މިލިއަން މިލިއަނެއް ނުހުންނާނެ. ކެމްޕޭން އެކައުންޓަކީ 400 މިލިއަނާ ހަމައަށް ޖަމާ ކުރެވޭ އެކައުންޓެއް. ތިޔަބޭފުޅުން ވިސްނަވާލައްވާ ރިޔާސީ އިންތިހާބެއް ކިހިނެއްތޯ ވިއްސަކަށް މިލިއަން ރުފިޔާ އިން ނިމޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ އެކައުންޓްގައި ހުންނާނީ ގިނަވެގެެން ވިއްސަކަށް މިލިއަން ރުފިޔާހެން." ރައީސް ޔާމީން ވިދާޅުވިއެވެ.