ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށްވުރެ ގިނަ ފައިސާ ފްރީޒްކޮށްފައިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ސުވާލު ކުރުމަށްފަހު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނެފައިވަނީ އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެވުނީ، ރައީސްކަމުގެ މަގާމުގައި ހުންނެވި މުއްދަތުގައި ގާނޫނާއި ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ ތަހުގީގަށް ސުވަލު ކުރެއްވުމަށް ކަމަށެވެ.
"ދައުލަތުގެ އިދާރާތަކުން މިސާރވިސްއަށް ހުށަހަޅުއްވާފައިވާ ޝައްކުކުރެވޭ މާލީ މުޢާމަލާތްތަކުގެ ރިޕޯޓުތަކާއި، މައްސަލަތަކާއި ގުޅިގެން މިސަރވިސް އިން ހިންގަމުންދާ ތަޙްގީގުގެ ބޭނުމަށްޓަކައި ސާފު ކުރެވުނު މައުލޫމާތުތަކުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ނަމުގައި ދިވެހިރާއްޖޭގެ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން މިހާތަނަށް މިސާރވިސް އަށް މައުލޫމާތު ލިބިފައިވާ އެކައުންޓުތަކަށް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އަދި އެފައިސާއިން މުޢާމަލާތްކޮށްފައިވާކަންފާހަގަ ކުރެވިފައިވެއެވެ. މިމައްސަލައިގެ ތަހުގީގު ބޭނުމަށްޓަކައި އިސްވެ ދެންނެވިފައިވާ އެކައުންޓުތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތުން، ދިވެހި ފައިސާއިން ޖުމްލަ 100 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ވަނީ ފްރީޒް ކޮށްފައެވެ." ފުލުހުން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުންގެ ބަޔާނުގައި މިހެން ބުނެފައިވާއިރު، ފުލުސް އޮފީހުން ނިކުމެވެ ވަޑައިގެން ސަޕޯޓަރުންނާއި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓުގައި ހުންނާނީ ގިނަވެގެން 20 އަކަށް މިލިއަން ރުފިޔާ ކަަމަށެވެ.
"....ކެމްޕޭން އެކައުންޓަކީ 400 މިލިއަނާ ހަމައަށް ޖަމާ ކުރެވޭ އެކައުންޓެއް. ތިޔަބޭފުޅުން ވިސްނަވާލައްވާ ރިޔާސީ އިންތިހާބެއް ކިހިނެއްތޯ ވިއްސަކަށް މިލިއަން ރުފިޔާ އިން ނިމޭނީ. އެކަމަކު އަޅުގަނޑަށް ހީވަނީ އެ އެކައުންޓްގައި ހުންނާނީ ގިނަވެގެެން ވިއްސަކަށް މިލިއަން ރުފިޔާހެން." ރައީސް ޔާމީން ވިދާޅުވިއެވެ.