ޓާޓާ ފްލެޓްތަކުގެ ބިއްލޫރިތައް ދޮންވެގެން ފައިބަނީ- ހޯދި ރަށް ގިރައެއް ނުލާ! ތަރައްޤީ ނުކުރާތީ ދައުލަތަށް އާމްދަނީ އެއްވެސް ނުލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ޓާޓާ ފްލެޓްތަކުގެ ބިއްލޫރިތައް ދޮންވެގެން ފައިބަނީ- ހޯދި ރަށް ގިރައެއް ނުލާ! ތަރައްޤީ ނުކުރާތީ ދައުލަތަށް އާމްދަނީ އެއްވެސް ނުލިބޭ!

އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ތަރައްޤީ ކުރި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށީ ދާދި އިހަށް ދުވަހުއެވެ. މިހާރު ބިއްލޫރިތައް ތެޅިގެން ފައިބަންފެށީއެވެ. ބެލެވެނީ އަވިން ހޫނުވުމުން ދޮން ބޮޑުވެގެން ކަމަށެވެ. ގައުކޮށްޓާއި އަރަބިއްޔާ ކޮށީގައި ފްލެޓް އަޅަން ދިނުމާއި އެކު މާލޭގެ އެންމެ މުހިންމު އިތުރު ދެބިންވެސް ތާޖް ގްރޫޕަށް ދިނެވެ.

އެތަނުން އޯޑިއޯން ހުރި ބިން މިހާރު ގައުކޮށްޓަށް ބަދަލުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ބްލޫހެވަން ހުރި ބިން އަދިވެސް ވަކި ގޮތަކަށް ނިމުނުކަން އެނގިފައެއް ނުވެއެވެ. މި ބިންތަކަށްބަލާއިރު އަރަބިއްޔާ ހުރި ބިމާއި އޯޑިއޯން ހުރި ބިމާއި ބްލޫ ހެވަން ހުރި ބިމަކީ ވިޔަފާރީގެ ބޭނުންތަކަށް ތަރއްޤީ ކުރިނަމަ އެކަމުން ލިބޭ ފައިސާއިން 10000 ފްލެޓް އަޅާނެ ފައިސާ ދައުލަތަށް ހޯދޭނެ އަގު ބޮޑު ބިންތަކެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ބިމުގެ ބޭނުން ކުރަނީ އެބިމަކުން އެންމެ ރަނގަޅު މަންފާއެއް ރައްޔިތުންނަށް ލިބޭނެ ގޮތަށެވެ. ރައްޔިތުން ދިރިއުޅޭނެ ފްލެޓް އަޅައިދެނީ އަގު ބޮޑު ބިންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އެކަމުން ލިބޭ ފައިދާއިންނެވެ. ނަމަވެސް ރާއްޖޭގައި ފެނިގެން މިދަނީ އެގޮތަށް އެކަން ކުރެވޭ ތަނެއް ނޫނެވެ. ބްލޫހެވަން ހުރި ބިމަކީ ވިޔަފާރިއާއި އޮފީސްތަކަށާއި ބޭންކްތަކަށް އަމާޒުކޮށްގެން ތަރައްޤީކޮށްފިނަމަ މަހަކު އެތައް މިލިއަން ރުފިޔާއެއް ވަގުތުން ލިބެން ފަށާނެ އަގުހުރި ބިމެކެވެ.

އެ ބިމުގައި މުއްސަނދިންނަށް އަމާޒުކޮށްގެން ފްލެޓްކޮޅެއް އެޅުމުން ދައުލަތަށް ލިބޭނީ ކިހައިވަރެއްގެ އާމްދަނީއެއްކަން ބުނެދޭން ސަރުކާރަށް ޖެހޭނެއެވެ. ޓާޓާ ކުންފުންޏަށް ދިނީ ހަމައެކަނި މާލޭގެ އަގު ބޮޑު ބިންތަކެއް ނޫނެވެ. އެކަމާއި ގުޅުވައި ޅ. އަތޮޅުގައި އޮތް އެންމެ އަގު ބޮޑު އެއް ފަޅުރަށްވެސް ވަނީ ދީފައެވެ. މިއަދާއި ހަމައަށް ވެސް އެ ރަށް ތަރައްޤީކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދެކެވުނީ އިހަށް ދުވަހުއެވެ. ރަށް ތަރައްޤީކުރުމުން ދައުލަތަށް ލިބޭނެ އާމްދަނީ ލިބެން ފަށާނެ ދުވަހެއް އަދިވެސް އޮތީ ޚިޔާލީ ހުވަފެނެއްގެ ގޮތުގައެވެ. މިހާރު މައްސަލަ އޮތީ 2 ގައުމުގެ މެދުގައި އޮތް ބޮޑު މައްސަލައަކަށް ހަދާފައެވެ.

ކޮންމެ ޤައުމެއްގެ ކުންފުންޏަކާއި އެކު އެއްބަސްވުމެއް ހެދި ނަމަވެސް އެ އެއްބަސްވުމަކުން ރާއްޖެއަށް ގެއްލުން ލިބޭނަމަ އެއީ ރާއްޖެއަށް ފައިދާހުރި އެއްބަސްވުމަކަށް ނުވާނެއެވެ. ރައްޔިތުންނަށް އެކަމުން ކުރާނެ ފައިދާއެއް ނުއޮންނާނެއެވެ. އިންޑިއާގެ ޓާޓާ ކުންފުންޏާއިއެކު ސަރުކާރުން ހެދި އެއްބަސްވުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ރައްޔިތުންނަށް ކުރާ ފައިދާއަށްވުރެ ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑު އެއްބަސްވުމެއްކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

މިއަދު އޮންލައިން