ވައްކަމާ އަނިޔާވެރިކަމުގެ މައްސަލަތައް ބެލުމާ ދެކޮޅަށް ޖޭޕީގެ މެންބަރެއްގެ ގޮތުގަ ހުރެގެން އެއްވެސް މީހަކު ނުނުކުންނާނެ: ޢަލީ ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 36ސ
ވައްކަމާ އަނިޔާވެރިކަމުގެ މައްސަލަތައް ބެލުމާ ދެކޮޅަށް ޖޭޕީގެ މެންބަރެއްގެ ގޮތުގަ ހުރެގެން އެއްވެސް މީހަކު ނުނުކުންނާނެ: ޢަލީ ޞާލިޙް

ވައްކަމާއި އަނިޔާވެރިކަމުގެ މައްސަލަތައް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން ބެލުމާއި ދެކޮޅަށް ޖޭޕީގެ އެއްވެސް މެންބަރަކު ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުރެގެން ނުނުކުންނާނެ ކަމަށް ޖޭޕީގެ އިސް ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ޢަލީ ޞާލިޙް މިއަދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަކީ އަބަދުވެސް ވައްކަމާއި ކޮރަޕްޝަނާއި އަދި އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށާއި ޖުމްހޫރީ ޕާޓީއަކީވެސް އެ މޭރުމުން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. "ރާއްޖޭގައި މިހާރު މިއޮތް ވެރިކަމަކީ ޖޭޕީން ޚާއްޞަކޮށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވައްކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައި ވަރަށް ބޮޑެތި ޤްރްބާނީތަކެއް ވެޑައިގަންނަވައިގެން ގެންނެވުނު ވެރިކަމެއް.

ލީޑަރު ޤާސިމް އިބްރާހީމް ވަނީ އަމިއްލަފުޅު ނަފްސާއި މިލްކިއްޔާތު ޤްރްބާން ކުރައްވާފައި. ރައީސް ޔާމީނުގެ ސަރުކާރުގެ އަނިޔާވެރިކަމާއި ވައްކަން ނިމުމަކަށް ގެންނަން ކުރި މަސައްކަތްތަކުގައި އެންމެ ބޮޑު ގެއްލުމާއި އަނިޔާ ލިބިވަޑައިގަތީ ލީޑަރު ޤާސިމް އިބްރާހީމް އަށް." ޢަލީ ޞާލިޙް ވިދާޅުވީ ކޯލިޝަނުގެ އެންމެ ބޮޑު ވައުދަކީވެސް އަދި ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީވެސް ރައީސް ޔާމީނުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކާއި ހިންގާފައިވާ އަނިޔާވެރި ޖަރީމާތަކުގެ މައްސަލަތައް ބެލުން ކަމަށެވެ.

 

އެހެންކަމުން ޖުމްހޫރީ ޕާޓީ އަބަދުވެސް ދެމި އޮންނާނީ އެންކަން ކުރުމަށް ފުރިހަމަ އެއްބާރުލުން ދިނުމުގަ. ޖުމްހޫރީ ޕާޓީ އުފެއްދި ބޭނުމަކީވެސް ވައްކަމާއި އަނިޔާވެރިކަމުން ސަލާމަތްވެފައިވާ ވެރިކަމެއް ޤައުމުގައި ކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން.

 

އެއިރަކު އޮންނަ ސަރުކާރަކަށް ޤާނޫނުގެ ތެރެއިން ކަންކަނަ ކުރުމަށް ހިތަވަރުދީ އެކަމަށް ބާރުއެޅުން. ޖުމްހޫރީ ޕާޓީ އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އެ މަޤްޞަދުތައް ޙާޞިލުކުރުމަށް." ޢަލީ ޞާލިޙް ވިދާޅުވީ ރައީސް ޔާމީނުގެ މައްސަލަތަކެއް ބެލުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން އެކަމާއި ދެކޮޅަށް ނުކުތުމަކީ ރައީސް ޔާމީނުގެ މައްސަލަތައް ބެލުމާއި ދެކޮޅުވުން ކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ނަމަވެސް ތުހުމަތު ކުރެވޭ މައްސަލަތައް ބެލުމާއި ދެކޮޅު ހެދުމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތުގެ ވިންދާއި ދެކޮޅުވުން ކަމަށެވެ. އެހެންކަމުން އެއީ ޖުމްހޫރީ ޕާޓީން އެއް ގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

 

ޢަލީ ޞާލިޙް ވިދާޅުވީ ދާދިފަހުން ޖޭޕީއަށް ސޮއިކުރި މަޖިލީހުގެ 3 މެންބަރަކު އެދުވަހު ރައީސް ޔާމީނުގެ މައްސަލަތައް ބެލުމާއި ދެކޮޅަށް މަގުމައްޗަށް ނުކުތް މައްސަލަ ބައްލަވައި އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ޖޭޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޢަބްދުﷲ ރިޔާޟް ރޭ ވިދާޅުވުމުން އެކަމަށްޓަކައި ޖޭޕީން ވަރަށް ބޮޑަށް މަރުޙަބާ ކިޔާ ކަމަށެވެ. "އެކަމުގަ އަވަސް ފިޔަވަޅުތައް އަޅާނެ ކަމަށް ވިދާޅުވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް.

 

ވައްކަމާއި އަނިޔާވެރިކަމާއި ދެކޮޅަށް ކުރި ވަރަށް ދިގުދަތުރެއް ނިންމާލާފަ އަދި މިވެރިކަން މިއުޅެނީ ރަނގަޅަށް ހަމައަކަށްވެސް ނޭޅި. މިދަތުރުގަ އެންމެ ބޮޑު ރިސްކެއް ނެންގެވީވެސް އެންމެ ބޮޑު ޒިންމާއެއް އުފުއްލެވީވެސް ލީޑަރު ޤާސިމް އިބްރާހީމް. ކޮންމެ ޕޯޑިއަމެއްގަ ލީޑަރު ޤާސިމް އިބްރާހީމް ރައީސް ޞާލިޙްގެ ވެރިކަން ދިފާޢުކުރައްވައި ދަމަހައްޓަވާނެ ކަމަށް ވިދާޅުވަމުން އެގެންދަވަނީ އެއީ ކިހައި މުހިންމު ކަމެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާތީ.

ވައްކަމާ ޚިޔާނާތާ އަނިޔާވެރިކަމުގެ މައްސަލައެއް ބެލުމާ ދެކޮޅަށް ޖޭޕީގެ އެންމެ މެންބަރަކުވެސް ނުކުމެވަޑައިގަތުމަކީ ލީޑަރު ޤާސިމް އިބްރާހީމް ބޭނުންފުޅުވާނެ ކަމެއް ނޫން. ވީމާ އެއީ ޖޭޕީ އާއި ޖޭޕީގެ ލީޑަރު ދެކެ އެއްވެސް ވަރަކަށް ލޯބިވާ، އިޚްލާޞްތެރިއަކު ކުރާނެ ކަމެއް ނޫން." ޢަލީ ޞާލިޙް ވިދާޅުވީ މަޖިލީހުގައި ވަރަށް މުހިންމު ކަންތައްތަކެއް އެޖެންޑާ ކުރެވި ކުރިއަށް ދިއަ ވަގުތެއްގައި މަޖިލީހުގައި ނުތިބެ މަގުމަތީގައި ރައީސް ޔާމީނު ކުރެއްވި ވައްކަމާއި އަނިޔާ ދިފާޢުކުރަން ޖޭޕީއަށް ނިޞްބަތްވާ މަޖިލީހުގެ މެންބަރުން އުޅުމަކީ ޖޭޕީއިން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ޖޭޕީއަށް ލިބިފައިވާ ކަމަށެވެ.

 

"އެކަމުގެ ސަބަބުން ފިތުނަ އުފައްދަން ބޭނުންވާ މީހުންނަށް ވަނީ އެކަން ކުރަން ފުރުޞަތު ލިބިފަ. މިއީ މުޅި ޖޭޕީއަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް. ވީމާ ޖޭޕީގެ ޢާންމު މެންބަރުން މިކަން ބަލައެއް ނުގަންނާނެ." ކަމަށްވެސް ޢަލީ ޞާލިޙް ވިދާޅުވިއެވެ.

މިއަދު އޮންލައިން