މަގުތަކާ މުޖުތަމައުގެ އަމާންކަން ކަށަވަރުކުރަން ފުލުހުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ މިހާރުވެސް ފެށިފައިވާ މި މަސައްކަތަކީ މިސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެހިފައިވާ ކަމެއް ކަމަށާއި ރަސްމީ ގޮތުން މިއަދު މަސައްކަތް ފެށި ނަމަވެސް މި މަސައްކަތް ވަނީ ކުރަން ފަށާފައި ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ފުލުހުން ކުރާ މަސައްކަތަށް ސިޔާސީ ނުފޫޒު ނުފޯރުވޭކަން ކަށަވަރު ކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރައި ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.