ކުރީގެ އަރަބިއްޔާ ސްކޫލު ހުރި އިމާރާތުގައި ޓާޓާ އިން ހަދާފައިވާ އެޕާޓްމަންޓުތަކުގެ ބައެއް ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސްފިއެވެ.
މި ހާދިސާއާާ ގުޅިގެން، އެތާނގައި ފުލުހުންނާއި އެޗްޑީސީގެ އޮފިޝަލުން ހަރަކާތްތެރިވަމުން އެބަ ދެއެވެ.
އެނގިފައިވާ ގޮތުގައި ތަޅައިގެން ގޮސްފައި ވަނީ، އެއިމާރާތުގެ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓަކާއި ހަވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ސްލައިޑް ދޮރެއްގެ ބިއްލޫރިގަނޑެކެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، މިކަން ހިނގަން މެދުވެރިވި ސަބަބެއް އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.
އެތަނުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި، ދޮރުފަތްތަކުގެ ބިއްލޫރިތައް ތަޅައިގެން ދިޔައީ، ފެންވަރު ދަށް ބިއްލޫރި ބޭނުން ކޮށްފައި ހުރުމުގެ ސަބަބުންނެވެ. އަދި އެއީ އަމިއްލަ ޒާތުގައި ވެފައިވާ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. "ހަމަ ހުރެފަ ތެޅެނީ، މީހަކު ތަޅާލަނީކީ ނޫން" އެކަމާއިބެހޭ ގޮތުން މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
ލިޔުނީ: ޒިދާން މުޙައްމަދު