ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން 40 ނަރުދަމާގެ އަގަށް 20 ރަށެއްގެ ނަރުދަމާ އެޅުމަށް، ސްރީލަންކާގެ ކުންފުންޏަކަށް ދިން އެއްބަސްވުން އުވާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސަރުކާރަށް އަންގައިފިއެވެ.
އެއްބަސްވުމާއިގުޅޭ މައްސަލަތައް ބެލުމަށްފަހު 12 ނުކުތާއެއް ފާހަގަކޮށް މި އަހަރުގެ ކުރީކޮޅު ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން 20 ރަށެއްގައި ނަރުދަމާ ނިޒާމް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއާ ގުޅޭ އެންމެހާ ކަންކަން ބާތިލްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އޭސީސީން ވަނީ އަންގާފައެވެ.
އޭސީސީންބުނީ 20 ރަށުގެ ނަރުދަމާގެ މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވާ އަގުގެ ވަކިވަކި ރަށްރަށަށް ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުތަކާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރާނެ ފަރާތްކަމަށް ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ދިވެހިރާއްޖޭގައި ކޮށްފައިވާ އަދި ކުރަމުންދާ ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ އަގުތަކާ އަޅާކިޔާއިރު 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ ވަކިވަކި ރަށްރަށަށް ހުށަހަޅާފައިވާ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި، އެގޮތުން އެ މަޝްރޫޢުއަށް ހުށަހަޅާފައިވާ އަގު ރަށަކަށް އެވަރެޖްކޮށް 2.53 (ދޭއް ޕޮއިންޓް ފަހެއް ތިނެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން ނަމަ 38,981,985.90 (ތިރީސް އަށް މިލިއަން ނުވަސަތޭކަ އަށްޑިހަ އެއްހާސް ނުވަސަތޭކަ އަށްޑިހަ ފަހެއް ރުފިޔާ ނުވަދިހަ ލާރި) ޖެހޭކަމުގައެވެ.
އެހެންކަމުން އެ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކުގެ (8 ރަށުގެ) ރަށަކަށްޖެހޭ އެވްރެޖް އަގަކީ 0.90 (ސުމެއް ޕޮއިންޓް ނުވައެއް ސުމެއް) މިލިއަން ޔޫ.އެސް ޑޮލަރަށް، ދިވެހި ރުފިޔާއިން ނަމަ 13,851,062.34 (ތޭރަ މިލިއަން އަށްސަތޭކަ ފަންސާސް އެއްހާސް ފަސްދޮޅަސް ދޭއް ރުފިޔާ ތިރީސް ހަތަރު ލާރި) ކަމަށްވާތީ އެ އަގަކީ މަސައްކަތް ކުރަން ކަނޑައަޅާފައިވާ ކުންފުނިން (އެހެން ކުންފުންޏެއް) ހިންގާފައިވާ ނުވަތަ ހިންގަމުންދާ މަޝްރޫޢުތަކުގެ އެވްރެޖް އަގުގެ ދެގުނަ ބޮޑު އަގެއްކަން ފާހަގަކުރެވޭކަމާއި، މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރެވޭނޭކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އޭސީސީން ބުނެއެވެ.
އޭސީސީންބުނީ 20 ރަށުގެ ނަރުދަމާގެ މަޝްރޫޢު 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރުގެ އަގަށް ކުރިއަށްގެންދިއުމަށް ފުރަތަމަ ނިންމިއިރު، ފައިނޭންޝަލް ކޮސްޓްގެ ބޮޑުބައެއް ކަމުގައިވާ ލޯނުގެ އިންޓަރެސްޓް ދައްކަންޖެހޭނީ ސްރީލަންކާގެ ކުންފުނިންކަން ފާހަގަކުރެވޭތީއާއި، ފަހުން މި މަޝްރޫޢުއަށް ބޭނުންވާ ލޯނު ނެގުމަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ނަންމަތީގައި ކަމަށްވާތީ މި މަޝްރޫޢުގެ ރީޕޭމަންޓް ފައިސާ ބޭންކްތަކަށް ދައްކާނީ ފެނަކަ ކޯޕަރޭޝަން ކަމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ލޯންގެ ގޮތުގައި ނަގާ ފައިސާގެ %117.06 އަނބުރާ ދައްކަންޖެހޭއިރު، ކޮސްޓް އޮފް ފައިނޭންސްގެ ބައެއްގެ ގޮތުގައި %17.06 އަށްވާ، 8,872,502.00 (އަށް މިލިއަން އަށްސަތޭކަ ހަތްދިހަ ދެހާސް ފަސްސަތޭކަ ދޭއް) ޔޫ.އެސް ޑޮލަރު، ދިވެހި ފައިސާއިން އަދަދުކުރާނަމަ 136,813,980.84 (އެއްސަތޭކަ ތިރީސް ހަ މިލިއަން އަށްސަތޭކަ ތޭރަހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) ދައްކަން ޖެހޭނެތީ މިހާރު މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ސްރީލަންކާގެ ކުންފުނިން ވަކިވަކި ރަށްތަކަށް ހުށަހަޅާފައިވާ ޖުމުލަ އަގު ކަމުގައިވާ 50,560,293.00 (ފަންސާސް މިލިއަން ފައްސަތޭކަފަސްދޮޅަސް ހާސް ދުއިސައްތަ ނުވަދިހަ ތިނެއް) ޔޫ.އެސް ޑޮލަރަކީ ފައިނޭންސް ކޮސްޓް ހިމަނައިގެން އެ ކުންފުނިން ހުށަހަޅާފައިވާ އަގެއް ކަމަށްވާތީ، އެ އަގުގައި މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެކަމެއް ކަމުގައެވެ.