87 ދާއިރާގަ ވާދަކުރާނެ ކެންޑިޑޭޓުން ޖޭޕީގަ ވެސް އެބަތިބި- ބޭނުމީ ކޯލިޝަނުގެ ތެރެއިން ނިންމަން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
87 ދާއިރާގަ ވާދަކުރާނެ ކެންޑިޑޭޓުން ޖޭޕީގަ ވެސް އެބަތިބި- ބޭނުމީ ކޯލިޝަނުގެ ތެރެއިން ނިންމަން: ޤާސިމް

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް ވެސް ވާދަކުރާނެ ކެންޑިޑޭޓުން ޖޭޕީގައި ވެސް އެބަތިބި ކަމަށާއި ނަމަވެސް ވާދަކުރާނެ ދާއިރާތައް ނިންމަން ބޭނުންވަނީ ކޯލިޝަނުގެ ތެރެއިން އެއްބަސްވެވޭ އުޞޫލަކުން ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

ޖެޕީން މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުޤުވެރިކަން ޖޭޕީގެ ގިނަ އަދަދެއްގެ މެންބަރުން ފައުޅުކުރަމުން ގެންދާ ކަމަށާއި ކަންކަން ނުނިންމަވައި މަޑުކުރައްވަނީ ކޯލިޝަނަށް އިޙްތިރާމް ކުރެއްވުމަށް ކަމަށެވެ. "އަޅުގަނޑުމެން އެއްވެސް ޙާލެއްގައި ނުވާނަން ކޯލިޝަން ރޫޅައިލާ ބައަކަށް. ހުރިހާ ކަމެއްވެސް ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން ކަޑަޖަހައި ދައްކާފައިވާ އިންތަކުގެ ތެރެއިން."

 

       

 

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަށްވެސް ވާދަކުރަން ކެރޭނެ ކަމަށާއި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. ޖޭޕީން އަބަދުވެސް ގެންދަނީ ކަންކަމަށް ކުރިމަތިލަމުން ކަމަށެވެ. "ވާދަކުރަން ނުކެރިގެން ފަސްޖެހިފައެއް ނުއޮންނާނެ. ޖޭޕީން ކުރަމުން ގެންދާ އިންތިޒާރަށް ވެސް ކޮންމެވެސް ވަގުތަކު ނިމުން ވެސް އަންނާނެ. އެ ވަގުތު މާލަހެއްވެސް ނުވާނެ އިލެކްޝަންސް ކޮމިޝަނުން މިހާރު އެވަނީ އިންތިޚާބު ބޭއްވުމާ ބެހޭ ތާރީޚްތައް ވެސް އިއުލާނުކޮށްފަ."

 

ޤާސިމް އިބްރާހީމް ވިދާޅުވީ ރައްޔިތުން ކަންކަން ނިންމަނީ ބާރު ގަދަ ނުވަތަ މީހާގެ ސައިޒަށް ބަލައިގެން ނޫން ކަމަށާއި މީހާގެ ޤާބިލުކަމަށް ބަލައިގެން ކަމަށެވެ. އަދި ކޮންމެ ޕާޓީއެއްގައި ތިބި ނަމަވެސް ރައްޔިތުން ވޯޓުލާނީ ކެންޑިޑޭޓުންނަށް ބަލައިގެން ކަމަށެވެ.

 

ޤާސިމް އިބްރާހީމް ވިދާޅުވީ ޖަހަން އަތް މަޅާލައިފި ނަމަ ޖަހަން މަލައިލި އަތުގައި ހިފަހައްޓަން ޖޭޕީންވެސް މަސައްކަތް ކުރާނެ ކަމަށެވެ. "އެއީ މާ ބާރުގަދަވެގެނެއް ނޫން. ފަހަރަެއްގައި ވެދާނެ އަޅުގަނޑުމެންގެ އަތް މުގުރައިގެން ހިނގައިދާނެ ކަމަށްވެސް. ނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫން. ބިންދައިގެންދަންޏާ ހިނގައިދާނެ. އުދުއްސައިގެންދަންޏާވެސް ހިނގައިދާނެ. އަޑިއަށް ދަންޏާ ވެސް ހިނގައިދާނެ."

 

ޤާސިމް އިބްރާހީމް ވިދާޅުވީ އެއްވެސް ހައްޤަކާއި ނުލައި މީހުންނަށް އަބަދު ޖެއްސުންކޮށް ފުރައްސާރަކުރުމަކީ އެއްވެސް މީހަކު ކުރަން ހެޔޮވާނެ ކަމެއް ނޫން ކަމަށާއި އެކަން ކޮށްގެން އެއްވެސް މީހަކަށް އަބަދު ނުއުޅެވޭނެ ކަމަށެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށާއި އެފަދަ ކަންކަން ކުރަން ހެޔޮ ނުވާނެ ކަމަށެވެ. "މީހެއްގެ ޢަޤީދާގައި މައްސަލައެއްވެސް އުޅެދާނެ. ނަމަވެސް އެއްވެސް މީހަކީ އެހެން މީހުންނަށް އުނދަގޫކުރާ މީހަކަށް ވެގެން ނުވާނެ. އެއްވެސް ކުށެއް ނެތި މީހުންނަށް ޖެއްސުންކޮށް ފުރައްސާރަ ކުރުމަކީ އިސްލާމް ދީނުގައި ޖިނާޢީ ކުށެއް،"

 

ޤާސިމް އިބްރާހީމް ވިދާޅުވީ ބައެއް މީހުން ﷲ އަށާއި ރަސޫލް (ޞޢވ) އަށްވެސް ގެންދަނީ ސޯޝަލް މީޑިއާގައި ފުރައްސާރަކުރަމުން ކަމަށެވެ. އަދި އެފަދަ މީހުންނަކީ މުޖުތަމައު ފަސާދަކުރާ މީހުން ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު އޮންލައިން