6 ބަނަ ފަންގިފިލާއިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އުމުރުން 9 އަހަރުގެ ކުައްޖަކު މަރުވުމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ނޭޝަނަލް ޕްލޭނިންގ މިނިސްޓްރީ އާއި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުން ގެންދަނީ މަސައްކަތްކުރާ ސައިޓުތައް ބަލައި ފާސްކުރަމުންނެވެ. އެތަންތަނުގެ ސަލާމަތީ ކަންކަން ހުރި މިންވަރު ބަލައި ކަށަވަރުކުރަން މަސައްކަތް ކުރަމުންނެވެ.
އިބްލާޙްކުރަން އަޅަންޖެހޭ ފިޔަވަޅުތައް ވެސް ބަލަމުންނެވެ. ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ހުރިހާ ސަމާލުކަމެއް ވަނީ އެކަމަށް ހުއްޓިފައެވެ. ދިމާވީ ކުޑަކަމެއް ނޫނެވެ. އެހެންކަމުން އަވަސްފިޔަވަޅުތައް އަޅައި ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރުމަކީ ސަރުކާރުގެ މަސއޫލިއްޔަތެކެވެ. އެކަމަށް މަރުޙަބާވެސް ކިޔަން ޖެހެއެވެ.
މާލޭ ސިޓީ ކައުންސިލުންވެސް ބުނަމުން ގެންދަނީ މަސައްކަތްކުރާ ސައިޓުތައް ބެލެހެއްޓުމުގައި ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެއީ ވެސް ހަމަ ވަރަށް ރަނގަޅު ނިންމުމެކެވެ. އަދި މިހައިތަނަށް އިވޭ އަޑުތަކުގައި ސައިޓުތަކުގައި މަސައްކަތް ކުރަނީ ސަރުކާރަށް ދައްކަންޖެހޭ ވިސާ ދައްކައިގެން ތިބި، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް މީހުންކަން ބެލިކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މިދުވަސްކޮޅު އިރުއިރުކޮޅުން ޗެކްކުރަން ދާތީ ފަހަރެއްގައި މަގުމަތިން ހޮވާ މީހުން ލައްވައި މަސައްކަތް ކުރުވާ މިންވަރު މަދުވެސް ވެދާނެއެވެ. މަސައްކަތް ކުރާ ސައިޓުތަކުގެ ކަންކަން ބަލަހައްޓަން ސައިޓުތަކަށް ޒިޔާރަތްކުރާ ބައަކު މިއީވެސް ހަމަ ކޮންމެ ދުވަހަކު ކުރަންޖެހިފައިވާ ކަމެކެވެ. މަގުމަތިން ހޮވާ މީހުން ލައްވައި ސައިޓުތަކުގައި މަސައްކަތް ކުރުވާއިރު އެމީހުން ހޮވައިގެން ގެންދަނީ ހެނދުނުގެ ސައިވެސް ނުބޮއި މަގުމަތީގައި ތިއްބައެވެ. އެހެންކްމުން އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރުމުގެ ބާރުވެސް ގައިގައި ނެތުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ޙާލަތުގައި މަސައްކަތް ކުރެވޭނީ ވެސް އެންމެ ފުރިހަމައަކަށް ނޫނެވެ.
މިފަދަ މައްސަލަތަކަށްވުރެ ބޮޑީ ރާއްޖޭގެ އާބާދީ އާއި ނުބައްދަލު އަދަދެއްގެ ބިދޭސީން ޤާނޫނާއި ޚިލާފަށް ރާއްޖޭގައި ތިބިކަމެވެ. އެމީހުން ލައްވައި މަސައްކަތް ކުރުވާ ކަމެވެ. ފާއިތުވި ސަރުކާރުތަކަށް ބަލައިފިނަމަ އަބަދުވެސް އެންމެ ބޮޑުވެފފައި އޮންނަނީ ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ ހައްޤުތަކެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަކީ އެއްވެސް ޙައްޤެއް އަދި ބާރެއް ލިބިފައިވާ ކަންކަމެއް ނޫނެވެ. އެއަށް އަމަލުކުރުމަކީ ހަމައެކަނި ދިވެހިން ކުރަންޖެހޭ ކަމެކެވެ.