އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏަކާއި ޙަވާލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 44ސ
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އިއާދަކުރަނިވި ހަކަތަ އުފައްދާ ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏަކާއި ޙަވާލުކޮށްފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި 1 މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ސިސްޓަމަކާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ޖަޕާންގެ ކުންފުންޏެއްކަމަށްވާ ނިޝިޒަވާ ލިމިޓެޑާއެކީ ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ވިދާޅުވީ މިއީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި ކަރަންޓުގެ އަގު އަތްފޯރާފަށަށް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އަދި ނިޝިޒަވާ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިންގ ބްރާންޗް މެނޭޖަރ މިސްޓަރ ސުމިއޯ ފުޖިއޯކާ އެވެ. މި މަޝްރޫޢުއަށް ބޭނުންވާ ފައިސާގެ އެހީ ފޯރުކޮށްދީފައިވަނީ ޖަޕާނު ސަރުކާރުގެ ފަރާތުން ހިންގާ ޖަޕާން ފަންޑް ފޮރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) އިންނެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕީކް ލޯޑް އަކީ މިހާރު 5.8 މެގަވޮޓެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް އެކި ސައިޒުގެ 14 ޑީސަލް ޖަނެރޭޓަރު އަދި 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވި ދަނީ ބޭނުންކުރެވެމުންނެވެ.

 

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިހާރު ޤާއިމުކުރެވިފައިވާ 1.6 މެގަވޮޓްގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމާއި ބެޓެރީ ސްޓޯރޭޖް ސިސްޓަމް އަދި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ގުޅުވާލެވުމުން ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރުގެ މުޅި ޖުމްލަ 12.5 އިންސައްތަ ދަށްވެގެންދާނެކަމަށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަކީ ތަފާތު ސައިޒުތަކުގެ ޖެނެރޭޓަރާއި އެކި ސައިޒުތަކުގެ ޑިސްޓްރިބިއުޝަން ކޭބަލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފޯރުކޮށްދެމުންދާ ނިޒާމެއްކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް ދަނީ ދަތިތަކާއި ކުރިމަތިވަމުންނެވެ.

އެހެންކަމުން މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ބެޓެރީ ސްޓޯރޭޖް ސިސްޓަމާއި އެނަރޖީ މެނޭޖްމަންޓް ސިސްޓަމުގެ ސަބަބުން މި މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވޭ ސިސްޓަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ޕަވަރ ސިސްޓަމަށް އެކަށީގެންވާ ޙައްލެއް ލިބިގެންދާއިރު ކަރަންޓު އުފެއްދުމަށް ޑީސަލް ބޭނުންކުރާ މިންވަރު 8 އިންސައްތަ ދަށްވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ބެޓެރީ ސްޓޯރޭޖް ޓެކްނޮލޮޖީ އާއި އެނަރޖީ މެނޭޖްމަންޓްގެ ދާއިރާއިން އައްޑޫ ސިޓީގެ އިންޖީނުގެތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް ތަމްރީނު ފޯރުކޮށްދެވޭނެއެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ 4,075,016 ދިވެހި ރުފިޔާއެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ.

މިއަދު އޮންލައިން