ރައީސް ޞާލިޙުގެ ސަރުކާރުގެ ގަދަކަމަކީ ޖަލުގަ ހިނގި ކަންކަން ސިއްރު ނުކުރުން، ބަލަން ފަސްނުޖެހުން: މަޙުލޫފް

ކިޔުމަށް ހޭދަވާނީ 1މ 32ސ
ރައީސް ޞާލިޙުގެ ސަރުކާރުގެ ގަދަކަމަކީ ޖަލުގަ ހިނގި ކަންކަން ސިއްރު ނުކުރުން، ބަލަން ފަސްނުޖެހުން: މަޙުލޫފް

މާފުށީ ޖަލުގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދިނުމާއި ގުޅިގެން އެޖަލުގައި ހިނގައިދިޔަ ހާދިސާގައި. ސަރުކާރުން އަމަލުކުރި ގޮތާއެިމެދު މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަހުމަދު މަހުލޫފް އުފާކުރައްވާ، ތައުރީފު ކުރައްވައިފިއެވެ. 

އެކަމާއި ގުޅޭގޮތުން މިނިސްޓަރ މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ނުބައި އަދި ރަނގަޅު ގައިދީން އުޅޭ ކަމަށާއި، ރަނގަޅު އަދި ގޯސް އޮފިސަރުން ވެސް އުޅޭ ކަމަށެވެ. ދިމާވެގެން އުޅޭ މައްސަލައިގެ ހަގީގަތް އިނގޭނީ ތަހުގީގު ކުރުމުން ކަމަށާއި "ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގަދަކަމަކީ އެކަންކަން ސިއްރު ނުކުރުމާއި، ބަލަން ފަސް ނުޖެހުން" ކަމުގައެވެ. އަދި ގޯހީ ގައިދީތޯ ނުވަތަ އޮފިސަރުތޯ ބުނަން، މިސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް ޔޫތު މިނިސްޓަރު ވިދާޅުވެފައިވެއެވެ. 

މާފުށީ ޖަލުގައި ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް ކޮމިޓީތަކުންވެސް ބުނެފައިވަނީ މިމައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ. 

މިމައްސަލައިގައި މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެކޮމިޓީގެ ބައެއް މެމްބަރުންވެސް ވިދާޅުވީ، މިމައްސަލަ ހޯމް މިނިސްޓްރީން ސިއްރު ނުކޮށް ހާމަ ކުރެއްވުމަކީ ކުރެއްވި ވަރަށް ރަނގަޅު ކަމެއް ކަމުގައި ވިދާޅުވެފައެވެ. 

މިހާދިސާއާއި ގުޅިގެން، މިކަން ހިނގައިދިޔަ ގޮތް ގާތުން ބަލައި އޮޅުން ފިއްލެވުމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވެސް ވަނީ މިއަދު ޖަލަށް ވަޑައިގެންފައެވެ.

 

މިއަދު އޮންލައިން