އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ގައި ރާއްޖެއަށް މިހައި ގިނަ ރަން މެޑެލް އާއި އިތުރު މެޑެލްތައް ލިބުނީ މިހައިތަނަށް ސަރުކާރުން ކުޅިވަރަށް ދިން އެންމެ ފުރިހަމަ އެއްބާރުލުން ދިނުމުން ކަމަށް ޔޫތް މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން އައިލަންޑް ގޭމްސް ގައި ބައިވެރިވި ކުޅުންތެރިންނަށް މަރުޙަބާ ކިޔުމަށް ޖުމްހޫރީ މައިދާނުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މަޚްލޫފް ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށާއި އެހެން ކަމަށް ސަރުކާރުން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށާއި ކުޅުންތެރިންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދީފައި ކަމަށެވެ. އަދި މުބާރާތް ކުރިއަށް ދިއައިރު ވަކިވަކި މެޗްތަކާއި ކުޅުންތެރިންގެ ކަންކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ގާތުން ބައްލަވައި ހިތްވަރު ދެއްވާފައިވާ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މުބާރާތް މޮރިޝަސްގައި ކުރިއަށް ދިއައިރު ބައްލަވާލައްވައި ކުޅުންތެރިންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވާފައެވެ. އަދި މެޗްތަކާއި ގުޅިގެން ކާމިޔާބީ ފާހަގަކުރައްވައި އުފާ ފައުޅުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ ކުރިން ރާއްޖެ ފައިނަލަށް ހިނގައްޖެ ނަމަ ރާއްޖޭގެ އިސްވެރިންގެ ތާއީދެއް ބައެއް ފަހަރު ލިބުނު ނަމަވެސް މުބާރާތެއް ހިނގައި ނިމެންދެން ޤައުމުގެ އެންމެ އިސްވެރިޔާ އެކަމަށް ސަމާލުކަން ދެއްވާފައި ނުވާކަން ފާހަގަކުރެވެއެވެ.
މަޚްލޫފް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ބައިނަލް އަޤްވާމީ ކުޅިވަރުތަކުގައި ރާއްޖެ ދާނީ އިތުރަށް ވިދަމުން ކަމަށެވެ. އެކަމަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެމުން ގެންދާނެ ކަމަށެވެ. އަދި މި މުބާރާތުގައި މިހައި ބޮޑު ކާމިޔާބީއެއް ޙާޞިލުކުރެވުނީ ބެލެނިވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުން ކުރި ވަރަށް ބުރަ މަސައްކަތުންކަން ފާހަގަކުރައްވައި މަޚްލޫފް ވަނީ އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.