ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަކަށް އިލްތިމާސްކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން ޖަމިއްޔާތަކަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބްތަކާއި ޖަމިއްޔާ އަދި ޖަމާއަތްތަކުން އިލްތިމާސްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖަމިއްޔާތަކުން ރައްޖޭގެ ގާނޫނު އަސާސީއާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިހުތިރާމްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޔޫތު މިނިސްޓްރީން މިހެން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި ހިންގާ ޖަމިއްޔާއަކުން ދީނަށް ފުރައްސާރަ ކުރަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފައުޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއީ 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއް ނަމަވެސް އޭރުގެ ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ. އަދި އެ ރިޕޯޓުގެ މައްސަލަ މި ސަރުކާރަށް ފާހަގަވުމާއެކު ތަހުގީގު ކުރުމަށް ފުލުހުންނަށް އަންގާފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

"ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ކުލަބު ޖަމިއްޔާ ޖަމާއަތްތަކެއް ވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަށް، ސަރުކާރުިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ގާނޫނު އަސާސީ އާއި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އިހްތިރާމު ކުރުމަށް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

 

 

މިއަދު އޮންލައިން