ރާއްޖޭގެ ފިޓްނަސް އެމްބެސަޑަރަކަށް ސުނީލް ޝެޓީ ހޮވުމުން، ބައެއް ދިވެހިންގެ ފާޑުކިޔުން އަމާޒުވީތީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ހިތުގައި ޖެހިވަޑައިގެންފިއެވެ.
ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅި ޕްރޮމޯޓު ކުރުމަށް ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ޔޫތު މިނިސްޓްރީން ބޮލީވުޑްގެ އެކްޓަރ ސުނީލް ޝެޓީ ހަމަޖައްސާ އެކަން އިއުލާން ކުރީ މިއަދުއެވެ. ނަމަވެސް އެއިއުލާނާއެކު ދިވެހިންގެ ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެމިނިސްޓްރީއަށާއި މިނިސްޓަރ މަޙްލޫފަށް އަމާޒުވެފައެވެ. އެނގިފައިވާ ގޮތުގައި ދިވެހިންނަށް މައްސަލައަކަށްވީ ފިޓްނަސް އަށް ލޯބިކުރާ ގިނަ ދިވެހިންތަކެއް އުޅެނިކޮށް ބޭރުގެ މީހަކު އެމަޤާމަށް ހަމަޖެއްސުމުންނެވެ.
ފާޑުކިޔުންތައް އަމާޒުވުމުން މިނިސްޓަރ މަޙްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ބައެއް ދިވެހިންނަށް ރަނގަޅު އެއްގޮތެއް ވެސް ނެތްކަމީ ދެރަކަމެއް" ކަމަށެވެ.
"200 މިލިއަން މީހުންނަށް ބޮޑު ފިޓްނަސް ޕްރޮގްރާމެއް ހިންގާ އޭގެ ތަޖުރިބާގަ ދިވެހިންނާއި ގުޅިގެން ހިލޭ ސާބަހަށް ކަމެއް ކޮށްދޭން އުޅުނަސް ގޯސް! ހަމައެކަނި ރާއްޖޭގެ ޓޫރިޒަމްވެސް މިކަމުން ޕްރޮމޯޓް އެވަނީ ހިލޭ! ވެހުނަސް ގޯސް، އަވިދިނަސް ގޯސް!" މިނިސްޓަރ ގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރާއްޖެއަކީ "ފިޓަރ ނޭޝަން" އަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ފަށާ ޕްރޮގްރާމުގައި ސުނިލް ޝެޓީ އާއި އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
Baeh dhivehinnah rangalhu evves gotheh neiykamee dheraeh.
— Ahmed Mahloof (@AhmedMahloof) October 12, 2019
200M meehunnah bodu fitness programme eh hingaa eyge thajuribaaga dhivehinnaa gulhigen hileysaabahaha kameh kohdheyn ulhunas goas.
Hama ekani raajjeyge tourism ves mikamun promote evanee hiley.
Vehunas goas,Avidhinas goas.