އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ބަސް: ޖިންސާއި ޖީންސް

ދިވެހި ބަސް: ޖިންސާއި ޖީންސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ޚަބަރުގައިވާ ފޮޓޯއަކީ ސީޝަލް މީޑިއާ އިން ފެނުނު ފޮޓޯއެކެވެ. އަންހެން ޖިންސް މާބޮޑަށް އަގުހެޔޮވީއެވެ. ކިހައި ވަރަކަށް ކަމެއް ވެސް ނުއެނގެއެވެ. ހަމައެފަދައިން ދެ ޖިންސުގެ އަގު އަޅުވައި ބަލާނަމަ ފިރިހެން ޖިންސުގެ އަގު އުފުލުނު ވަރު ނުވަތަ ބޮޑުވި ނިޞްބަތްވެސް ނުއެނގެއެވެ.

ހަޤީޤީ މައްސަލައަކީ ޖިންސުގެ އަގު ހެޔޮވުމާއި އަގުބޮޑުވުމުގެ މައްސަލައެއް ނޫނެވެ. އެއީ އަގު ހެޔޮކޮށް އަގު ބޮޑު ކުރެވޭނެ އެއްޗެއްވެސް ނޫނެވެ. އިސްލާމް ދީން ވަނީ އެކަން ނަހީކޮށްފައެވެ.

މުޅި މައްސަލައިގެ އަސްލަކީ ހަމަ އެންމެ ފިއްޔެއްގެ މައްސަލައެކެވެ. ޖީންސް ލިޔަންވާ ތަނުގައި ޖިންސް ލިޔެވުމެވެ. މިބަސް އިނގިރޭސި ބަހުން ލިޔެފައި އޮންނަ ގޮތަށް ބެލި ނަމަވެސް ޖިންސް ނުކިޔޭނެއެވެ. ޖިންސް ނުވެސް ލިޔެވޭނެއެވެ. ސަބަބަކީ ޖިންސް ކިޔާނަމަ އެބަސް އިނގިރޭސި ބަހުން ލިޔަންޖެހޭނީ (ޖޭއައިއެންއެސް) އެވެ. ނަމަވެސް ލިޔެފައި އިންނަނީ (ޖޭއީއޭއެންއެސް) ކަމަށްވާތީއެވެ.

ކުރިމަތި މިވަނީ ހަމަ އެންމެ މައްސަލައެކެވެ. ދުލުން ބައެއް ފަހަރު އަޑު ބޭރުކުރެވޭ ގޮތަށް ލިޔަން އުޅުމެވެ. ލިޔާ ގޮތާއި ކިޔާގޮތް ތަފާތުވުމަކީ ދިވެހި ބަހުގައި އޮތް މުއްސަނދި ކަމެކެވެ. އެމުއްސަނދިކަމުގެ ބޭނުން ހިފަން ނުއެނގުމެވެ. ނުވަތަ ހިފަން ބޭނުން ނުވުމެވެ.

ﷲ ކީރިތި ޤްރްއާނުގައި ބާވައިލެއްވެވި މިއުއްމަތުގެ ރަސޫލާ މުޙައްމަދު (ޞޢވ) ގެ ނަންފުޅު ލިޔުމުގައި ވެސް ކުރިމަތި މިވަނީ ހަމަ އެ މައްސަލައެވެ. ބައެއް މީހުންނަށް ކިޔަން ފަސޭހައަކަށް މުޙަންމަދު ކިޔޭތީ އެގޮތަށް ލިޔަނީއެވެ. ނަމަވެސް އެއީ ކުރެވިގެންވާނެ ކަމެއް ނޫނެވެ.
ތަޝްދީދު ޖެހީމާ ސުކުން ކުރަންޖެހޭނީ އަލިފަކަށެވެ. މިނޫން ގޮތަކަށް ލިޔާނަމަ ކޮންމެ މީހަކު ލިޔުނަސް އެލިޔަނީ ދިވެހި ބަހުގެ ޤަވާއިދާއި އެއްގޮތަކަށް ނޫނެވެ. ނަމަވެސް މިއަދު މިފެންނަނީ ﷲ ކީރިތި ޤްރްއާނުގައި ބާވައިލެއްވެވި އެމާތް، އެމަތިވެރި ނަންފުޅުގެ ޤަދަރާއި ޙުރުމަތް ކަނޑައިލެވޭ ތަނެވެ.

ޢަރަބި ބަސް ލިޔެވޭނެ ގޮތް ބައެއް ބަސްބަހުގައި ނެތް ނަމަވެސް ދިވެހި ބަހުގައި ޢަރަބި ބަސް އެއިގެ އަޞްލާއި އެއްގޮތަށް ލިޔުމުގެ ފުރުޞަތު ވަރަށް ތަނަވަސްކޮށް އެބައޮތެވެ. އެހެންކަމުން ދިވެހި ބަހުގެ މުއްސަނދިކަން ބަލައިގަނެ އަމަލުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމު ކުރާ ކަމެކެވެ.

މުޙައްމަދު ގެ ބަދަލުގައި މުޙަންމަދު ލިޔާނަމަ ޢަރަބި ބަހުގައި ލިޔެވިފައި އޮންނަން ޖެހޭނީ މީމު މަތީގައި އުބުފިލި ޖަހާފައި ޙާ މަތީގައި އަބަފިލި ޖަހާފައި ފަހަތުން ނޫނަކަށް ސުކުންކޮށްފައެވެ. މީމު މަތީގައި އުބުފިލި ޖަހާފައި ޙާ މަތީގައި އަބަފިލި ޖަހާފައި ޖެހިގެން އޮންނަ އަކުރަކީ މީމެއް ކަމަށްވެފައި އެ މީމުމަތީގައި ތަޝްދީދެއް އޮންނަނަމަ މުޙަން ލިޔެވޭނެ އެއްވެސް ހަމައެއް ދިވެހި ބަހުގައޮ އޮންނާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރާނަމެވެ. ކިތަންމެ މޮޅު އުސްތާޛެއް ލިޔުއްވި ނަމަވެސް ކިތަންމެ ބޮޑު ބޭފުޅެއް ވިދާޅުވި ނަމަވެސް މެއެވެ.

ކީރިތި ޤްރްއާނުގެ އަކުރުތަކަށް ބަދަލު ގެނެވޭނެ އުސްތާޛެއް، ބޭފުޅެއް ހުންނަވާނެ ކަމަށް އަޅުގަނޑު ޤަބޫލު ނުކުރާތީއެވެ. ނުވެސް ކުރާނެތީއެވެ.

ﷲ ގެ ނަންފުޅު އަޞްލާއި އެއްގޮތަށް ކިޔަން އުނދަނގޫވީމާ ކޮންމެވެސް މީހަކަށް ކޮންމެވެސް ގޮތަކަށް ކިޔޭތީ "އަންލޯހު" އަކަށް ބަދަލުކުރެވިދާނެތޯއެވެ؟ ހަމަ ހިލައި ނުކުރެވޭނެއެވެ. މުޙައްމަދު ލިޔުމުގައި ވެސް އެއޮތީ ހަމަ އެ ތަޝްދީދެވެ. އެ ތަޝްދީދު ނޫނު ސުކުނަކަށް ބަދަލުކުރުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި "މުޙައްމަދު" ގެ ޙުރުމަތް ކަނޑައިލުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް