އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައްޕައިން ޒިންމާ އުފުލުމުން ސްކޫލަށް ގޮތް ހުސްވި 13 ކުދިންގެ ތެރެއިން 11 ކުދިން ބަސްއަހާ ކުދިންނަށް ބަދަލުވި!

ބައްޕައިން ޒިންމާ އުފުލުމުން ސްކޫލަށް ގޮތް ހުސްވި 13 ކުދިންގެ ތެރެއިން 11 ކުދިން ބަސްއަހާ ކުދިންނަށް ބަދަލުވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 37 ސިކުންތު


އަހަރަކީ ޣިޔާސުއްދީން ސްކޫލް ހުޅުވި އަހަރެވެ. އެ ސްކޫލް ހުޅުވީ ކަލާފާނު ސްކޫލާއި ތާޖުއްދީން ސްކޫލް ފަދަ ސްކޫލުތަކުން ގްރޭޑް 6 އަށް ދިއަ ދަރިވަރުން ގެންގޮސްގެން ގިނަ ސްކޫލުތަކެއްގެ ދަރިވަރުން ހިމެނޭ މަސްހުނި ސްކޫލެއްގެ ގޮތުގައެވެ.

ސްކޫލުގެ ވެރިންނާއި ޓީޗަރުންގެ ގޮތުގައި ތިއްބެވީ ހަމަ ވަރަށް ޤާބިލު ބޭފުޅުންނެވެ. އިދާރީ ހިންގުންވެސް ހަމައެހައިމެ ފުރިހަމައެވެ. އަލަށް ހުޅުވުނު ސްކޫލަކަށްވާތީ ވީހައި ރަގަޅު ނަތީޖާއެއް ހޯދަން ބެލެނިވެރިންނާއި ސްކޫލްގެ ހުރިހައި ފަރާތްތަކުން ގެންދިއައީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

އެހެންކަމާއިއެކުވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މައްސަލަތަކެއް ކުރިމަތިވާން ފެށިއެވެ. އަޚްލާޤީ ގިނަ މައްސަލަތަކެއް ބައެއް ދަރިވަރުންގެ ކިބައިން ފެންނަންފެށިއެވެ. މަދު އަދަދެއްގެ ކުދިންގެ ކިބައިން ނަމަވެސް ދެން ތިބި ކުދިން ހަލާކުގެ ތެރެއަށް ވެށްޓިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވިއެވެ.

އަހަރުގެ މެދެއްހައިތަނުގައި މިކަންކަން ހައްދުފަހަނައަޅައ ިދިއައެވެ. ގިނަ މަސައްކަތްތަކަކަށްފަހު ޕީޓީއޭއަށާއި ސްކޫލަށް ވެސް ޤަބޫލުކުރެވުނީ އެކުދިންނާއިމެދު އިތުރު ގޮތެއް ނުހޯދައިފިނަމަ ދެން ތިބި ކުދިން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
އެހިސާބުން ނިންމީ ސްކޫލާއި ޕީޓީއޭ ގުޅިގެން އަޚްލާޤީ މައްސަލަތައް އިންތިހާއަށް ހުރި ކުދިންގެ ބައްޕައިންނާއި ބައްދަލުކުރުމަށެވެ. އަދި އެހީތެރިވެދިނުމަށް އެދުމަށެވެ. ވައެއް ބައްޕައިން ހޯދުނީ ތަކުރާރުކޮށް އެތައް ފަހަރަކު ގޮސްގެންނެވެ.

އެގޮތުން އެހީއަށް އެދެން ބައްޕައިން ސްކޫލަށް ގެނެވޭތޯ ކުރި މަސައްކަތުން ސްކޫލަށް ގެނެވުނީ ގެންނަން ބޭނުންވި 13 ބައްޕައިންގެ ތެރެއިން 7 ބައްޕައިންނެވެ. 6 ބައްޕައިން ހޯދަން ޖެހުނީ ގޭގެއަށާއި އެމީހުން މަސައްކަތްކުރާ ތަންތަނަށް ގޮސްގެންނެވެ.

ބައްޕައިންގެ ކިބައިން އެދުނީ ހަމަ އެންމެ ކަމަކުއެވެ. ކޮންމެ ގޮތަކުން ނަމަވެސް ވަގުތު ހުސްކޮށްގެން ދަރިފުޅު ނިމޭ ގަޑިއަށް ސްކޫލަށް އައިސް ދަރިފުޅު ގޮވައިގެން ދިއުމުގެ ކުރިން ޓީޗަރުން ގާތު "މިއަދު އަހަރެންގެ ދަރިފުޅު ކުލާހުގައި އުޅުނީ ކިހިނެއްތޯ؟ އާއި ކުރަން ދިން މަސައްކަތްކުރިތޯ" އަހައިލަ ދިނުމަށެވެ. ކޮންމެ ޖަވާބެއް ޓީޗަރު ދިން ނަމަވެސް ކުދިންނާއިމެދު ހަރުކަށިނުވެ ނަޞޭޙަތްދީ ހިތްވަރު ދިނުމަށެވެ.

މިކަން ނުކުރީ 2 ބައްޕައިންނެވެ. އެދެމީހުންގެ ދަރިންނަށް ޖެހުނީ އެހެން ގޮތެއް ހޯދާށެވެ. ނަމަވެސް އެކަން ކޮށްދިން ބައްޕައިންގެ ދަރިން އެއްދުވަހަށްވުރެ އަނެއް ދުވަސް ރަނގަޅުވަމުން އައިސް ހަމަ ރަނގަޅު ކުދިންނަށް ބަދަލުވިއެވެ.

މިއީ ހަމަ އަޅުގަނޑު ވެސް ޕީޓީއޭގެ މެންބަރެއްގެ ހައިޞިއްޔަތުން އަމަލީ ގޮތުން ބައިވެރިވެގެން ކުރި މަސައްކަަތެކެވެ. މި މަސައްކަތުގައި ޖަމީލާ މެޑަމް އާއި ނާއިލާ މެޑަމް އަދި އޯޓިޒަމް އެސޯސިއޭޝަން ހިންގަވަން މިހާރު އެހުންނެވި އިފްހާމް ފަދަ ބޭފުޅުންގެ ދައުރު ފާހަގަކުރަންޖެހެއެވެ. ގިނަ ދުވަސްތަކެއް ވުމުން ހުރިހައި ބޭފުޅުންގެ ނަންފުޅުތައް ހަނދާނަކު ނެތެވެ. މިދެންނެވި ބޭބޭފުޅުން މިކަންކަމުގެ ވާހަކަތައް މިހާރުވެސް ހަނދުމަފުޅު ހުންނާނެއެވެ.

މި ތަޖުރިބާ ހިއްޞާ މިކުރީ ދަރިން ތަރުބިއްޔަތުކުރުމުގައި ބައްޕައިންގެ ދައުރުގެ މުހިންމުކަން ފާހަގަކުރުމަށެވެ. ދަރިންނަށް މިހާރު ކުރިމަތިވެފައިވާ އަޚްލާޤީ މައްސަލަތައް ހައްލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނީ ބައްޕައިންގެ ބައިވެރިވުމާއި އެހީތެރިކަން އިތުރުކުރެވިގެންކަން މިކަމުންވެސް ވަރަށް ރަނގަޅަށްއެނގިގެންދާތީއެވެ.

ދަރިންނަށް ކުރަންޖެހޭ ޚަރަދު ދިނުމުން އެކަނި ނުފުދޭކަމާއި ހޯދައިދޭ ގޭމްތަކުން ވެސް ނުފުދޭކަން މި ހާދިސާއިންވެސް އެނގިގެންދެއެވެ. އަދި ކުދިންނަށް ކުރިމަތިވެފައިވާ އަޚްލާޤީ މައްސަލަތައް ހައްލުކުރަން ޕީޠީއޭ ތަކާއި ސްކޫލްތައް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވެއެވެ. ނަތީޖާ ނެރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ.

މިހާދިސާގައި އިޞްލާޙްވި އެއް ކުއްޖަކީ މިހާރު ފުލުހުންގެ އިސް އޮފިސަރެކެވެ. ދާދިފަހުން ބޭއްވި ހަފްލާއެއްގައި ބައްދަލުވުން ސެލިޔުޓް ނަގާފައި ބުނީ "ތޭންކް ޔޫ ސަރ! މީ ހަމަ އަޅުގަނޑު ----- އިނގޭތޯ!" އެވެ.

އެކުއްޖާއަކީ އެކިއެކި ކަންކަން ކުރުމަށްފަހު ސްކޫލުން ފިލަން އުޅެނިކޮށް އެތައް ފަހަރަކު ހުއްޓުވަންޖެހުނު ކުއްޖެކެވެ. މިއަދު އޭނާ އެހެރީ ކުށްކުރުން މުޖުތަމައުން ހުއްޓުވައި އަދި ކުށްކުރުމަށްފަހު ފިލަން އުޅޭ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކުރުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ކުރީ ސަފުގައެވެ.

ވީމާ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. ރީތި އިބާރާތުން މޮޅު ވާހަކަ ދެއްކުމަކުން އެކަނި ފުއްދައިލެވޭކަށް ނެތެވެ. މިޖީލު ސަލާމަތްކުރުމުގައި ބައްޕައިންނަށް އަދާކުރަންޖެހިފައިވާ ދައުރު ވަރަށް ބޮޑެވެ. އެއީ ތިމާގެ އަމިއްލަ މަސްއޫލިއްޔަތެއްގެ އިތުރުން ދީނީ އަދި ޤައުމީ މަސްއޫލިއްޔަތެއްކަމުގައި ބައްޕައިން ދެކެމާތޯއެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް