އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވާހަކަ: ލޯތްބަށްޓަކައި ބިލިއަނަރުކަން ދޫކޮށްލި ނިލާމް- ކައިވެނީގެ 76 އަހަރު އެއްވެސް ކޫރުމެއް ނެތް!

ވާހަކަ: ލޯތްބަށްޓަކައި ބިލިއަނަރުކަން ދޫކޮށްލި ނިލާމް- ކައިވެނީގެ 76 އަހަރު އެއްވެސް ކޫރުމެއް ނެތް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 36 ސިކުންތު

މިއީ ލޯތްބަށްޓަކައި ބިލިއަނަރުކަން ދޫކޮށްލި ނިލާމްގެ ވާހަކައެވެ. ދެމަފިރިން އުފަންވުމާއި މަރުވުން އެއްދުވަހަކަށްވުމަކީ އިއްތިފާގެކެވެ.


އެއް ދުވަހަކު ދުނިޔެއަށް އުފަންވި ނިލާމް އާއި އައިޝާ ބައްދަލުވީ އުމުރުން 15 އަހަރުގައި ސްކޫލުންނެވެ. ބައްދަލުވި ދުވަހުން ފެށިގެން ދެމީހުންގެ ހިތުގައި އައީ ގާތްކަމެއް އުފެދެމުންނެވެ. 16 އަހަރުވީއިރު ދެމީހުންގެ ގާތްކަން ވަނީ އެންމެ ވަރުގަދަ ލޯތްބަށް ބަދަލުވެފައެވެ. 


ނިލާމްގެ ބައްޕަ އަކީ ފަރަންސޭސިވިލާތުގެ އެންމެ މުއްސަނދި ބިލިއަނަރުންތެރެއިން އެކެކެވެ. އައިޝާ އަކީ ވަރަށް ނިކަމެތި އާއިލާއެއްގެ ކުއްޖެކެވެ. އެހެންކަމުން ނިލާމްގެ އާއިލާއިން ނިލާމް އާއި އައިޝާގެ ލޯތްބަށް ދެއްކީ ރަތްކާޑެވެ. 


އެދުވަހު ނިލާމް ވައުދުވިއެވެ. "އަހަރެން ވައުދު މިވަނީ ދުވަހަކުވެސް އައިޝާ އާއި ވަކި ނުވުމަށެވެ. ނަމަވެސް މިއަދު އަހަރެމެންގެ އެއްވެސް އަމިއްލަ ބާރެއް ނެތެވެ. 18 އަހަރު ނުފުރޭތީއެވެ. އަދި 2 އަހަރު ފަހުން 18 އަހަރު ފުރޭނެއެވެ. 18 އަހަރު ފުރޭ ދުވަސް ވާންވާނީ އަހަރެމެންގެ އަމިއްލަ ދިރިއުޅުމަކަށް ފަށާ ދުވަހަށެވެ."


އައިޝާއަށް އެވާހަކަތައް އަޑުއަހަން ވަރަށް އުނދަގޫވިއެވެ. ޤަބޫލުކުރަންވެސް ހަމަ އެހައިމެ އުނދަގޫވިއެވެ. އެއީ މުއްސަނދިންނަކީ އާންމުކޮށް ނިކަމެތިންގެ މަތިން ވަރަށް ފަސޭހައިން ހަނދާން ނެތޭ ބައަކަށްވާތީއެވެ. 


ނިލާމް ނިންމީ އައިޝާ އާއިއެކު އެހެން ހިސާބަކަށް ދިއުމަށެވެ. ދުވަހަކުވެސް މައިން ބަފައިންގެ ނުފޫޒެއް ނުފޯރާނެ ހިސާބަށެވެ. އެހެންކަމުން އެކަން ކުރުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި އޭނާގެ އިންޓޯލަށް ދޭ ފައިސާ އެއްކުރަން ފެށިއެވެ. 


18 އަހަރު ފުރެން އެއްދުވަހަށްވެފައި އޮއްވައި ނިލާމް އައިޝާ އާއި ބައްދަލުކޮށްފައި ބުންޏެވެ. "އައިޝާއެވެ. މާދަމާ އަކީ އިމްތިހާންގެ އެންމެ ފަހު ދުވަހެވެ. ސްކޫލަށް އަންނައިރު އެއް ހެދުން ހިފައިގެން އަންނާށެވެ. ސްކޫލުން ދެމީހުން ނުކުމެ ހެދުން ބަދަލުކޮށްގެން ހަޔާތުގެ ދަތުރަށް ފެށުމަށެވެ." 


އައިޝާއަށް އެދުވަހުވެސް ނިލާމްގެ އެވާހަކަ އެހައި ބޮޑަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ނިލާމް ދެކެ ވާލޯބީގެ ސަބަބުން އައީ ހެދުމެއް ހިފައިގެންނެވެ. 


އިމްތިހާން ނިމިގެން ސްކޫލުން ނުކުމެ ނިލާމް ދިއައީ އޭނާ ބަލައި އައިސް އޮތް އަގު ބޮޑު ކާރާއި ދިމާއަކަށް ނޫނެވެ. އަވަސްވެގަތީ ކާރުގެ ޑްރައިވަރަށް ނުވެސް ފެންނާނެހެން ފިލައިގެން ދިއުމަށެވެ. އަވަސްއަވަހަށް ނިލާމް އެރީ އައިޝާ ގޮވައިގެން ބަހަކަށެވެ. 


ބަހަށް އެރުމަށްފަހު ނިލާމް ސުވާލުކުރީ އެބަހުގެ އެންމެ ފަހު މަންޒިލަކީ ކޮބައިތޯއެވެ. އަދި އެ މަންޒިލަށް ދިއުމަށް ޓިކެޓް ކަނޑައިގެން ހަމަޖެހިލިއެވެ. 


ނިލާމް، އައިޝާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. އާދައިގެ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް ފަދަ ތަނެއް ހޯދުމަށެވެ. ނަމަވެސް އެއިގެ ކުރިން ކުރަންޖެހޭނެ ކަމެއް ނިލާމް ހަނދާންކުރިއެވެ. އެއީ ގެއަށް ގުޅައި ދެން ދުވަހަކުވެސް އެނބުރި ގެއަށް ނުދާނެ ވާހަކަ ބުނުމެވެ. 


ބޫތަކަށްވަދެ ފޯނުކުރުމަށްފަހު ނިލާމް ހިތަށް އެރިއެވެ. "މިއީ ދެން އެހައި ރައްކާތެރި ތަނެއް ނޫނެވެ. ފޯނުގެ ނަމްބަރުން އެމީހުން ތިބީ މި ސަރަހައްދުގައިކަން ހޯދޭނެތީއެވެ. އެހެންވެއްޖެނަމަ އަތްފުނާއަޅައިގެންވެސް ހޯދާނެތީއެވެ. 


އައިޝާ ވެސް އާއިލާގެ މީހަކަށް ފޯނު ކުރިއެވެ. ނަމަވެސް ގެއަށް ނުދާނެ ކަމަކަށް ނުބުނެއެވެ. ބުނީ ހުރީ ސަލާމަތުން ނިލާމް އާއިއެކު ކަމަށާއި އެނބުރި ދާނެ ކަމަށެވެ. 


ނިލާމް އައިޝާ ގޮވައިގެން ބަހަށް އަރައި އަވަސްއަވަހަށް އެއަށްވުރެވެސް ދުރު ސަރަހައްދަކަށް ގޮސް ހަމަޖެހިލިއެވެ.


 


ނިލާން ކޮޓަރިއެއް ހޯދީ ހަމަ އެންމެ އާދައިގެ ގެސްޓް ހައުސްއަކުންނެވެ. އެއަށްފަހު ހަމަޖެހިލައިގެން އިރުކޮޅަކު ތިބުމަށްފަހު ނިލާމް ބުނެލިއެވެ. "އަސްލު އަހަރެން ބޮޑެތި ވާނީ މިރޭ 12 ޖެހުމުން ދޯއެވެ. އެންމެ ހިތް ހަމަޖެހިލައިގެން ތިބެވޭނީ މިރޭ 12 ޖެހުމުންތާއެވެ!"


ދެމީހުން ކޮޓަރިން ބޭރަކަށް ނުނުކުމެއެވެ. ނަމަވެސް ކައިވެނިކޮށްދޭ މީހެއްގެ މައުލޫމާތު އޮޅުން ފިލުވައިގެން އެމީހާއަށް ގުޅިއެވެ. އަދި މިރޭ 12 ޖަހާ ވަގުތު ކައިވެނިކޮށްދީފާނަންތޯ ސުވާލުކުރިއެވެ. އެއީ 12 ގެ ކުރިން ކައިވެނިކޮށްފި ނަމަ ކުޑަކުދިން ކުރި ކައިވެންޏަކަށް ވެދާނެތީ އެކަމުގެ ފުރުޞަތު ނުދިނުމަށެވެ. 


12 ޖެހުމާއިއެކު ނިލާމް އާއި އައިޝާ ތިބީ ކައިވެނިކޮށްގެންނެވެ. 3 އަހަރު ކުރިން ދެކެން ފެށި ހުވަފެން ހަޤީޤަތަކަށް ހަދައިގެންނެވެ. 


ފަތިސް ނަމާދަށްފަހު ދެމީހުން އެކުގައި ދުޢާކުރިއެވެ. "އަހަރެމްނެގެ ހަޔާތް ބާއްޖަވެރިކޮށްދެއްވެވުން އެދިއެވެ. ދުވަހަކުވެސް ވަކިވުމުގެ ފުރުޞަތު މިންވަރު ނުކުރެއްވެވުން އެދިއެވެ. ހަޔާތުގެ ހުރިހައި ދުވަހަކުވެސް އެކުގައި އުފަލުން އުޅެވޭނެ ގޮތެއް މިންވަރުކުރެއްވެވުން އެދިއެވެ."


ޖެހިގެން އައި ދުވަހު ދެމީހުން އެކުގައި ނުކުމެ މަސައްކަތެއް ހޯދަން މަސައްކަތް ފެށިއެވެ. އެ ސަރަހައްދަކީ ވަޒީފާގެ ފުރުޞަތު މަދު އަވަށަކަށް ވުމުން އެކަން އެހައި ފަސޭހައެއް ނުވިއެވެ. އެހެންކަމުން ނިލާމް ވިސްނީ މަގުމަތީގައި ގާޑިޔަލެއް ބާއްވައިގެން ކާއެއްޗެތި ވިއްކުމަށެވެ. 


އެ މަސައްކަތުގައި ދެ އަހަރެއްހައި ދުވަސްވީއިރު ލިބިފައިވާ ފައިސާއިން ވަރަށް އާދައިގެ ހޮޓަލެއް ކުއްޔަށް ހިފައިގެން ހިންގަން ފެށިއެވެ. އެއިގެ 2 އަހަރު ފަހުން ރެސްޓޯރަންޓެއް ހިންގަން ފެށިއެވެ. މިހާރު އެ ސަރަހައްދުގައި އެންމެ މަޝްހޫރު އެއް ރެސްޓޯރަންޓަކީ ދެމަފިރިންގެ ރެސްޓޯރަންޓެވެ. 


ދެމަފިރިން ދިރިއުޅެނީ އަމިއްލަ ގެއެއްގައެވެ. 4 ދަރިންވެސް ލިބިފައިވުމާއިއެކު އުޅެމުން ދިއައީ އުފާވެރި އާއިލީ ދިރިއުޅުމެކެވެ. 


ނިލާމް އާއިޝާ ދުނިޔެ ދޫކުރީ އުމުރުން 94 އަހަރުގައި ހަމަ އެއްދުވަހަކުއެވެ. އައިޝާ މަރުވީ ހަވީރުއެވެ. ނިލާމް މަރުވީ ދަންވަރުއެވެ. 


ދެމަފިރިން ދެކޭ ގޮތުގައި ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީއަކީ ދެމަފިރިންގެ ގޮތުގައި އެކުގައި އުޅުނު 76 އަހަރު ދުވަހަކުވެސް ދެބަސްވާންޖެހިފައި ނެތުމެވެ. އުމުރުން 15 އަހަރުގައި ބައްދަލުވެ އުފެދުނު ލޯބީގައި ކޫރުމެއްވެސް އެޅިފައި ނެތުމެވެ. 


ނިލާމް އެންމެ ބޮޑަށް ފަޚުރުވެރިވަނީ މައިން ބަފައިންގެ މުއްސަނދިކަމުން އެއްވެސް ހިއްސާއެއް ނެތި އަމިއްލަ ދިރިއުޅުމެއް އުޅެވުނު ކަމާއިމެދުގައެވެ. ބިލިއަނަރަކަށް ނުވެވުނު ނަމަވެސް ފުދިގެން ދިރިއުޅެވުނުކަމާއިމެދުގައެވެ. އަދި އައިޝާ ފަދަ ނިކަމެތި ކުއްޖެއްގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށްޓަކައެވެ. 


ނިލާމް އޭނާއަށް ލިބެން އޮތް ޢާއިލީ ބިލިއަނަރުކަން ޤްރްބާންކުރީ އައިޝާގެ ލޯތްބަށްޓަކައެވެ. އެ މަޤްޞަދު ކިތަންމެ ރަނގަޅަކަށްވެސް ނިލާމަށް ހާޞިލުވިއެވެ. ދެމަފިރިން އެކުގައި ފުރަތަމަރޭގެ ފަތިސް ނަމާދަށްފަހު ކުރި ދުޢާ މާތްﷲ އިޖާބަ ކުރެއްވެވިއެވެ. ދެމަފިރިންގެ ކިބައިގައި ހުރި އީމާންތެރިކަން ބޮޑުކަމުގެ ސަބަބުން ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް