އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކިޔެވުމުގެ މުހިއްމުކަން

ކިޔެވުމުގެ މުހިއްމުކަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

ނަދީމުގެ އުމުރުން އެންމެ ދުމަސް ވީތަނާ މަންމަ ނިޔާވެއްޖެއެވެ. ނަދީމު ބެލުމުގެ ޒިންމާ ބައްޕަ ބޮލުގައި އެޅުނު އިރު ބައްޕަޔަކީ އާމްދަނީ ހޯދުމަށްޓަކައި އެހެން ރަށެއްގައި ވަޒީފާ އަދާކުރަމުން ގެންދާ މީހެކެވެ. ނަދީމު ބަލަން ގޭގައި މަޑުކޮށްލައިފިނަމަ ވަޒީފާ ގެއްލި ކައިބޮއެ އުޅެވޭނެ ގޮތެއް ނެތެވެ. މިކަމާ ވަރަށް ހިތާމަކޮށް ވިސްނާ ފިކުރު ކުރުމަށް ފަހު، ނަދީމުގެ ބައްޕަ ނިންމީ ކޮންމެ ދުވަހަކު ބޮޑުދައިތަ ގެއަށް ލުމަށް ފަހު ވަޒީފާއަށް ދިއުމަށެވެ. އަދި ހަވީރު ވަޒީފާ އިން ނިމިގެން އަންނައިރު ގޮވައިގެން ގެއަށް އަންނަ ގޮތަށެވެ. މިގޮތަށް ވިސްނާ ނިންމުމަށް ފަހު ގޮސް ބޮޑުދައިތަޔާ މިވާހަކަ ދެއްކުމުން ބަލައިދޭން އެއްބަސް ވެއްޖެއެވެ. ނަދީމުގެ ބައްޕަ މިކަމާ ވަރަށް އުފާވިއެވެ.

ކުޑަކުޑަ ނަދީމުއަށް މަންމަގެ ލޯބި ނުލިބުނަސް ބޮޑުދައިތަގެ ބެލުމުގެ ދަށުގައި ރަނގަޅު ގޮތުގައި ބޮޑުވަމުން އައެވެ. ނަމަވެސް ނަދީމުގެ އުމުރުން ހަތަރު އަހަރު ވެގެން ދިޔައިރުވެސް ބައްޕަވެސް އަދި ބޮޑުދައިތަ ވެސް ކިޔަވަން ތަނަކަށް ފޮނުވަން ޚިޔާލެއް ނުކުރެއެވެ. އުމުރުން ފަސްއަހަރު ވީމާ ސްކޫލަށް ކުދިން ދާތަން ފެނި އަބަދުވެސް ބޮޑުދައިތަ ކައިރީގައާއި ބައްޕަ ކައިރީ ޝަކުވާ ކޮށް ސްކޫލަށް ފޮނުވަދޭށޭ ކިޔައެވެ. ނަމަވެސް ނަދީމުގެ މި ޝަކުވާގެ އަޑު ހަމަ އިވޭ އެކަކުވެސް ނެތެވެ. ނަދީމު ކޮންމެ ދުވަހަކުވެސް ސްކޫލު ފެށޭ ގަޑީގަޔާއި އަދި ނިމޭ ގަޑީގައި ކުދިން ދާތަން ބަލަން ނިކުމެ ހުރެއެވެ. ބައެއް ދުވަސްދުވަހު ކުދިންނަށް ގޮވާވެސް ހަދައެވެ.

ނަދީމުއަށް ކިޔެވުމުގެ ފުރުސަތެއް ނުލިބި އުމުރުން ހަތް އަހަރު ވުމުން ކޮންމެ ދުވަހަކު ހެން ބައްޕަ ކައިރީގަޔާއި ބޮޑުދައިތަ ކައިރީގަ ވަރަށް ރޮއެރޮއެފަ އާދޭސް ކުރިއެވެ. އެއްދުވަހަކު ބޮޑުދައިތަ ރުޅިއައިސްގެން "ތިވަރަށް ކިޔަވަން ބޭނުމިއްޔާ ފުރައިގެން އިސްލާހިއްޔާއަށް ދާންވީނުންހޭ" ބުންޏެވެ. ބޮޑުދައިތަ މިހެން ބުނުމުން ނަދީމު ދެން އިތުރަށް އެވާހަކަ ނުދައްކާ ހުއްޓާލިއެވެ.

އޭގެ އެއްހަފުތާ ފަހުން ބޮޑުދައިތަޔަށް ފިލައިގެން ނަދީމު އެއްދުވަހަކު އަތޮޅު އޮފީސް ހުންނަތަނެއް ހޯދައިގެން އޮފީސް ދޮށަށް ގޮސް އިސްލާހިއްޔާގެ މައުލޫމާތު އޮޅުންފިލުވިއެވެ. ނަދީމުއަށް އޮފީހުން ދިން މައުލޫމާތުގެ ތެރޭގައި، އެއީ މާލެ އަތޮޅުގައި އޮންނަ ރަށެއްކަމާއި، އަދި އެރަށަށް ގެންދަނީ ބަސްނާހާ ނުކިޔަވާ ކުދިން ކަން އެނގުނެވެ. މިހުރިހާ މައުލޫމާތެއް ސާފުކޮށްގެން އައިސް އެރޭ ނަދީމު ވަރަށް އުފަލުން ނިދައިފިއެވެ. އަދި ހެނދުނު ވަރަށް ފަތިހާ ތެދުވެގެން އަތިރިމައްޗަށް ގޮސް މާލެ ފުރަން ބޯޓެއް އޮތްތޯ ބަލާފަ ބޯޓެއް އޮތްކަން އެނގުމުން އެނބުރި ގެއަށް އައިސް ބޮޑުދައިތަޔަށް ނާންގާ ލާންގެންގުޅޭ ދެތިން ހެދުން ކޮތަޅުގަނޑަކަށް އަޅާ ތައްޔާރު ކުރިއެވެ. އަދި މުޅި އެދުވަހު ވަރަށް އުފަލުގައި ގޭތެރޭގައި އުޅުނެވެ. އިރުއޮއްސުމުން ކައިގެން ވަރަށް އަވަހަށް ނިދައިފިއެވެ. އަނެއް ދުވަހު ހެނދުނު އަށެއްޖެހިއިރު ހެދުން ކޮތަޅުގަނޑު ހިފައިގެން އެކަކަށްވެސް ނާންގާ ފިލައިގެން އަތިރިމައްޗަށް ދިޔައެވެ. ދިޔައިރު ބޯޓުގެ ނަގިލި ނަގަނީއެވެ. ނަދީމު ވަރަށް ބާރަށް ދުވެފަ ގޮސް ބޯޓަށް އަރައިފިއެވެ. އަދި ބޯޓުގެ ވެރި ފަރާތުގައި ތިމަންނަ މާލެ ގެންގޮސް ދޭށޭ ކިޔާ ރޮއެ އާދޭސް ކުރަން ފެށިއެވެ. އަދި އިސްލާހިއްޔާ އަށް ގޮސްގެން ކިޔަވަން ބޭނުންވާ ވާކހަކަޔާއި ބައްޕަ ކިޔަވައިދޭން ނޫޅޭ ވާހަކަ ވެސް ބުންޏެވެ. ބޯޓުގެ ވެރިމީހާގެ ހިތުގައި ނަދީމުގެ މައްޗަށް ހަމްދަރުދީ އުފެދި ނަދީމުއަށް ބޯޓުން ދެވިދާނެ ވާހަކަ ބުންޏެވެ. މިކަމާ ނަދީމު ވަރަށް އުފާވެ ބޯޓުގެ މީހުން ދެއްކި ތަނެއްގައި ނަދީމު އޮށޯވެއްޖެއެވެ.

ތިންދުވަހުގެ ދިގު ދަތުރަކަށް ފަހު ނަދީމުއަށް މާލެއަށް އާދެވުނެވެ. ދުވަހަކުވެސް ނާންނަ އަދި ނުވެސް ދެކޭ ރަށަކަށްވާތީ ނަދީމު ހުރީ ހަދާނެ ނަހަދާނެ ގޮތެއް ނޭގިފައެވެ. ބޯޓުގެ ވެރިފަރާތަށް ނަދީމުއަށް ވެފަ މިހުރި ގޮތް ވިސްނިގެން ފަޅުވެރި ކުއްޖަކާ ހަވާލުކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވާލިއެވެ. އަދި އެތަނުގެ ވެރިންނާ ހަވާލުކޮށް ވެގެން އުޅޭގޮތް ކިޔައިދީ ނަދީމު ހަވާލު ކުރިއެވެ. މިނިސްޓްރީގެ ފަރާތުން ވަގުތުން ހުރިހާ ކަމެއް ހަމަޖައްސާފަ އިސްލާހިއްޔާ އަށް ފޮނުވިއެވެ.

ނަދީމު ފުރިފަހުން ބައްޕަޔާއި ބޮޑުދައިތަ ވަރަށް ކަންބޮޑު ވެގެން އުޅުނެވެ. އަދި ރަށު އޮފީހަށް އަންގާ ހޯދަން އުޅުނެވެ، ނަމަވެސް ރަށުއޮފީހުން ނަދީމު އިސްލާހިއްޔާ އަށް ކިޔަވަންދާން ފުރި ޚަބަރު ލިބުމުން ހިތްހަމަ ޖެހުނެވެ.

ޢާއިލާއާއި ދުރުވެ އަދި ބައްޕަޔާއި ވަކިވެ އުޅެން ޖެހުނަސް ނަދީމު އުފަލުގައި އިސްލާޙިއްޔާގައި ކިޔަވަމުން ދިޔައެވެ. ކިޔަވަން ފެށިތާ ހަމަސް ވީތަނާ ޕްރިފެކްޓް ކަން ވެސް ލިބި ވަރަށް ކުރިޔަށް ދިޔައެވެ. އަދި ކޮންމެ އަހަރަކު އެއްވަނަ ހޯދަމުން އައިސް އިސްލާހިއްޔާގައި ހައަހަރު ނިމުނުއިރު ނަދީމު އަކީ އެތައް ކާމިޔާބެއް ހޯދާފައިވާ މޮޅު ކުއްޖަކަށް ވެގެން ދިޔައެވެ. އަދި އިސްލާހިއްޔާ ނިމިގެން މާލެ އައިއިރު، އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ މާލޭގައި މަތީ ތަޢުލީމު ހޯދޭނެ ގޮތް ހަމަޖައްސަދީފައެވެ.

ނަދީމު ސަރުކާރުގެ ޚަރަދުގައި އޯލެވެލް އާއި އޭލެވެލް ނިންމާ ރަނގަޅު ނަތީޖާ ހޯދުމުގެ ސަބަބުން ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބުނެވެ. އޮސްޓްރޭލިއާ ގައި ޑޮކްޓަރުކަން ކިޔަވައިގެން ފަސްއަހަރު ފަހުން ރަށަށް ގޮސް ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފެށިއެވެ. ނަދީމުގެ ބައްޕަޔާއި ބޮޑުދައިތަ މިކަމާ ވަރަށް އުފާވިއެވެ. އަދި ނަދީމު ކުޑައިރު ކިޔަވަން އެވަރަށް އުޅުނީމަވެސް ސްކޫލަށް ނުފޮނުވުނީތީވެ ދެރަވެ ނަދީމުގެ ކިބައިން މަޢާފަށް އެދުނެވެ. މިހާރު ބައްޕަޔަށް ވެސް އަދި ބޮޑުދައިތަޔަށްވެސް ކިޔެވުމަކީ ކިހާ މުހިއްމު ކަމެއްކަން ވިސްނިއްޖެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ފާތިމަތު ސަޢީދު، ޗަމްޕާޕޫލުމާގެ، ސ. ހިތަދޫ