އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންފުނި ހިންގުމުގެ ބޯޑުތަކަށް ބޭނުންވަނީ އަންހެނުން.

ކުންފުނި ހިންގުމުގެ ބޯޑުތަކަށް ބޭނުންވަނީ އަންހެނުން.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 4 ސިކުންތު

ލިޔުނީ: އޭއެމް

ޒަމާނުއްސުރެ އަހަރެމެންގެ ތެރޭގައި ޤަބޫލުކުރެވިފައި އޮންނަނީ އަންހެންވެރިންނަކީ ދަރިންބެލުމާއި ފިރިމީހާގެ ކަންތައްތައް ކޮށްދިނުމާއި ގޭތެރޭގެ މަސައްކަތްތަކުގައި އަވަދިނެތި ޝާމިލްވެގެން އުޅޭ ބައެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ދިވެހި އަންހެނުންނަކީ އަމިއްލަ ފުދުންތެރިކަމަށްޓަކައި ކޮންމެވެސް ސިފައެއްގައި އަބަދުވެސް މަސައްކަތްކުރަމުން އައިސްފައިވާ ބައެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. ފިރިމީހާ މަސްހިފައިގެން އައުމުން އެ މަސް ކައްކައި، ރިހާކުރު ހަދައި، ހިއްކުމަށްފަހު ވިއްކައިގެން ލިބޭ ލާރިން ގޭތެރޭގެ ޚަރަދުތަކުގައި ފިރިމީހާއާއެކުގައި ޙިއްސާކުރެއެވެ. ނުވަތަ ގޭގައި ރުކެއް ހުންނަނަމަ ހުނި ގާނައި، ތެޔޮ ހަދައިގެން ވިއްކުމާއި ފަންގިވިނެގެން ވިއްކާ ހަދާކަމީ ފެށުނީއްސުރެ އަންހެނުން އެމީހުންގެ އަމިއްލަ ޚަރަދުތައް ބެލެހެއްޓުމަށް މަސައްކަތްކުރާކަމުގެ ހެއްކެކެވެ.

އެހެންނަމަވެސް، ވަރަށް ފަހަކާ ޖެހެންދެން ގޭންބޭރުގައި ފިރިހެނުންނާއި އެއް ސަފެއްގައި އަންހެންވެރިން މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢު ބަލައިގަނެފައިވާ ކަމެއް ނޫނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އަންހެން ކުދިން ކުރަންވަނީ ވަކި ކަހަލަ މަސައްކަތްތަކެއް ކަމާއި، ބައެއް މަސައްކަތުގެ ދާއިރާތަކަކީ ހަމައެކަނި ފިރިހެންނުންނަށް ޚާއްސަކުރެވިފައިވާ ދާއިރާތަކެއްކަމަށް އޮތީވެފައެވެ. މިގޮތުން 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރި ހިންގުމުގެ ދާއިރާގައި ޢަމަލީ ގޮތުން އަންހެނުންނަށްވުރެ ފިރިހެނުން ޙަރަކާތްތެރިވާ މިންވަރު އުތުރުކަމާއި، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން %55 އަކީ އަންހެނުންކަން ފާހަގަކުރެވެއެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން ދިވެހިރާއްޖޭގެ އިޖްތިމާޢީ ޙާލަތަށް ބަލާއިރު، ގިނަ އަންހެނުން މަސައްކަތުގެ މައިދާނަށް ނުކުމެ ޙަރަކާތްތެރިވާން މަޖުބޫރުވެފައިވަނީ ލިބޭ ޢާންމްދަނީން ދެކޮޅުނުޖެހޭތީކަމާއި، އެގޮތުންވެސް ގިނަ އަންހެނުން ހަރަކާތްތެރިވަނީ ސިވިލް ސަރވިސް ފަދަ އިދާރީ މަސައްކަތްތަކުގެ ދާއިރާތަކުގައެވެ. ވިޔަފާރި ދާއިރާގައި ނުވަތަ ކުންފުނި ހިންގުމުގެ ދާއިރާގައި އަންހެނުން ޙަރަކާތްތެރިވާން ފަށާފައިވަނީ ދާދި ފަހުންކަމާއި، އަދިވެސް ކުންފުނީގެ ބޯޑުތަކުގެ އިސް މަޤާމުތަކުގައި ޙަރަކާތްތެރިވާ އަންހެނުންގެ ޢަދަދު ގ100 އަށްވުރެ މަދެވެ. އަދި ދިވެހި އަންހެން ކަބަލަކު ސަރުކާރުގެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރއަކަށް ހަމަޖައްސާފައިވަނީވެސް 2016 ވަނަ އަހަރުގެ މެދުތެރޭގައިކަން ފާހަގަކުރެވެއެވެ.

ވޯލްޑް ބޭންކުން 2016 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ މަސައްކަތުގެ މައިދާނުގައި އަންހެނުން ޙަރަކާތްތެރިވާ ނިސްބަތަކީ %50 ކަމާއި، ފިރިހެނުންގެ ނިސްބަތަކީ %76 ކަމަށާއި، ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގައި ޗީފް އެކެޒެޓިވް އޮފިސަރުންގެ ފެންވަރުގައި ޙަރަކާތްތެރިވަނީ އެންމެ %5 އަންހެނުންކަމާއި، ބޮޑު މުސާރަ ލިބޭ (ހައި އިންކަމް) ވަޒީފާތަކުގައި ޙަރަކާތްތެރިވަނީ ގިނައިން ފިރިހެނުންކަމާއި،ޕެންޝަން ލިބުންފަދަ ވަޒީފާއާ ގުޅުންހުރި އެހެނިހެން ޙައްޤުތައް ފޯރުކޮށް ދިނުމުގައި އަންހެނުނާއި ފިރިހެނުންނާ ދެމެދު ވަރަށް ބޮޑެތި ތަފާތުކުރުންތައް ހުރިކަން ފާހަގަކޮށްފައިވެއެވެ. ކުންފުނިތަކުގެ ބޯޑުތަކުގައިޔޫރަޕިއަން ޔޫނިއަންގައި ހަރަކާތްތެރިވެފައިވަނީ އަންހެނުންކަމާއި، އެމެރިކާގައި ގާތްގަޑަކަށް 16%ކަން ފާހަގަކުރެވެއެވެ. އަދި ދުނިޔޭގެ ބޮޑެތި 3000 ގްލޯބަލް ކުންފުނިތަކުގެ މެދުގައި ހެދުނު ރިސަރޗްއަކުން ދައްކާ ގޮތުގައި އެކުންފުނި ތަކުގައި ޑިރެކްޓަރުންގެ ގޮތުގައި ޙަރަކާތްތެރިވަނީ ހަމައެކަނި .7 އަންހެނުންނެވެ.

ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުން ހަރަކާތްތެރިވެ ދެ ޖިންސުގެ ހަމަހަމަކަން ޤާއިމްކުރަންޖެހޭ ބައެއް ސަބަބުތައްކަމަށް ކަމާބެހޭގޮތުން ލިޔެފައިވާ އެކި އެކި ލިޔުންތަކުގައި ފާހަގަކޮށްފައިވާ ބައެއް ސަބަބުތަކުގެ ތެރޭގައި އަދުގެ ވިޔަފާރީގެ ދާއިރާތަކަށް ދިމާވާ އެކިކަހަލަ ޙައްލުކުރަންދަތި މައްސަލަތަކަށް ހައްލު ހޯދުމުގައި އަންހެން ކަބަލުން ގެންގުޅޭ ވިސްނުން ތަފާތުކަމާއި، ތަފާތު ވިސްނުންތައް ބޯޑުގައި ހިމެނޭނަމަ ނިންމުންތައް ނިންމަން ފަސޭހަވެގެން ދެއެވެ. އަދި، އަންހެން ޑިރެކްޓަރުންނަކީ ރިސްކު ނެގުމުގައި ފިރިހެނުންނަށް ވުރެ ޖެހިލުން ކުޑަ ބައެއްކަމަށާއި، އަންހެން ޑިރެކްޓަރުން ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންނާއި، ޝެއަރހޯލްޑަރުން ބޭނުންވާ ގޮތަށް ކުންފުނީގެ ވިޔަފާރި ބައްޓަންކުރުމުގައި މާކާމިޔާބުކަމަށާއި، އަންހެނުން ކުންފުނިތަކުގެ ބޯޑުގައި ހިމެނުމަކީ އެ ކުންފުންޏެއްގެ ކޯޕަރޭޓް ރެޕިއުޓޭޝަން ކުރިއެރުވުމަށް މަގުފަހުވެގެންދާ ކަމެއްކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތުން، 'ކަލްޕްރެސް' އަދި 'ޕެކްސް ވޯރލްޑް' ފަދަ ބައެއް ރޭޓިންގ އެޖެންސީތަކުންނާއި، އިންވެސްޓަމަންޓް ފަންޑުތަކުން ކުންފުނީގެ ބޯޑުގައި ދެ ޖިންސުގެ ޑިރެކްޓަރުންގެ ޝާމިލުވުން ހިމެނޭ މިންވަރަކީ އިންވެސްޓްމަންޓް ކްރައިޓީރިއާއެއްގެ ގޮތުގައި ބަލައިގަނެފައިވާކަން ފާހަގަކުރެވެއެވެ. އަދި 'ކެޓަލިސްޓް ރިސަރޗް ސީރީސްގެ 'ދަ ބޮޓޮމް ލައިން' ގައި ބަޔާންކޮށްފައިވާ ގޮތުގައި އަންހެނުންގެ ޢަދަދު ގިނަ ޑިރެކްޓަރުންގެ ބޯޑުތައް ހިމެނޭ ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ފައިދާ އަންހެނުން މަދު ބޯޑުތައް ހިމެނޭ ކުންފުނިތަކަށް ވުރެ އިތުރެވެ.

އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ) ގެ ފަރާތުން 2011 ވަނަ އަހަރު ޝާއިޢުކޮށްފައިވާ 'ވިމެން އޮން ބޯރޑްސް: އަ ކޮންވަސޭޝަން ވިތް މޭލް ޑިރެކްޓަރސް' ރިޕޯރޓުގައި ދިނިޔޭގެ އެކި ޤައުމުތަކުގެ ބޮޑެތި ކުންފުނިތަކުގެ ބޯޑުތަކުގެ އިސް މަޤާމްތައް ފުރާ ފިރިހެން ޑިރެކްޓަރުންނާ އަންހެނުން ކުންފުނިތަކުގެ ބޯޑުތަކުގައި ތިބުމާ ގުޅޭގޮތުން ސުވާލުތަކެއް ކުރެވުނެވެ. ފުރަތަމަ އަންހެނުން ހިމެނޭ ބޯޑެއްގެ ޑިރެކްޓަރެއްގެ ގޮތުގައި ކުރެވުނު ތަޖުރިބާއަކީ ކޮބައިތޯ، ސުވާލުކުރުމުން ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވަނީ އަންހެނުން ޑިރެކްޓަރުންގެ ބޯޑުގައި ހިމެނުމަކީ އެކަމުގެ ސަބަބުން ކުންފުނީގެ ހިންގުމަށް ވަރަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމެއް ކަމަށާއި، އަންހެނުންނަކީ ކެރިގެން ނިންމުންތައް ނިންމައި، ރިސްކު ނަގައި ރިސްކު މެނޭޖްކުރުމުގައި ފިރިހެނުންނަށް ވުރެ ޤާބިލު ބައެއްކަމަށް ފާހަގަކޮށްފައިވެއެވެ. ދެވަނަ ސުވާލެއްގެ ގޮތުން ބޯޑުތަކުގައި އަންހެނުންގެ ޙިއްސާވުން އިތުރުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ ދައުރާ މެދުގައި ސުވާލުކުރުމުން ގިނަ ފިރިހެން ޑިރެކްޓަރުން ފާހަގަކޮށްފައިވަނީ ހަމައެކަނި ސިޔާސަތު ބަދަލުކޮށްގެން ނުވަތަ ކޯޓާ ސިސްޓަމެއް ޤާއިމްކޮށްގެން މިކަމަށް ޙައްލެއް ނުލިބޭނެކަމަށާއި، އޭގެ ބަދަލުގައި އަންހެނުން މިފަދަ މަޤާމުތަކުގައި ޙަރަކާތްތެރިވުމާމެދުގައި މުޖްތަމަޢު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިރެކްޓަރެއްގެ މަޤާމް އަދާކުރުމަށް ޝައުޤުވެރިވާ އަންހެނުންނަށް ދޭނެ އިރުޝާދަކީ ވިޔަފާރިއާއި ކުންފުނި ހިންގުމުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކޮށް ތަޖްރިބާ ހޯދުންކަމާއި، މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އިންޓަރވިއު ކުރެވުނު ގާތްގަޑަކަށް ހުރިހާ ފަރާތަކުންވެސް ފާހަގަކޮށްފައިވެއެވެ.

އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުއަށް ބަލާލާއިރު 2014 ވަނަ އަހަރު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންތް އޮތޯރިޓީގެ (ސީ.އެމް.ޑީ.އޭ) ގައި ލިސްޓްކުރެވިފައިވާ 50 ކުންފުނީގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑުގައި ޙަރަކާތްތެރިވެފައިވަނީ އެންމެ %2 އަންހެނުންކަމީ އެކަމާމެދު ވިސްނަންޖެހިފައިވާކަމެކެވެ. 2014 ވަނަ އަހަރު ކޯޕަރޭޓް ގަވަރނަންސް ކޯޑަށް ހުށަހެޅުނު އިޞްލާޙުތަކުގެ ތެރޭގައި އަންހެނުން ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ މިންވަރު އިތުރުކުރުމަށް ކުންފުނިތަކުގެ ބޯޑުތަކުގައި ދެ ޖިންސުގެ ބައިވެރިވުން ހަމަހަމ ގޮތެއްގައި އޮންނަންވާނެކަމަށާއި، މި ގޮތުން އެ ފުރުސަތު އަންހެނުނަށް ތަނަވަސްކޮށް ދެވޭގޮތަށް ހިންގުމުގެ ސިޔާސަތު ކަނޑައެޅުމަށް ބާރުއަޅާ އިޞްލާހުތަކެއް ހުށަހެޅުނުކަން ފާހަގަކުރެވެއެވެ. އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ކޯޓާ ސިސްޓަމްތައް ޤާނޫނީ ނިޒާމްގެ ތެރެއިން މިހާރުވެސް ޤާއިމްކޮށްފައިވާ ޤައުމުތަކުގެތެރެއިން ނޯވޭ އަދި ނެދަލޭންޑްސް ފަދަ ޤައުމުތަކުގައި ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެނުން ވަކި މިންވަރަކަށް ތިބުމަށް ލާޒިމްކޮށްފައިވާކަމާއި، ބެލްޖިއަމްގައިވެސް 2018 އާ ހަމައަށް ބޯޑުތަކުގައި %33 އާ ހަމައަށް އަންހެނުން ޝާމިލުވާންވާނެކަމަށް އެ ޤަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، ދިވެހިރާއްޖޭގައި ހިންގުމުގެ ސިޔާސަތުތަކާއި ކުންފުނި ހިންގުމުގެ ޤާނޫނީ އޮނިގަނޑަށް އަދި މާ ބޮޑު ބަދަލުތަކެއް އައިސްފައި ނުވިނަމަވެސް، ބޮޑެތި ކުންފުނިތަކުގެ ބޯޑުތަކުގައި އަންހެން ބޭފުޅުން މަދުން ނަމަވެސް ޙަރަކާތްތެރިވާކަން ފާހަގަކުރަންވާނީ ޕޮޒިޓިވް ޕޮއިންޓެއްގެ ގޮތުގައިކަމާއި، ބޯޑުތަކުގައި ތިބޭ ފިރިހެނުންގެ ވިސްނުމާ ފިކުރުވެސް ބައްޓަންކުރަންވީ ޖިންސީ ތަފާތުކުރުންތަކުން ދުރުވެ ހަމަހަމަ ގޮތެއްގައި ދެ ޖިންސުގެ ބައިވެރިވުމަށް ހިތްވަރުދެވޭނެފަދަ ގޮތަކަށެވެ. ކުންފުނިތަކުގެ ވިޔަފާރި ކުރިއަރެވުމަށްޓަކައި އައު ސިޔާސަތުތައް ކަނޑައަޅުމަށް ތައްޔާރަށް ތިބޭއިރު، ކުންފުނީގެ ކުރިއެރުމަކީ ދެ ޖިންސުގެ ހަމަހަމަކަމާއެކުގައި ޙާޟިލްކުރެވިދާނެ އެއްޗެއްކަން މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުން ސާބިތުވާން އޮތްއިރު، އެކަމުގައި ދިވެހި ކުންފުނިތައް ފަސްޖެހޭންވީ އެއްވެސް ސަބަބެއް ނެތެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް