އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބީއެމްއެލް އަށް މިދިއަ އަހަރުގެ ކުރިއެރުމަކާއެކު 1.02 ބިލިއަންރުފިޔާގެ ފައިދާއެއް!

ބީއެމްއެލް އަށް މިދިއަ އަހަރުގެ ކުރިއެރުމަކާއެކު 1.02 ބިލިއަންރުފިޔާގެ ފައިދާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 38 ސިކުންތު

ބޭންކް އޮފް މޯލްޑިވްސްގެ 2016 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީބަޔާނާއި އަހަރީ ރިޕޯޓް މިއަދު ޝާޢިއުކޮށްފައިވާއިރު އެ ރިޕޯޓުގައިވާގޮތުން އެބޭންކަށް ވަނީ މިދިއަ އަހަރު %61ގެ ކުރިއެރުމަކާއެކު 1.02 ބިލިއަންރުފިޔާގެ ފައިދާއެއް! އަދި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވުމާއެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ވަނީ %9 އަށް ދަށްކުރެވިފައެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފަހެއްޓިފައެވެ.

މި ނަތީޖާއާއެކު ބޭންކުން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖުމްލަ 108 މިލިއަން (ހިއްސާއަކަށް 20 ރުފިޔާ) ހުށަހަޅާފައެވެ. މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

ބޭންކުން މިހާރުވެސް ދަނީ ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމަޢަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން 2016 ވަނަ އަހަރު، ޚިދުމަތްތައް ފުޅާކުރުމަށާއި، އުމްރާނީ ތަރައްޤީއަށާއި ސީއެސްއާރު ހަރަކާތްތަކަށް 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެއެވެ. ޚާއްސަކޮށް 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

2016 ވަނަ އަަހަރަކީ "ބޭންކަށް ފަޚުރުވެރި އަހަރެއް"ގެ ގޮތުގައި ސިފަކުރައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. "2016 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް މާލީ ގޮތުން އެންމެ ފައިދާކުރި އަހަރަށް ވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް، މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށާއި އަޅުގަނޑުމެންނަށް ވަރަށް އިހުލާސްތެރިކަމާއެކު އެއްބާރުލުން ދެއްވި 270،000 ކަސްޓަމަރުންނަށް. އަދި ހަމަ އެއާއެކު އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންނަށާއި ވިޔަފާރިތަކާއި މުޖުތަމަޢުތަކަށް އެހީވުމަށް މިހާތަނަށް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް 2016 ވަނަ އަހަރުކޮށްފައިވާކަން ވެސް ފާހަގަކުރަން. މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާއެކު އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވުމަކީ2017 ވަނަ އަހަރު ގިނަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް. މިއަހަރު އަޅުގަނޑުމެންގެ އިންވެސްޓްމަންޓް ދެގުނަކޮށް ޖުމްލަ 300 މިލިއަން ރުފިޔާ އިންވެސްޓްކުރުމަށް މިވަނީ ނިންމާފައި. އަދި މި މަރުހަލާތަކުގެ ތެރޭގައި އިތުރު 150 ވަޒީފާ އުފެދިގެންދާނެ."

އެންޑްރޫ އިތުރަށް ވިދާޅުވީ "މިއަހަރުތެރޭ އަޅުގަނޑުމެންގެ ގިނަ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިންގ ސެންޓަރުތަކާއި ބިޒްނަސް ސެންޓަރތަކެއް ހުޅުވިގެންދާނެ.މިކަމުގެ ފައިދާ ރާއްޖޭގެ ތަފާތު 22 ރަށަކަށް ލިބިގެންދާނެ. މީގެ އިތުރުން ދިވެހި މުޖުތަމައުތަކަށް އެހީވުން އިތުރުކުރުމުގެ ގޮތުން މުޖުތަމައަށް ދެމެހެއްޓެނިވި ފައިދާ ކުރާނެ، ތައުލީމާއި ކުޅިވަރު އަދި ތިމާވެއްޓާ ގުޅޭ 10 ސީއެސްއާރު ޕްރޮޖެކްޓް އަލަށް ފަށާނަން."

މިދިޔަ އަހަރުގެ ކާމިޔާބީއާ މެދު ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ފަރީހާ ޝަރީފް ވިދާޅުވީ " ފާއިތުވި އަހަރު އަޅުގަނޑުމެންވާނީ ރާއްޖޭގެ އާބާދީ ބޮޑެތި ސަރަހައްދުތަކާ ދުރު ރަށްރަށަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެންވަރުގެ "ނިއު ސްޓައިލް" ބްރާންޗްތަކެއް ގާއިމްކޮށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބީއެމްއެލްގެ ބްރާންޗްތައް ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްކޮށްފައި. 34 ބްރާންޗާއި، 85އޭޓީއެމް، 4000 ޕޮއިންޓް އޮފް ސޭލް މާޗެންޓުން، 200 ކޭޝް އެޖެންޓުން އަދި 27ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއެކު މުޅި ރާއްޖެ ހިމެނޭ ވިޔުގައެއް މެދުވެރިކޮށް އަޅުގަނޑުމެން މިވަނީ ދިވެހި އާންމު ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި މުޖުތަމައަށް އެންމެ ފެންވަރު ރަގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައި."

ފަރީހާ އިތުރަށް ވިދާޅުވީ " އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން 2016 ވަނަ އަހަރަކީ ބޭންކުގެ އެންމެ ކާމިޔާބު އަހަރުކަން. އަދި ޖެހިޖެހިގެން ހަތަރުވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ރެކޯޑް އަދަދެއް،ބޯޑުން ހުށަހަޅަން ލިބުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން އަޒުމްކަނޑައަޅާފައި މިވަނީ މިކާމިޔާބު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް. އަދި އެކަން ހާސިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ކަމަށެވެ.

2016 ވަނަ އަހަރުގެ އުސްއަލިތައް

- ޓެކްސްއަށް ކެނޑުމަށްފަހު ފައިދާ 1.02 ބިލިއަންއަށް، މިއީ 2015 ވަނަ އަހަރާ އަޅާބަލާއިރު %61 ގެ ކުރިއެރުމެއް
- އުމްރާނީ ތަރައްގީއަށާއި މުޖުތަމައުތަކަށް ޚިދުމަތް ފުޅާކުރުމަށް 150 މިލިއަން އިންވެސްޓްކޮށްފައިވޭ، 4 ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމުކުރެވުނު
- 2017 ވަނަ އަހަރު 22 ރަށެއްގައި 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 ވަޒީފާ އުފެދިގެންދާނެ
- ހިއްސާއަކަށް 20 ރުފިޔާގެ މަގުން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށްރެކޯޑް އަދަދެއް


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު