އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޖާބު އެޅީ ބައްޕަ ބިރުދައްކައިގެން ކަމަށް ބުނުމުން ރީތި ގޮތަކަށް ރައްދު ދީފި

ހިޖާބު އެޅީ ބައްޕަ ބިރުދައްކައިގެން ކަމަށް ބުނުމުން ރީތި ގޮތަކަށް ރައްދު ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޕެންސިލްވޭނިއާ ގައި ދިރިއުޅޭ އުމުރުން 17 އަހަރުގެ ލަމްޔާ އާއި ދިމާލަށް، އޭނާ ހިޖާބު ނުވަތަ ބުރުގާ އަޅަނީ އޭނާގެ ބައްޕަ އެކަމަށް ބާރުފޯރުވާ، ބިރު ދައްކައިގެންނޭ ބުނުމުން، އެއީ ދޮގެއްކަން ހެއްކާއި އެކު ސާބިތު ކޮށްދެމުން ރައްދު ދީފިއެވެ.

ލަމްޔާ ބުނި ގޮތުގައި، ވަރަށް ގިނައިން މީހުން އޭނާއާއި ދިމާކޮށް ހަދައެވެ. އެމެރިކާ ގައި ދިރިއުޅޭ މުސްލިމް އަރަތްބަކަށް ވާތީ، ކްލާސް ކުދިންގެ އިތުރުން ނުދަންނަ ފަރާތްތަކަކުން ވެސް ދިޔައީ ލަމްޔާއަށް ފުރައްސާރަކޮށް ހަޑި ހުތުރު އެއްޗެހި ގޮވާ މެސެޖުވެސް ކުރަމުންނެވެ.

މިއަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު، ނުދަންނަ ފަރާތަކުން ލަމްޔާއަށް ކޮށްފައިވާ ޓްވީޓެއް އޭނާ ހިއްސާ ކޮށްލިއެވެ. އެޓްވީޓުގައި ލަމްޔާއާއި ދިމާލަށް ހަޑި ހުތުރު ބަސްތައް ކިޔުމަށްފަހު ބުނެފައިވަނީ "ކަލޭގެ ބޮލުގައި ތިފޮތިކޮޅު އަޅައިގެން ތިއުޅެނީ ކަލޭގެ ބައްޕަ ކަލޭ ގައިގާ ތަޅައިގަންނާނެތީ" މިހެންނެވެ. އަދި އެހެން ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ ފިރިހެނުންނަކީ އަބަދުވެސް އަންހެނުންނަށް ބާރުފޯރުވާ އަންހެނުން ދަށުކޮށްގެން ގެންގުޅޭ ބައެއް ކަމުގައެވެ.

ޓްވީޓުގައި "ފޮތިކޮޅު" މާނަ ކޮށްފައި އެވަނީ މުސްލިމް އަންހެން ކުދިންނާއި އަންހެނުން ބޮލުގައި އަޅާ ބުރުގާ އަށެވެ.

މިޓްވީޓު ލިބުމުން، އެއަށް ރައްދު ދިނުމުގެ ގޮތުން ހެކި ހޯދުމަށް ލަމްޔާ އޭނާގެ ބައްޕައަށް މެސެޖު ކުރިއެވެ.

"ލަމްޔާ: ބައްޕާ! އަޅުގަނޑު ވާހަކައެއް ބުނަން ބޭނުން.

ލަމްޔާގެ ބައްޕަ: އަވަހަށް ބުނޭ ދަރިފުޅާ! ދަރުފުޅުގެ ހާލު ރަނގަޅުތަ؟

ލަމްޔާ: އަޅުގަނޑުގެ ހާލު ރަނގަޅު. އަޅުގަނޑު އެބަ ވިސްނަން އަޅުގަނޑުގެ ހިޖާބް ނަގަން!

ލަމްޔާގެ ބައްޕަ: ދަރިފުޅާ! ތިއީ ބައްޕަގެ އަތްމަތީގައިވާ ކަމެއް ނޫން. ތިއީ އެއްވެސް ފިރިހެނެއްގެ އަތްމަތީގައިވާ ކަމެއް ނޫން. ދަރިފުޅަށް ތިއީ ކުރުން ރަނގަޅު ކަމެއް ކަމުގައި ފެންނަންޏާ ބައްޕަގެ އެއްވެސް މައްސަލައެއް ނެތް. ބައްޕަ އަބަދުވެސް ދަރިފުޅަށް ހުރިހާ ކަމެއްގައިވެސް ހިތްވަރު ދޭނަން."

ލަމްޔާ އާއި އޭނާގެ ބައްޕައާއި ދެމެދު ދެކެވުނު ވާހަކަ ލަމްޔާ ވަނީ އޭނާއަށް އެއްޗެހި ގޮވާފައިކޮށްފައިހުރި ޓްވީޓާއި އެކު، ޓްވިޓަރގައި ހިއްސާކޮށްފައެވެ.

"މިފަދައިން ރައްދު ދިނުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު އަހަންނަށް ހިތްވަރުދީފައި މެސެޖު ކޮށްފައި ހުރި. އަދި އަނެއް ބަޔަކު، ހިޖާބު އެޅުމުގެ މުހިންމުކަން އަހަންނަށް ކިޔާދީ ހިޖާބު ނުނެގުމަށް ނަސޭޙަތްތެރިވި. ވަރަށް އުފާވި ގިނަ މީހުން އެގޮތަށް ހިތްވަރު ދިނީމަ. ނަމަވެސް ބުނެލަން ބޭނުންވަނީ، ދުވަހަކުވެސް ހިޖާބު ނަގަން ނުވިސްނާ ކަމަށާއި ބައްޕަ ގާތު އެފަދައިން ވާހަކަ ދެއްކީ، އަހަރެން ހިޖާބު އެޅީ މައިންބަފައިން މަޖުބޫރުކޮށްގެން ނޫންކަމާއި އަހަރެންގެ މައިންބަފައިން އަހަންނަށް ރީތި ރަނގަޅު ގޮތް އުނގަންނައި ދިނުމަށްފަހު އެމިނިވަންކަން އަހަންނަށް ދީފައި އޮންނަކަން ސާބިތު ކޮށްދޭން" ލަމްޔާ ބުނެފައިވެއެވެ.

"އަހަރެން ހިޖާބު އެޅީ އަހަރެންގެ އުފަލަށް. ހިޖާބު އެޅުމުން، ނުބައި އަމަލުތައް ކުރުމުން އަހަރެން ދުރުކޮށްދޭ. އަދި އަހަރުމެން ހެއްދެވި ފަރާތާއި އަހަރެން ގާތް ވެސް ކޮށްދޭ" ދިފާޢުގައި ވާހަކަ ދައްކަމުން، ކަންހުރިގޮތް ސާފުކޮށް އޮޅުންފިލުވާ ދެމުން ލަމްޔާ ބުނެފައިވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ