އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައެއްގެ ގޮތުގަ މުސްކުޅި އަންހެނަކަށް ޚިދުމަތް ކުރުމުން ތަނަވަސްކަން ލިބުނު މީހެއްގެ ވާހަކަ..

މައެއްގެ ގޮތުގަ މުސްކުޅި އަންހެނަކަށް ޚިދުމަތް ކުރުމުން ތަނަވަސްކަން ލިބުނު މީހެއްގެ ވާހަކަ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

އަހްމަދުގެ އުމުރުން 10 އަަހަރުގައި އޭނާގެ މަންމަ ނިޔާވެއްޖެއެވެ. އެހެންކަމަމާއިއެކުވެސް އަހްމަދުގެ އެންމެ ބޮޑަށް ވިސްނަމުން އައި އެއްކަމަކީ އޭނާގެ މަންމައަށް އެއްވެސް ޚިދުމަތެއް އޭނާއަށް ނުކުރެވުނު ކަމާއިމެދުގައެވެ.

އަހްމަދަށް އަމިއްލަ ދިރިއުޅުމެއް ފަށައިގަނެވުމުންވެސް އޭނާ އެންމެ ބޮޑަށް ސަމާލުކަން ދިން އެއްކަމަކީ އޭނާގެ މަންމައަށް ޚިދުމަތްކުރުމެވެ. އެހެންކަމުން އޭނާއަށް ލިބޭ މުސާރަ ބޭނުންކުރަމުން އައީ ހަމަ އޭނާ އާއި އެއްވަރަށް ބައެއް އަޅައިގެންނެވެ.

އަހްމަދަށް ލިބޭ މުސާރަ ބަހަނީ އޭނާ އަށާއި އޭނާގެ އަނބިމިހާ އަށާއި 2 ދަރިންނަށެވެ. ބައްޕައަށް ބައި އަޅަނީ މަދުންނެވެ. އެއީ އަހްމަދު ވަރަށް ކުޑައިރު އޭނާ ދޫކޮށްލާފައި ބައްޕަ ގޮސްފައިވާތީއެވެ. ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބި ބޮޑުވަންޖެހިފައިވާތީއެވެ. އަޙްމަދުގެ މަންމަ އޭނާ ބަލައި ބޮޑުކުރީ ގޭގޭގައި މަސައްކަތްކޮށްގެން ލިބުނު ކުޑަ ލާރިކޮޅުންކަމަށްވުމަކީ ބައްޕަ އާއިމެދު އަހްމަދަށް ފަރުވާކުޑަކުރެވުނު އެއް ސަބަބެވެ.

އަހްމަދަށް މަހަކު ލިބެނީ 25،000 ރުފިޔާއެވެ. އެހެންކަމުން އަނބިދަރިންނަށް ޚަރަދުކޮށްފައި އަދި މަންމައަށް ބައި އަޅަމުން އަހްމަދު އުޅުނީ މާ ތަނަވަސް ދިރިއުޅުމެއް ނޫނެވެ. ހަމަ ވަރަށް އާދައިގެ ދިރިއުޅުމެކެވެ.

އަހްމަދުގެ މުސާރައިން މަންމައަށް އަޅާބައިން އަހްމަދު އެންމެ ފުރަތަމަ ކުރިކަމަކީ މަންމަގެ ބަދަލުގައި މީހަކު ހައްޖަށް ފޮނުވުމެވެ. އެހެން ގޮތަކަށް ބުނާނަމަ މަންމައަށް ހައްޖެއް ހޯދައި ދިނުމެވެ. އެއަށްފަހު އެ ފައިސާ ހޭދަކުރަނީ މިސްކިތްތަކަށާއި ފަޤީރުންނަށް ޞަދަޤާތް ކުރުމަށެވެ.

އަހްމަދު މަސައްކަތްކުރާ ދާއިރާއަކީ އެކައުންޓިންގ ގެ ދާއިރާއެވެ. މަސައްކަތުގައި ކުރިއެރުން ހޯދަން ބޭނުންވާތީ އަހްމަދު ދިއައީ ޗާޓަރޑް އެކައުންޓެންޓަކަށްވުމަށް ކިޔަވަމުންނެވެ.

އެދުވަސްވަރު އަހްމަދަށް ފެނުނީ މަގުގެ އެއްކައިރީގައި ދުވާރުމަތީގައި އިށީނދެލައިގެން އިން އުމުރުން ދުވަސްވީ އަންހެނެކެވެ. އަހްމަދަށް އޭނާ ފެނުމުން ސައިކަލް މަޑުކޮށްލިއެވެ. އެވަގުތު އަހްމަދަށް އިހްސާސްކުރެވުނީ އެއީ އޭނާގެ މަންމަ ކަމަށެވެ.

ސައިކަލް ޕާކުކޮށްލުމަށްފަހު ގޮސް ވާހަކަ ދައްކައިލުމުން އެނގުނީ އޭނާގެ ފިރިހެން ދަރިފުޅުގެ އަނބިމީހާ އޭނާ ގޭގައި ގެންގުޅެން ބޭނުން ނުވުމުން އޭނާ ގުރައިދޫ މަރުކަޒަށް ފޮނުވާލަން އުޅޭތީ އެތަނަށް ނުދާންވެގެން ގެއިން ނުކުމެ އިން އަންހެނެއް ކަމެވެ.

އަހްމަދު ގެއަށް ދިއައީ އެއަންހެން މީހާ ގޮވައިގެންނެވެ. އަދި އަނބިމީހާ ގާތު ބުނީ އެއީ އޭނާއަށް މާތްﷲ ދެއްވެވި މަންމައެއް ކަމަށާއި އެ މަންމައަށް ރަނގަޅަށް ޚިދުމަތް ކުރުމަށެވެ. އަހްމަދުގެ ބަސް ޤަބޫލުކޮށް އަނބިމީހާވެސް އޭނާއަށް ޚިދުމަތްކުރަމުން ގެންދިއައީ މައެއް ކަމުގައި ބަލައިގެންނެވެ.

އެއިގެ އަހަރެއްހައި ދުވަސް ފަހެވެ. އަހްމަދު އިމްތިހާނުން ފާސްވީ އެއްވަނަ ދަރަޖައިގައެވެ. މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގައި ފަސްތަރި 2 ރިޒޯޓު ހިންގާ ބޭރު ކުންފުންޏެއްގެ ޗީފް އެކައުންޓަންޓެންޓުގެ މަޤާމް އަހްމަދަށް ލިބުނެވެ.

މިހާރު އަހްމަދުގެ މުސާރައަކީ 25،000 ރުފިޔާއެއް ނޫނެވެ. މަހަކު 8،000 ޑޮލަރެވެ، ޑޮލަރުގެ އަގު މިހާރު ހުރި ގޮތަށް ބަލައިފިނަމަ ގާތްގަނޑަކަށް 130،000 ރުފިޔާއެވެ.

މާތްﷲ މީސްތަކުންނަށް ކަންކަން މިންވަރުފުޅު ކުރައްވަވަނީ މިވެނި ކަމަކާއި ގުޅިގެންކަން އެއީ އެނގޭ ކަމެއް ނޫނެވެ. އެނގޭ ކަމަކީ އަހްމަދުގެ ދިރިއުޅުމަކީ މާތް ދިރިއުޅުމެއް ކަމާއި އޭނާއަށް މާތްﷲ ތަނަވަސްކަން މިންވަރަރުފުޅު ކުރައްވަވާފައިވާ ކަމަށެވެ.

އަހްމަދަށް ތަނަވަސްކަން މިންވަރުފުޅު ކުރެއްވެވުމުން ވެސް އަހްމަދުގެ މުސާރަ ބަހަމުން އަންނަނީ ހަމަ ކުރިންވެސް ބަހަމުން އައި ގޮތަށެވެ. އިތުރު ބައެއް ވެސް އަޅައިގެންނެވެ. އެއީ އޭނާއަށް މާތްﷲ މިންވަރުކުރެއްވެވި މަންމައަށް އަޅާބައެވެ.

ޗުއްޓީއެއްގައި އަނބިދަރިން ގޮވައިގެން ތަނަކަށް ދިއަ ނަމަވެސް ދަނީ އެ މަންމަ ގޮވައިގެންނެވެ. އެމަންމައަށް ޚިދުމަތް ކުރަނީ ހަމަ އުފަން މަންމައަކަށް ޚިދުމަތްކުރާ ފަދައިންނެވެ.

(މިވާހަކައަކީ މިއަދުނޫހުގައި އިއްޔެ ހާމަކުރި ވާހަކަތަކާއި ގުޅިގެން ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް