އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުރިހާ ނުބައިކަމެއް ކުރަމުންދިއަ މީހެއްގެ ހަޔާތް ބަދަލުކޮށްލި އިންޒާރުގެ އާޔަތް

ހުރިހާ ނުބައިކަމެއް ކުރަމުންދިއަ މީހެއްގެ ހަޔާތް ބަދަލުކޮށްލި އިންޒާރުގެ އާޔަތް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

އަލްފުދައިލް ބިން އިޔާދަކީ ޝަހާދަތް ކިޔާ އިސްލާމެކެވެ. ނަމަވެސް އޭނާ ނަމާދެއް ނުކުރެއެވެ. ހުރިހާ ނުބައިކަމެއް ކުރެއެވެ. ނަތީޖާއެއްގެ ގޮތުން އަވަށުގެ އެއްވެސް މީހަކު އޭނާއާއި ވާހަކައެއް ނުދައްކައެވެ.

ކައިވެނިކުރަން ބޭނުންވެގެން އަންހެން ކުއްޖަކާ އަނގައިން ބުނަން މަސައްކަތްކުރި ނަމަވެސް އެއްވެސް އަންހެން ކުއްޖަކު އޭނާ އާއި ވާހަކައެއް ނުދައްކައެވެ.

އަލްފުދައިލްއަށް މިކަން ބޮޑުވެ ދެން އެހެން ގޮތެއް ނެތިގެން އެހެން އަވަށަކަށް ގޮސް އޭނާއަކީ ކާކުކަން ނުއެނގޭ އަންހެންކުއްޖަކާއި ގުޅުން ބަދަހިކުރިއެވެ.

އަންހެން ކުއްޖާ އާއި ބައްދަލުކުރަން އެއްރޭ އެގެއަށް ވަނުމަށްޓަކައި ވަރަށް ސިއްރުން ފާރުމަތިން އަރަނިކޮށް އޭނާއަށް އިވުނީ ކީރިތި ޤްރްއާނުގެ އާޔަތެކެވެ. އަލްޙަދީދް ސޫރަތުގެ 16 ވަނަ އާޔަތެވެ. އެ އާޔަތުގެ މައުނައީ:

"ﷲ ހަނދުމަކުރުމަށާއި ހައްޤުބަސްފުޅުގެތެރެއިން ބާވައިލެއްވި ފޮތްތައް އެއުރެންގެ ހިތްތައް މަޑުމައިތިރި ވުމަށާއި މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް އީމާންވީ މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ އެއުރެންނަށް ޒަމާން ދިގުވެގެން ދިއައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންގެ ގިނަ މީހުންނީ ފާސިޤުންނެވެ."

އާޔަތުގެ އަޑުއިވުމާއިއެކު އަވަސްއަވަހަށް ފާރުމަތިން ފުންމައިލިއެވެ. އަދި ބުންޏެވެ. "ޔާﷲ! ވަގުތު ޖެހިއްޖެކަން ޔަޤީނެވެ."

އަލްފުދައިލް މައިމަގަށް ނުކުތްއިރު ދަތުރުވެރިންގެ ބައަކު އެތުގައި ތިއްބެވެ. އެމީހުން ދައްކަމުންދިއަ ވާހަކައިގެ އަޑުވެސް އޭނާއަށް އިވުނެވެ. "ކޮބާ ދަތުރު ފަށަންވީނު. ނޫން- ހެނދުނު ފަށާނީ- އަލްފުދައިލް މިހިސާބުގަ އެބަ އުޅޭ. ފެނިއްޖިއްޔާ އަހަރެމެންގެ ދުވަސް ދުއްވާލައި މުދާކޮޅު ފޭރިގަންނާނެ."

އަލްފުދައިލްއަށް މިއަޑުތައް އިވުމުން އޭނާގެ ޙަޤީޤީ ހާލަތު އޭނާއަށް ވިސްނުނެވެ. ހަޔާތް މުޅިން ބަދަލުކޮށްލުމަށް އަޒުމް ކަނޑައެޅިއެވެ. އެރެއަށްފަހު އަލްފުދައިލް މާތްﷲ ނަހީ ކުރެއްވެވި އެއްވެސް ކަމެއް ނުކުރެއެވެ. ޖަމާއަތުގައި ނަމާދުކުރުމަށް އަވަސްވެގަނެއެވެ.

އަލްފުދައިލް، އޭނާ އިޞްލާޙްވި ސަބަބު މީހުންނަށް ކިޔައިދެމުން ބުނަނީ ކީރިތި ޤްރްއާނުގެ އަޑު ކުރިންވެސް އަހާ ކަމަށާއި ނަމަވެސް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ އާޔަތުގެ އަޑުއިވުމުން އިޙްޞާޞްކުރެވުނީ އެ އާޔަތް އަމާޒުވަނީ ހަމަ ސީދާ އޭނާއަށް ކަމަށެވެ. މާތްﷲ ހަމަ ސީދާ އޭނާއަށް އިއްވެވި އިންޒާރުގެ އަޑެއް ކަމަށެވެ.

މަގު އޮޅިފައި ތިބޭ މީހުންނަށް ކީރިތި ޤްރްއާނުގެ އަޑު އިވުމުން ކުރާ އަސަރު މިއަދު އަޅުގަނޑުމެންނަށް ކީރިތި ޤްރްއާނުގެ އަޑު އިވުމުން ކުރާ ކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުކޮށްލުން ރަނގަޅެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް