އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްވެވުނީ، ހެއްދެވި ފަރާތަށް ބިރުވެތި ވެވުމުން

މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްވެވުނީ، ހެއްދެވި ފަރާތަށް ބިރުވެތި ވެވުމުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު

މަސްތުވާ ތަކެއްޗަކީ، އެބޭނުން ކުރަން ފަށައިފި މީހަކަށް އޭގެ ވަބާއިން ފަސޭހައިން ސަލާމަތް ވޭނެ އެއްޗެއް ނޫން ކަމަަށް ގިނަ ބަޔަކު ޤަބުލު ކުރެއެވެ. އޭގެން އެކުރާ މަސްތެއްގެ ސަބަބުން ހޭބުއްދި ފިލުމުގެ ނަތީޖާއަކަށްވަނީ، އަބަދުމެ އެބޭނުން ކުރާ ހިތްވުުމާ އެބޭނުން ކުރުމަށްޓަކައި ކޮންމެފަދަ ހައްދަކަށް ވެސް އެމީހާއަށް ދެވުމެވެ.

މިއީ އެފަދައިން މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ ދިވެހި ފިރިހެނެއްގެ ޙަޤީޤީ ވާހަކައެވެ. ނަންހާމަ ކުރުމަށް ބޭނުންނުވާ އެމީހާ، މަސްތުވާ ތަކެތީގެ މަސްތުން ސަލާމަތްވެ ދުރުވީ އޭނާ އަމިއްލަ މަސައްކަތުން ވިޔަސް، އެކަން އެނާއަށް ހާސިލް ކުރެވެނީ ހެއްދެވި ފަރާތްދެކެ ބިރުގަނެ، އޭނާގެ އީމާންތެރިކަން މަސްތުވާތަކެތީގެ މަސްތަށްވުރެ ވަރުގަދަ ވުމުންނެވެ.

މަސްތުވާތަކެތީގެ ވަބާގައި އޭނާއަށް ޖެހެވުނީ ވަކި އެވެނި މިވެނި މީހެއްގެ ސަބަބުންނޭ އޭނާ ނުބުނެއެވެ. އޭނާ ބުނި ގޮތުގައި، އެކަމުގައި އޭނާ އެހެން އެއްވެސް މީހެއް ކުށްވެރިއެއް ނުކުރެއެވެ. އެކަން އޭނާއަށް ކުރެވުނީ ހަމައެކަނި އޭނާގެ ކުށުންކަން، އަދި އޭނާ އެކަން ކުރީ، އަމިއްލައަށް އެކަން ކުރަން ބޭނުންވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

އެއިރު އޭނާގެ އުމުރަކީ 18 އަހަރެވެ. މަސްތުވާތަކެތީގެ އެކި ބާވަތްތަށް އޭނާ ބޭނުން ކުރިއެވެ. ރަޙްމަތްތެރިންނާއިއެކު އެއްބައި ވެގެން، އެކަން އޭނާ ކުރީ ދުނިޔެވީ ޙިޔާލުތަކާއި ދުރަށް ދާށެވެ. އަދި އެއީ "މަޖާ" ކޮށްލުން ކަމަށް ދެކިގެންނެވެ.

އެންމެ ފުރަތަމަ ހަމައެކަނި އަޖުމަ ބަލާލުމުގެ ގޮތުން ކުރަން ފެށި ކަންތައް، ފަހުން ވީ ކަށީގައި ހިފި ނުބައި އާދައަކަށެވެ. އެކަނި ހުރުމުގެ ސަބަބުން، އަމިއްލައަށް މަސައްކަތް ކުރިނަމަވެސް ލިބޭ އާމްދަނީއެއްގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑުބައި އޭނާ ހޭދަކޮށްލީ، މަސްތުވާން އެކި ކަހަލަ ތަކެތި ގަތުމުގައެވެ.

ދުވަސްތައް އެފަދައިން ވޭތުވަމުން ދިޔައެވެ. ނަމަވެސް ކިތަންމެ ވަރަކަށް މަސްތުވި ކަމުގައިވީ ނަމަވެސް، އަބަދުވެސް އޭނާގެ ހިތް ހުންނަނީ ނުތަނަވަސްވެފައެވެ. މަސްތުން އެހެން ހުރިހާ ކަމެއް ހަނދާން ނެތި ހޭބުއްދި ފިލައިގެން ދިޔަ ކަމުގައިވިޔަސް، ހަމަ އެހެން ހުރެފައި މާޔޫސްވާން ފަށާކަަމަށް އޭނާ އެއްބަސްވިއެވެ. އޭނާއަށް އެކުރެވެނީ ރަނގަޅު ކަމެއް ނޫންކަން ވިސްނެންފެށުނެވެ. އަދި އެކަންކަމާއި ހިތާމަކުރަން ވެސް ފެށުނެވެ.

އެހިތާމައިގެ ނަތީޖާއަކަށްވީ، މަސްތުވާތަކެތި ބޭނުން ކުރާ ކޮންމެ ފަހަރަކު އޭނާ ބިރުގަތުމެވެ. އަދި ކަންކަމާއިމެދު ވިސްނެން ފެށުމެވެ. އޭނާއަކީ ކުރިންވެސް ނަމާދުކޮށް، ދީނީ ކަންކަމަށް އިސްކަންދީ އުޅުނު މީހަކަށް ވުމުން، އެފަދަ ބޮޑު ފާފައެއް ކުރެވޭތީ އޭނާގެ ހިތް ބިރުގަންނަން ފެށިއެވެ. އެނޭދެވޭ ޢަމަލު ހިންގަހިންގާ ހުއްޓާ މަރުވެއްޖެނަމަ ލިބޭނީ ނަރަކައިގެ ވޭންދެނިވި އަޒާބޭ އޭނާގެ ހިތަށް އަރާ ހިތް ބިރުގަންނަން ފެށިއެވެ.

ބަންގި ގޮވާ އަޑު އިވުމުންވެސް އޭނާއަށް ވިސްނެން ފެށުނެވެ. އޭނާ ބުނިގޮތުގައި ބަންގި ގޮވާއަޑު އިވޭ ކޮންމެ ފަހަރަކު، އެވަގުތަކީ އޭނާ ނުބައި ކަމެއް ކުރަން އިންނަ ވަގުތެއްނަމަ، ވަގުތުން އެކަމެއް ކުރުން ހުއްޓާލެވުނެވެ. އަދި ބަންގި ގޮވާ ނިމުމުން ވެސް ދެން އޭނާ އެއަމަލު ކުރާހިތެއް ވެސް ނުވެއެވެ. މާތް ﷲ ގެ ރުހުން ނުލިބިދާނެތީ އޭނާ ފިކުރު ބޮޑުވާން ފެށިއެވެ. މާތް ﷲ ގެ އޯގާވަންތަކަން އޭނާ ހަނދާންކޮށް، ދެއްެވެވި ނިޢުމަތްތަކަށް ޝުކުރު ނުކުރެވި އެނިޢުމަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރެވުނީތީ އޭނާ ދެރަވެ ހިތާމަ ކުރަން ފެށިއެވެ.

އޭނާ ނިންމީ އެންމެ ބުއްދިވެރި ނިންމުމެވެ. ވަގުތު ފާއިތު ނުވަނީސް، އެވަބާއިން ސަލާމަތްވެ ތަޢުބާވާށެވެ. އެގޮތުން އޭނާ އަމިއްލައަށް އެކަންތައްތަކާއި ދުރުވެ، އެއެއްޗެހި ހޯދުން ވެސް ހުއްޓާލިއެވެ. އެކަންތައްތައް ކުރަން އޭނާއަށް ނުގޮވުމަށް ރަޙުމަތްތެރިން ގާތު ބުނެ، އެމީހުންވެސް އެކަން ހުއްޓާލުމަށް އެދުނެވެ. އަދި އެންމެ ބޮޑުކަމަކަށް އޭނާ ކުރި ކަމަކީ، މާތް ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެ، އެންމެ ނަމާދެއް ވެސް ނާޅާ ޤަވައިދުން ނަމާދު ކުރާ ސޯލިޙު އަޅަކަށްވިއެވެ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އޭނާ ދެމިހުރީ އެގޮތަށެވެ. އަދި ވަރަށް ފަހުން އޭނާވަނީ މިއަހަރުގެ ރަމަޟާންމަހުގެ ފަހު 15 އަށް މައްކާގެ މާތް ބިމަށްގޮސް ޢުމްރާއެއް ވެސް ފުރިހަމަ ކޮށްފައެވެ. ماشاءالله.. اللهاکبر

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ