އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލޯބިވެރިޔާ ބޭނުންވާ ގޮތަށް އުޅުމުންވެސް، ވީލޯބީގައި ޖެހީ ކޮޅުފައިން

ލޯބިވެރިޔާ ބޭނުންވާ ގޮތަށް އުޅުމުންވެސް، ވީލޯބީގައި ޖެހީ ކޮޅުފައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

"އަހަންނަށް އެއިރު ވާނީ 24 އަހަރެވެ. ރަށުގައި އުޅުނުއިރު އަހަރެންވެސް ލޯބީގެ ގޮތުން އަންހެން ކުއްޖަކާއި ގުޅުނީމެވެ. ހަމަ ރަށު ކުއްޖަކާއެވެ.

ލޯބީގެ ގޮތުން ގުޅިގެން އެކުގައި ދެ އަހަރު ވޭތުވިއެވެ. ކުރިން އަހަރެންގެ ވަރަށް ގިނަ ރަޙުމަތްތެރިން ހުރެއެވެ. ނަމަވެސް އެކުވެރިންނާއިއެކު އުޅުމަކީ ލޯބިވެރިޔާ ރުހޭ ކަމަކަށް ނުވާތީ ހުރިހާ އެކުވެރިންނާއި އަހަރެން ދުރަށް ދިޔައީމެވެ. އޭނާ ބުނީ އެހެން އަންހެން ކުދިންނާއި ވާހަކަ ދައްކާ އެއްކޮށް ތަންތަނަށް ދިޔުމުން އަޑުއަޑު އަރާނެ ކަމަށެވެ. ފިރިހެން ކުދިންނާއި އެއްކޮށް ވެސް މާގިނައިން ބޭރުގައި އުޅޭނަމަ ސިނގިރޭޓުފަދަ އެއްޗެހި ބޮވި ކޮފީތަކަށާއި ތަންތަނަށް ގޮސް އަތުން ފައިސާ އިސްރާފު ވާނެ ކަމަށެވެ. އެހެންކަމުން އަހަރެން އޭނާ ބުނި ބަސް އަހައިގެން ރަޙުމަތްތެރިންނާއި ދުރަށް ދިޔައީމެވެ. ހިތާއި ދެކޮޅަށެވެ. ރަހުމަތްތެރިއަކު ދިމާވާން ބުންޏަސް ކޮންމެވެސް ބަހަނާއެއް ހަދާފައި އެމީހުންނާއި ދިމާނުވަމެވެ. އަހަރެން ގާތު އެމީހުން ކަމަކު އެދުނަސް، އެކަމެއް ކޮށްދެވެން އޮތަސް، އެކަން ވާކަށް ނެތް ކަމަށް ބުނެ ދޮގުހެދީމެވެ.

އޭނައާއި ރައްޓެހިވެގެން އުޅޭތާ ދެއަހަރު ފުރުނު އަހަރު، ލޯބިވެރިޔާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވިއެވެ. މާލެއަށް ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ކޮށްގެން ވެސް އެއްކޮށް ރަނގަޅު ނުވުމުން އޭނާގެ އާއިލާއިން ނިންމީ އޭނާ ގޮވައިގެން ބޭރަށް ދިޔުމަށެވެ. އެހެންކަމުން ބޭރަށް ފުރާފައި އެތަނުގައި އޭނާގެ ބޭސް ފަރުވާ ފެށިއެވެ. އަދި އެއާއިލާ އެތަނުގައި ދިރިއުޅެން ފެށިއެވެ.

ލޯބިވެރިޔާ އާއި ދުރުގައި ހުންނަން ޖެހުމުންވެސް އަހަރެން އުޅުނީ އޭނާ ބުނިގޮތަށެވެ. ބޭވަފާތެރިއެއް ވެސް ނުވަމެވެ. އެއިރު އަހަރެން ކިޔަވާތީ ވަޒީފާއަކަށް ނުދަމެވެ. ނަމަވެސް ލޯބިވެރިޔާ ކައިރިއަށް ދާން ބޭނުންވާތީ އަހަރެންގެ ބައެއް އެކުވެރިން ގާތު ބުނެގެން އެހެން ކުދިކުދި މަސައްކަތްތައްކޮށް ފައިސާ ހޯދީމެވެ.

ލޯބިވެރިޔާ ކައިރިއަށް ދެވޭވަރުވުމުން އަހަރެން އޭނާ ކައިރިއަށް ދިޔައީމެވެ. އަހަރެން ފެނުމުން އޭނާ ފުރަތަމަ އުފާވިއެވެ. ނަމަވެސް ޓިކެޓު ގަންނަން ފައިސާ ހޯދި ގޮތް ބުނުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. އެކުވެރިންނާއިއެކު ނުއުޅެން ބުނުމުންވެސް އުޅެނީ ނޫންހޭ ބުނެ އަހަރެން ދެކެ ރުޅިއައެވެ. ލޯބިވެރިޔާއަށް ވިސްނާދެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އޭނާ އެއަށްވުރެ މާރުޅިގަދައެވެ. އެހެންކަމުން އަހަންނަށް ޖެހުނީ އަވަހަށް އެނބުރި މާލެ އަންނާށެވެ. އަހަރެން ވަރަށް ދެރަވިއެވެ.

މާލެއައި ފަހުން ލޯބިވެރިޔާ ހުރީ މުޅިންހެން ބަދަލުވެފައެވެ. އަހަރެން ގުޅުމުން ފޯނުވެސް ނަގަނީ މަދު ފަހަރަކުއެވެ. ކުރާ އެއްވެސް މެސެޖަކަށް ޖަވާބު ނުދީ ވެސް ވަރަށް ގިނަ ދުވަހު ހުރެއެވެ. އަހަރެން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އޭނާ އަބަދުވެސް ބުނަނީ އޭނާ ބިޒީ ވަނީ ކަމަށެވެ.

ރަޙުމަތްތެރިން އަހަންނަށް އެހީވުމުން އެވަރަށް ފޫހި ނުވުމަށާއި އަހަރެން ދެން ރައްޓެއްސަކާއިއެކު ނުއުޅޭނަން ކަމަށް ބުނެ އާދޭސް ކުރީމެވެ. ނަމަވެސް އޭނާ ބުނަމުން ދިޔައީ އޭނާ ބިޒީކަން އަހަންނަށް ނުވިސްނި އަހަރެން އަބަދު ޝަކުވާ ކުރަނީ ކަމަށެވެ. އަދި އެހެން ބުނެ އެގުޅުން ދެން އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އަހަންނާއި އޭނާ ގުޅުން ކަނޑާލިއެވެ. އޭނާ ގާތު ކުރި ހުރިހާ އާދޭހަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.

އަހަންނާއި ގުޅުން ކަނޑާލިތާ ތިން މަސް ފަހުން އަހަންނަށް އެނގުނީ އޭނާ އެހެން ކުއްޖަކާއި ރައްޓެހި ވެއްޖެ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







K 2017-11-20 00:06:52

Anhenun husveetha


މަރިޔަމް ވަހީދާ