އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޅަހެޔޮ ޞިއްޙަތަކަށް ފެށި ދަތުރުގެ މިސްރާބު ބަދަލުވީ ދުވުންތެރިންގެ ޓްރެކަށް

ދުޅަހެޔޮ ޞިއްޙަތަކަށް ފެށި ދަތުރުގެ މިސްރާބު ބަދަލުވީ ދުވުންތެރިންގެ ޓްރެކަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 31 ސިކުންތު

ހއ.ހޯރަފުއްޓަށް އުފަން އަހުމަދު ޢަބްދުﷲ ނަސީރަކީ ފަހަކަށް އައިސް ދިގު ދުވުންތަކުގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ފަރާތެކެވެ.

ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވެގެން އެކަމުގެ ފަރުވާއެއް ހޯދުމުގެ ބޭނުމުގައި ކަސްރަތެއްގެ ގޮތުގައި ދުވަންފެށި ޢުމުރުން 45 އަހަރުގެ އަހުމަދަކީ މިހާރު ދިގު ދުވުން (ލޯންގް ޑިސްޓޭންސް) ދުވާ މެރެތަން ދުވުންތެރިޔެކެވެ.



އަޙްމަދުގެ ދުވުން ފެށުނުގޮތް މިއަދުނޫހާއި ހިއްސާ ކުރަމުން ބުނީ އަބަދުވެސް ދުޅަހެޔޮ ޞިއްޙަތަކަށް ލޯބިކުރާ ކަމަށެވެ. އަދި ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވުމުން އޭނާ އެކަމާ ވަރަށް ކަންބޮޑުވި ކަމަށާއި ހަށިގަނޑުގައި ކޮލެސްޓްރޯލް ގިނަވެފައިވާތީ، އެކަމުގެ ފަރުވާއަކަށް ކަސްރަތުކުރުމާއި ދުވުން ގިނަކުރުމަށް ޑޮކްޓަރުން އޭނާއަށް އިރުޝާދުދެއްވާފައިވާ ކަމަށެވެ.

"ދުވަން ފެށީ އެއްވެސް ވަރަކަށް މިއީ ބާރަށް ދުވާ މީހެކޭ ހިތަށްއަރާފައެއް ނޫން. އަދި އެއްވެސް ވަރަކަށް އެތްލެޓިކްސް ކެރިއަރެއް ފަށާކަށްވެސް ނޫން. އަބަދުވެސް ބޭނުންވޭ ރަނގަޅު ޞިއްޙަތެއްގަ ހުންނަން. ހަށިގަނޑުގަ ކޮލެސްޓްރޯލް ގިނަވެގެން ޑޮކްޓަރުން ބުނީ ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަށް. ކުޑަމިނުން ދުވުން ގިނަކުރުމަށް." އަހުމަދު ބުންޏެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވިހެން ކޮންމެ ދުވަހަކު އެއްފަހަރު ނަމަވެސް އަހުމަދު ދުވަން ނުކުންނަން ފެށިއެވެ. އަވަހަށް ކޮލެސްޓްރޯލްގެ މައްސަލަ ހައްލުކުރަން ބޭނުންވެފައި ހުރިވަރުން އަހުމަދު ދިޔައީ އޭނާގެ ކަސްރަތުގެ ދުވުންތައް ދުވަހުން ދުވަހަށް އިތުރުކުރަމުންނެވެ.



ޞިއްޙީ ހާލަތު ރަނގަޅުކުރުމަށްޓަކައި ކަސްރަތުގެ ދުވުންތައް އިތުރުކުރަމުން ގޮސް އަހުމަދަށް ދިގު ދުރުމިންތަކަށް ދުވަން ފެށުނެވެ. ޚުދު އޭނާއަށްވެސް މާ ބޮޑު ޚިޔާލެއްނެތި، ކަސްރަތުގައި ދުވަމުން ދުވަމުން ގޮސް އޭނާގެ ދުވުމުގެ ހުނަރު އިތުރުވަމުން ދިޔައެވެ. ގިނަ ވަގުތު ދުވުމުގައި ހޭދަކުރެވި، ރަނގަޅު ދުވެއްޔެއްގައި ދުވެވެން ފެށުނެވެ. ކަސްރަތަކުން ދުވުންތަކަށް ތަމްރީންވަމުން ގޮސް ހަށިގަނޑުގެ ހަކަތަވެސް ވަރުގަދަވިއެވެ.

އަހުމަދުގެ ދުވުމުގެ ހުނަރު އިތުރުވަމުންދާކަން އޭނައާއެކު ދުވަން ނުކުމެ އުޅޭ އޭނާގެ ރައްޓެހިންނަށް ފާހަގަވާން ފެށިއެވެ. ވަކިން ޚާއްޞަކޮށް ދުވުމުގެ ހަރަކާތްތަކުގައި ބައިވެރިވެ އެކަމަށް ލޯބިކުރާ ރައްޓެހިން އަހުމަދުގެ ކިބައިން އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެދުނެވެ. އެންމެ ފަހުން ރައްޓެހިންގެ އެދުމުގެ މަތިން، ރާއްޖޭގައި ހިންގާ ދުވުމުގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ 'ބީބީ ރަނަރސް ގްރޫޕް' އާ އަހުމަދު ގުޅުނެވެ.

މީގެ ހަ މަހެއްހާ ކުރިން 'ބީބީ ރަނަރސް ގްރޫޕް' އަށް ގުޅުނު އަހުމަދު އެ ގްރޫޕުން މިހާތަނަށް ބައިވެރިވި ހުރިހާ ހަރަކާތެއްގައި ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޓީއެފްޖީން އައްޑުސިޓީގައި ބޭއްވި 'ރަންއިންއައްޑޫ' އާއި މާލޭ ސިޓީގައި ބޭއްވި މިޑްނައިޓް ރަންގައި އަހްމަދު ވަނީ 21 ކިލޯމީޓަރ ނުވަތަ ހާފު މެރަތަން ފުރިހަމަކޮށްފައެވެ.

މީގެ ތެރެއިން 'ރަން އިން އައްޑޫ' ގައި 2 ގަޑިއިރާއި 38 މިނެޓު ތެރޭ އަހުމަދު ރޭސް ފުރިހަމަކުރި އިރު، މިޑްނައިޓް ރަންގައި އޭނާ ވަނީ ގާތްގަޑަކަށް 8 މިނެޓުގެ ކުރިއެރުމެއް ހޯދާފައެވެ. މާނައަކީ އައްޑޫ ރަން އަށްވުރެ 8 މިނެޓް އަވަހަށް މިޑްނައިޓް ރަން ނިންމުމެވެ.

އެހާމެ ކުރު މުއްދައްތެއްގެ ތެރޭގައި ދުވުމުގައި ލިބިފައިވާ ކާމިޔާބީތަކުގެ ފަހަތުގައި އަހުމަދުގެ މަސައްކަތާއި ހިތްވަރުގެ އިތުރުން ހަމަ ގައިމުވެސް އެހެން ފަރާތްތަކުގެ އެހީއާއި އެއްބާރުލުންވެސް އުޅޭނެއެވެ.



"މި ހިސާބަށް އައުމުގައި އެންމެ ބޮޑު އެހީއެއް ލިބުނީ އަޅުގަނޑުގެ ޢާއިލާގެ ފަރާތުން. އަޅުގަނޑުގެ ތިން ދަރިންނާއި އަންހެނުން ވަރަށް ބޮޑަށް އެހީވޭ. އެ ގޮތުން އިވެންޓެއް އޮތަސް އަޅުގަނޑަށްވުރެ، މާ ކުރިން (އެ މީހުން) ތައްޔާރުވާނެ. އެއީ ލިބޭ ވަރަށްބޮޑު ހިތްވަރެއް. އަދި ބީބީ ރަނަރސްއާ އެ ގްރޫޕްގައި އުޅޭ އަޅުގަނޑުގެ އެކުވެރިންނަށް ވެސް މިކަމުގައި ޚާއްޞަ ޝުކުރެއް ހައްޤުވޭ. އެ މީހުންގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ" އަހުމަދު ބުންޏެވެ.

ހާފް މެރެތަންދުވުންތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ އަހުމަދު، މުސްތަޤްބަލުގައި ކުރާ އުއްމީދަކީ ކޮބައިތޯ، 'މިއަދުނޫހު' ގެ ފަރާތުން ސުވާލުކޮށްލީމެވެ.



"އުއްމީދުކުރަނީ ހަމަ ކުރިއަށްދާން. މި ކަންތައް މިހާރު އާދައަކަށްވެއްޖެ. އަދި ބައިވެރިވެވުނީ ހާފް މެރެތަންތަކުގަ. ފުލް މެރެތަންތަކުގައިވެސް ކުރިއަށް އޮތް ތަނުގަ ބައިވެރިވާނަން. ދެން ބޭނުމެއްނޫން ކޮންމެހެން ހުއްޓާކަށް. ނާކާމިޔާބުވާ ފަހަރެއް އަޔަސް ބޭނުމީ ކާމިޔާބީއަށް އުއްމީދުކޮށް ކުރިއަށްދާން" އަހުމަދު ބުންޏެވެ.

މީގެ އިތުރުން އަހުމަދު ބުނީ ރާއްޖެއިން ބޭރުގެ ދުވުމެއްގައި ބައިވެރިވެ، ދުވެލުމަކީވެސް ދެކޭ ހުވަފެނެއް ކަމަށާއި ޚާއްސަކޮށް ބީބީ ރަނަރސްގެ އެކުވެރިންނާއެކު ރާއްޖެއިން ބޭރުގައި ދުވެވޭނެ ފުރުޞަތަކަށް އުއްމީދުކުރާ ކަމަށެވެ.
ކޮލެސްޓްރޯލް ހަށިގަނޑުގައި ގިނަވުމާ ގުޅިގެން ދުވަން ފެށި އަހުމަދު އެކަމުން މުޅިން 'ނޯމަލް' ވެ، ސަލާމަތްވެ މިހާރު މިސްރާބު ޖަހާފައިހުރީ ދުވުން ކެރިއަރެއްގެ ގޮތުގައި ކުރިއަށް ދިއުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Kakeyzz 2017-12-08 22:51:15

Ahmed akee aslu varah thafaathu meeheh..thikamughaa ithuru kuri erunin dhevvaashi