އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލާ (ޞޢޥ) ވަރަށް ބޮޑަށް ކީރިތި ކުރެއްވެވި ދުވަހެއްގެ ވާހަކަ

ރަސޫލާ (ޞޢޥ) ވަރަށް ބޮޑަށް ކީރިތި ކުރެއްވެވި ދުވަހެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 18 ސިކުންތު

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ވަރަށް ބޮޑަށް ކީރިތި ކުރެއްވެވި ދުވަހެއްގެ ވާހަކަ އެކަލޭގެފާނުގެ އަސްޙާބު ބޭކަލުން ވިދާޅުވެދެއްވާފައިވެއެވެ.

އެކަލޭގެފާނު އެދުވަހު ކީރިތި ކުރެއްވެވީ، އެކަލޭގެފާނުގެ ލޮބުވެތި މަންމާފުޅުގެ މަހާނަ ކައިރިން އެއްދުވަހު ދަތުރު ކުރެއްވެވި އިރުއެވެ. އެކަލޭގެފާނުގެ މަންމާފުޅު މަތިން އަބަދުމެ ހަނދުމަފުޅު ވެގެންނެވެ.

މާތް ރަސޫލާ (ޞޢޥ) ގެ މަންމާފުޅު އަވަހާރަވީ އެކަލޭގެފާނުގެ އުމުރުފުޅުން ހަ އަހަރުއެވެ. އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވީ މައްކާއިން މަދީނާއަށް ކުރެއްވެވި ދަތުރުފުޅެއްގައި އަލް-އަބްވާ އޭ ކިޔުނު ތަނެއްގައެވެ.

އޭގެ 50 އަށް ވުރެ ގިނަ އަހަރު ފަހުން، މަދީނާއިން މައްކާއަށް ދިޔަ ދަތުރުފުޅެއްގައި އެހިސާބަށް ކައިރިވުމުން އިރުކޮޅަކަށް އެތަނުގައި ހުއްޓުމަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. އެކަލޭގެފާނާއިއެކު ދަތުރުކުރެއްވެވި ހުރިހާ އަސްޙާބު ބެކަލުންވެސް އެވަގުތު އެތަނުގައި މަޑުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އެންމެ އަރިސްބޭފުޅުން އެކަލޭގެފާނާއިއެކު ވަޑައިގެންނެވިއެވެ.

އެކަލޭގެފާނު މަހާނައެއް ކައިރިއަށް ވަޑައިގެން އިށީންނެވިއެވެ. އަދި އިރުކޮޅެއްފަހުން ވަރަށް ބޮޑަށް ކީރިތި ކުރައްވަވަން ފެއްޓެވިއެވެ. މާތް ނަބިއްޔާ (ޞޢޥ) ކީރިތ ކުރައްވަވަމުން ގޮސް އެކަލޭގެފާނަށް ގިސްލެވެން ފެށިއެވެ. އެކަލޭގެފާނުގެ މުޅި ހަށިކޮޅު ތުރުތުރުއަޅަން ފެއްޓެވިއެވެ.

އެމަންޒަރު ދުށް ހުރިހާ އަސްޙާބު ބޭކަލުންވެސް ކީރިތި ކުރައްވަވަން ފެއްޓެވިއެވެ. ރަސޫލާ (ޞޢޥ) އެވަރަށް އެކީރިތި ކުރައްވަވަނީ ކީއްވެކަމެއް އެއްވެސް ބޭފަޅުކު އެވަގުތު ދެނެވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް އެކަލޭގެފާނަށް ވަމުން ދިޔަ ގޮތް ފެނުމުން، އަސްޙާބު ބޭކަލުންނަށް ވެސް ނުހަނު ފުން އަސަރެއް ކުރެއްވީއެވެ.

އެންމެ ފަހުން އުމަރް (ރަޟިއަﷲ އަންހު) އެކަލޭގެފާނު އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ފަހަތްޕުޅުން ހަށިކޮޅުގައި ބައްދާލައްވާ، އެކަލޭގެފާނު މަސަލަސް ކުރެވޭތޯ މަސައްކަތް ކުރެއްވެވިއެވެ.

މާތް ނަބިއްޔާ (ޞޢޥ) އަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވި، ކުޑަކޮށް ހަމަޖެހިލެވުމުން އެވަރަށް ކީރިތި ކުރެއްވެވީ ކީއްވެތޯ އަސްޙާބު ބޭކަލުން އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ.

"މިއީ ތިމަން ކަލޭގެފާނުގެ މަންމާފުޅުގެ މަހާނަފުޅެވެ. އަދި މިތަނަށް އައުމުން ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ މަންމާފުޅު މަތިން ބޮޑަށް ހަނދުމަފުޅުވީއެވެ. މަންމާފުޅުމަތިން މާބޮޑަށް ހަނދުމަފުޅުވުމުން ކީރިތި ކުރެއްވުނީއެވެ."
އެކަލޭގެފާނުގެ މަންމާފުޅު އަވަހާރަވީއިރު، އެކަލޭގެފާނުގެ އުމުރުފުޅުން އެންމެ ހަ އަހަރެވެ. މިހާދިސާ ހިނގީ އޭގެ 50 އަށް ވުރެ ގިނަ އަހަރު ފަހުން ނެވެ. މަންމާފުޅާއިއެކު ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަ ކުރެވިފައިވީ ނަމަވެސް އެކަލޭގެފާނު މަންމާފުޅު މަތިން އަބަދުވެސް ހަނދުމަފުޅުވާ ކަމަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ.

މިހާދިސާއިން ވެސް ދައްކުވާދެނީ އިސްލާމްދީނުގައި މައިންބަފައިންގެ އަޙައްމިއްޔަތުކަން ބޮޑު ވަރެވެ.

ގުޅުންހުރި ވީޑިއޯ:
https://www.youtube.com/watch?time_continue=126&v=va_CCRENpqs

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ