އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ކިޑްނީ ފެއިލް ވެފައިވާ މަރިޔަމްދިޔެ އަށް އަވަސް އެހީ ބޭނުންވޭ

ދެ ކިޑްނީ ފެއިލް ވެފައިވާ މަރިޔަމްދިޔެ އަށް އަވަސް އެހީ ބޭނުންވޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

ދ. ކުޑަހުވަދޫ ރިވަރިން، އުމުރުން 58 އަހަރުގެ މަރިޔަމްދިޔެ އަކީ، އޭނާގެ ސިއްޙަތު ރަނގަޅަށް ހުރިއިރު ނުހަނު ހީވާގި މީހެކެވެ. ދިރިއުޅުން ބައްޓަން ކުރީ ދަރިންނަށް ވެސް ދޭން ޖެހޭ ފުރިހަމަ ލޯތްބާއި އަޅާލުން ދީގެނެވެ.

އުމުރުން ދުވަސްވީ ފިރިއަކާއި ފަސް ދަރިން ތިބިއިރު، އެއެންމެންގެ ކަންތައްތައް ވެސް މަރިޔަމްދިޔެ ފުރިހަމަ ކުރަމުން ގެންދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.



ނަމަވެސް މީގެ ދެ އަހަރު ކުރިން ޖެހުނު ހުންގަނޑަކަށްފަހު، މަރިޔަމްދިޔެ ގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. ގިނަ ވަގުތު ތަންމަތީގައި އޮންނަން މިހާރު ޖެހިފައިވީ ނަމަވެސް އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ބޭނުންވަނީ މާތް ރަސްކަލާނގެއަށް ވަކީލުކޮށް، ހިތްވަރާއިއެކު ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ.

ގަދަޔަށް ހުން އައުމުގެ ސަބަބުން، ރާއްޖެއިން ވެސް އެކަމަށް ބޭސް ކުރުމަށްފަހު ދެން ދިޔައީ އިންޑިއާ އަށެވެ. އިންޑިއާ އިން ބުނީ، އެވަރަށް ހުންގަދަވަނީ، ބަނޑުގައި ހިލަ އުފެދިފައިވުމުން ކަމަށެވެ. އެހެންކަމުން ހިލަތައް ދުއްވާލުމުގެ ގޮތުން ބޭސް ދިނެވެ.



ނަމަވެސް އެބޭސްތައް ކާން ފެށުމުން، މަރިޔަމްދިޔެ ގެ ގައިން މާބޮޑަށް ވަރު ދޫވާން ފެށިއެވެ. ވަރަށް ބޮޑަށް ކެތްތެރިކަމާއިއެކު ހިތްވަރު ކުރިކަމުގައި ވިޔަސް، ބަލިހާލަތު މާބޮޑަށް ގޯސްވާން ފެށުމުން އެބޭސް ބޭނުން ކުރުން ހުއްޓާލިއެވެ.

ބޭސް ހުއްޓާލުމަށްފަހު ވެސް މަރިޔަމްދިޔެ ގެ ބަލިހާލަތު ރަނގަޅެއް ނުވިއެވެ. ވަރު ދޫވުމާއި އާންމުކޮށް ކާއެއްޗެހި ވެސް ނުކެވުންފަދަ ކަންކަން ދިމާވާން ފެށިއެވެ. އަދި ކުޑަހުވަދޫގައި މިދިޔަ މަހު އެޑްމިޓް ވެސް ކުރެވުނެވެ. އެއިރު އޭނާގެ ހާލު މާބޮޑަށް ގޯސްވާން ފެށުމުން، އިތުރު ފަރުވާއަށް މާލެ ފޮނުވުނެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗް) ގައި އެޑްމިޓު ކުރުމަށްފަހު ޓެސްޓުތައް ހެދުމުން އެނގުނީ މަރިޔަމްދިޔެ ގެ ދެ ކިޑްނީ ވެސް ފެއިލް ވެފައިވާ ކަމެވެ. ވީއެންމެ އަވަހަށް ކިޑްނީ ޓްރާންސްޕްލާންޓް ވެސް ހަދަން ޖެހެއެވެ.

މަޔަކަށްޓަކައި ދަރިންނަށް ދެވޭނެ އެންމެ އަގުބޮޑު އެއްޗަކީ ކޮބާ ހެއްޔެވެ؟ ޔަގީނުންވެސް އެއީ ލޯތްބެވެ. މަރިޔަމްދިޔެ ދެކެ އޭނާގެ ދަރިން ވެސް އިންތިހާއަށް ލޯބިވެއެވެ. އޭގެ އެއް ހެއްކަކީ، މަރިޔަމްދިޔެގެ ދެ ކިޑްނީ ފެއިލްވުމާއިއެކު، ހިތުން ރުހުމުން، އެއްވެސް ފަސް ޖެހުމެއް ނެތި އޭނާގެ ދޮށީ ފިރިހެން ދަރިފުޅު އެމަންމަ އަށްޓަކައި އޭނާގެ އެއް ކިޑްނީ ހަދިޔާ ކުރަން ތައްޔާރުވުމެވެ.



ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ރާއްޖެއިން ބޭރަށް ދާން ޖެހޭއިރު، އޭގެ ކުރިން ޑޯނަރ ގެ ހަދަން ޖެހޭ ޓެސްޓުތަކެއް ރާއްޖެއިން ހަދަން ޖެހެއެވެ. ރާއްޖެއިން ބޭރަށް ދާން އާސަންދަ ހަމަޖެހެނީ ވެސް އެއިރުންނެވެ.

"މިއަދުނޫހަށް" މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، މިވަގުތު އެމީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ޓެސްޓުތައް ހެދި އޭގެ ނަތީޖާ ލިބެންދެން މާލޭގައި މަޑުކުރަން ޖެހޭތީ، މާލޭގައި ހުރުމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖެއްސުމުގެ ދަތިކަމެވެ.

"އައިޖީއެމްއެޗް އިން ޓެސްޓުތަކުގެ ނަތީޖާ ލިބެނީ ތަންކޮޅެއް ލަހުން. އެހާ ބޮޑެތި ޓެސްޓުތަކެއް ވީމަ ކަންނޭނގެ. ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފައިގެން މިހުންނަނީ. މިވަގުތު ޚަރަދު މިކުރަނީ ކުރިން ރައްކާ ކޮށްފަ ހުރި ފައިސާއިން، އެކަމަކު މިހާރު އެފައިސާކޮޅު ވެސް ހުސްވާން ކައިރިވެފަ ހުރީ. މަންމަގެ ކިޑްނީ ޓްރާންސްޕްލާންޓަށް ރާއްޖެއިން ބޭރަށް ދާން އާސަންދަ އެހީ ލިބުން ކަމުގައި ވިޔަސް އެކޮޅަށް ގޮސްފަވެސް ހުރުމާއި ކެއުމުގެ ޚަރަދު ބޭނުންވާނެ ދެއްތޯ" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.



މަރިޔަމްދިޔެ ގެ އާއިލާއަށް ވަނީ، ވީއެންމެ އަވަހަކަށް ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީއަށް ބޭނުން ވެފައެވެ.

އެހީތެރިވެ ދިނުމަށްޓަކައި ބީއެމްއެލް އެކައުންޓް ނަމްބަރ480 000012 7730 (އިބްރާހިމް އަޝްރަފް) އަށް ފައިސާ ޖަމާކޮށްދެއްވުމަށް އާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު 9135637 / 7325928 ނަމްބަރު ފޯނަށް ގުޅާލުމުން ލިބޭނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ