އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ދުވަހަކުވެސް ދެން އެފަދަ މަގަކުން ނުދާނަން"- އެލްއެސްޑީ ބޭނުން ކުރި ޒުވާނަކަށް ކުރެވުނު ބިރުވެރި ތަޖުރިބާ

"ދުވަހަކުވެސް ދެން އެފަދަ މަގަކުން ނުދާނަން"- އެލްއެސްޑީ ބޭނުން ކުރި ޒުވާނަކަށް ކުރެވުނު ބިރުވެރި ތަޖުރިބާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 47 ސިކުންތު

މިއީ އެލްއެސްޑީ ބޭނުން ކުރި، ދިވެހި ޒުވާނަކަށް ކުރެވުނު ބިރުވެރި ތަޖުރިބާއެކެވެ. މިވާހަކަ އޭނާ "މިއަދުނޫހާއި" ހިއްސާ ކޮށްފައިވަނީ މިފަދަ ގޮތްތަކަށް އުޅެމުންދާ، އަދި އުޅެން ޚިޔާލު ކުރާ އެހެން މީހުންނަށް ވެސް އިބުރަތެއް ޙާސިލް ކޮށްދިނުމަށެވެ. މަސްލަޙަތަށްޓަކައި އޭނާގެ ނަމާއި އިތުރު ތަފްސީލުތައް މިލިޔުމުގައި ހިމަނާފައެއް ނުވާނެއެވެ.

އެލްއެސްޑީ އަކީ ކޮބާ ހެއްޔެވެ؟ އެލްއެސްޑީ ނުވަތަ ލައިސާޖިކް އެސިޑް ޑަޔަތައިލަމައިޑް އަކީ ޑްރަގެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއެސިޑު ބޭނުން ކުރުމުން ދެވެނީ ބިރުވެރި ޚިޔާލީ ދުނިޔެއަކަށެވެ. މިޒުވާނާއަށް ވެސް ކުރެވުނީ އެފަދަ ބިރުވެރި ތަޖުރިބާއެކެވެ.

"އެއީ މިދިޔަ އަހަރު ކުރެވުނު ކަމެކެވެ. ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އަދިވެސް ހަނދާން އެބަހުއްޓެވެ. އެހާވެސް ބިރުވެރި އެވެ.

އަހަންނަށް އެމަގު އިޚްތިޔާރު ކުރެވުނީ، އެހެން މީހުން ފަދައިން އަހަރެން ވެސް މާބޮޑަށް ބޯގޮވުމުންނެވެ. ދިރިއުޅުމުގައި އެދުވަސްވަރު އެއްވެސް ކަމެއް ރަނގަޅަށް ނުދިޔުމުގެ ސަބަބުންނާއި އެކިއެކި މައްސަލަތައް ޖެހުމުގެ ސަބަބުން، ޝައިޠާނާ އަހަރެންގެ ބޮލަށް އެންމެ ބޮޑަށް ސަވާރުވީ އެވެ.



އާއިލާވެސް އެދުވަސްވަރު އަހަންނާއި ވާހަކައެއް ނުދައްކައެވެ. ރައްޓެހިންނަށް ތިބީ މަދު ބައެކެވެ. އަދާ ކުރަމުން ދިޔަ ވަޒީފާގައި ވެސް އެދުވަސްކޮޅު ވަރަށް މައްސަލަ ޖެހުނެވެ. އަހަންނަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ފަދައެވެ. އެހެންކަމުން، އަހަރެން ބޭނުންވީ ވަގުތީ ގޮތުން ވިޔަސް ޚިޔާލުތަކާއި ފިކުރުތަކުން ދުރަށްދާށެވެ.

އަހަރެންގެ ފިކުރުތައް ކިޔާ ދެވުނީ ރަނގަޅު ރައްޓެއްސަކަށް ނޫނެވެ. އޭނާ ދިން ޚިޔާލަކީ އެލްއެސްޑީ ބޭނުން ކުރުމުގެ ޚިޔާލެވެ. އެއީ ފިކުރު ބޮޑު ވެގެން އަހަންނަށް ނުނިދޭ ވާހަކަ ބުނުމުން، އެޚިޔާލުތަކުން އެއް ދުވަހަށް ނަމަވެސް ދުރުވެވޭނެ ކަމަށް ބުނެއެވެ. އަދި އެބޭނުން ކުރި ކަމުގައި ވިޔަސް އެއްވެސް މީހަކަށް ނޭނގޭނެކަމަށް ބުނުމުން، އަހަރެން ހީކުރީ އެލްއެސްޑީ ބޭނުން ކުރިކަމުގައި ވިޔަސް، އަހަންނަށް ހުރެވޭނީ ހަމަ އާންމުކޮށް އަހަރެން ހުންނަ ގޮތަށް ކަމަށެވެ. ހަމައެކަނި ނުހުންނާނީ ފިކުރުތައް އެކަންޏޭ އަހަންނަށް ހީވިއެވެ. އަހަންނަށް ހީވީ ނުބައިކޮށެވެ.

އެއީ އަހަރެން ވެސް ޗުއްޓީ ނަގައިގެން ހުރި ދުވަސްކޮޅެއް ކަމަށްވުމުން، އަހަންނާއި އަހަރެންގެ އެރައްޓެހި މީހާއާއި އަދި އޭނާގެ އެހެން ތިން ރައްޓެއްސެއް ދިޔައީ ފަސް ދުވަސް ވަންދެން ޗުއްޓީ ހޭދަ ކޮށްލަން ރަށަކަށެވެ. އެރޭ އެރަށުގެ މީހުން މަދު ހިސާބަކަށް ގޮސް، ފުރަތަމަ އެމީހުންގެ ފޯނުތަކުން އިންޑިއާ މީހުން މަންދިރަށް ގޮސް ކިޔާ އެއްޗެހިތަކެއް ޖެހިއެވެ. އެއީ ކީއްވެ ކުރި ކަމެއްތޯ އަހަރެން ސުވާލު ކުރުމުން އެމީހުން ބުނީ އެއީ 'އެލްއެސްޑީ ގެ ކިކު އަރުވަން' ކުރި ކަމެއް ކަމަށާއި 'އީމާންތެރިކަން ކުޑަ ކުރަން' ކުރި ކަމެއް ކަމަށެވެ.

ކޮންމެހެނަކަސް އެވަގުތު އަހަރެން ބޭނުންވީ ފިކުރުތަކުން މިންޖު ވާށެވެ. އެހެންކަމުން އަހަރެން އެމީހުންނާއިއެކު އެކަމުގައި ބައިވެރިވީމެވެ. އަދި އެބޭނުން ކުރީމެވެ.

އެރޭ މެންދަމު ވާން އުޅެނިކޮށް އޭގެ އަސަރު ކުރަން ފެށިއެވެ. މުޅި ދުނިޔެ ބަދަލުވާން ފެށިއެވެ. ކުރިން ފެނުން ގަސްތައް އިސާހިތަކު މާގިނަވެ ބިޔަބޯ ޖަންގައްޔަކަށް ބަދަލުވިއެވެ. އެކިއެކި ފާޑު ފާޑުގެ އަލިތައް ވެސް އެޅެން ފެށިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ހިތް ބިރު ގަންނަން ފެށިއެވެ.

ދެން ފެންނަން ފެށީ، ބިރުވެރި ސިފަ ސިފައިގާ ހުރި އެއްޗެހި ތަކެކެވެ. ޖަންގަލި ތެރޭގައި އެއެއްޗެހިތައް އުޅުނެވެ. އޭގެ ސިފަ ބައެއް ފަހަރު ޖަނަވާރެއްގެ ސިފައާއި ވެސް ވައްތަރެވެ. އަނެއް ބައި ފަހަރު ވައްތަރީ ފިލްމުތަކުން ފެންނަފަދަ ބިރުވެރި ސިފައެއްގައި ހުރި އެއްޗަކާއެވެ. ވަރަށް ގިނަ އެއްޗެހި ފެނި، އެއެއްޗެހި އަހަންނާއި ދިމާލަށް ބަލާތީ އަހަރެން ބިރުގަތެވެ. އަދި އެތަނުން ދާން އެދުނީމެވެ.

އަހަރެން ހުރި ގޭގެ ކޮޓަރިތެރެ ވެސް އެރޭ ފެންނަން ފެށީ މުޅިން ތަފާތު ކޮށެވެ. ހީވަނީ ފާރުތަކުގައި ކުލަ ނުލާ، ހަމައެކަނި ހުސް ސިމެންތި ޖަހާފައި ހުރިހެންނެވެ. ދިއްލާފައި ހުރި ބޮކީގެ ކުލަ ވެސް އާދަޔާ ޚިލާފަށް ފަނޑެވެ. އަދި އިރުއިރުކޮޅުން ނިވޭހެން ވެސް ހީވިއެވެ.

އެނދުގައި އޮށޯތުމުން ކައިރީގައި އިން ގޮނޑި އަމިއްލައަށް އެނބުރޭތަން ފެނުނެވެ. އަދި ބޯމަތިން ކޮޓަރީގެ އެއްކޮޅުން އަނެއް ކޮޅަށް އެކި އެއްޗެހި އުދުހެމުން ދާތަން ފެނުނެވެ. ގިނައިން ފެނުނީ ވާލެވެ. އޭގެން އެކަތި އަހަރެންގެ ބޮލާއި ދިމާލުން ވެސް އެކޮޅު ކޮޅުން އެލިގެން އޮތްހެން އަހަންނަށް ހީވިއެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. އެފަދަ ގިނަ އެއްޗެހިތައް އަހަންނަށް ފެންނަން ފެށުމުން ބިރުންނެވެ. ނުވެސް ކެވުނެވެ.



މުޅި އެރެއާއި އޭގެ އަނެއް ދުވަހު ވެސް އަހަރެން އުޅުނީ އެފަދަ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ދާކޮންމެ ތަނަކުން ވެސް ފެންނަނީ އެކިއެކި ބިރުވެރި ކަންތަކެވެ. އަދި ބިރުވެރި އެއްޗެއްސެވެ. އަހަރެންގެ ލޮލުގެ ކަޅިވެސް ހުރީ ބަދަލުވެފައެވެ. އެއިރު ކަޅިއަށް އައި ބަދަލުގެ ފޮޓޯ އެއްވެސް އަހަރެން ނެގީމެވެ.

އަހަރެން ބޭނުންވީ ވީއެންމެ އަވަހަކަށް އޭގެ އަސަރު ކެނޑޭށެވެ. އެބިރުވެރިކަމުން ސަލާމަތް ވާށެވެ. އަހަންނަށް ހީވީ، އަމިއްލަ ސިކުނޑީގައި އަހަރެން ހައްޔަރުވެފައި އިން ހެނެވެ. އޭގެ ފަހުން ދުވަހަކުވެސް، ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އަހަރެން އެފަދަ މަގަކުން ނުދަމެވެ. އަދި އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އެފަދަ މަގަކުން ނުދާނަމެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ