އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަހު ވަަގުތު ރޮނާލްޑޯ ޖެހި ޕެނަލްޓީއިން ރިއާލް ސެމީއަށް

ފަހު ވަަގުތު ރޮނާލްޑޯ ޖެހި ޕެނަލްޓީއިން ރިއާލް ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 2 ސިކުންތު



ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރިއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހު ވަގުތު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑާއެކު ރިއާލް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރިއާލް މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު މެޗު ނިމުނީ 1-3 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވެގެންނެވެ. އެހެން ނަމަވެސް، ރިއާލަށް ސެމީއަށް ދަތުރުކުރެވެނީ، ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މެޗު 0-3 ގެ ނަތީޖާއިން މޮޅުވުމުން، ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 3-4 އުން ޔުވެންޓަސްގެ މައްޗަށް ރިއާލް ކުރިހޯދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ޔުވެންޓަސްއިން މެޗުގެ ލީޑު ނެގިއެވެ. ޔުވެންޓަސްއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޔުވެންޓަސްގެ ސާމީ ކެދީރާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި އެ ޓީމުގެ މާރިއޯ މަންޒުކިޗެވެ. އެއަށްފަހުގައި، ނަތީޖާ ހިފެހެއްޓުމަށްޓަކައި މެޑްރިޑުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައިފައެވެ. އެ ގޮތުން، ރިއާލްގެ ތަރި ރޮނާލްޑޯއާއި ގެރެތް ބޭލްގެ އިތުރުން އިސްކޯއަށް ލިބުނު ފުރުސަތުތައް ފާހަަގަކޮށްލެވެއެވެ. މެޑްރިޑަށް ލިބެމުން ދިޔަ ފުރުސަތުތައް ނަގާލާފައިވަނިކޮށް، މެޗުގެ 37 ވަނަ މިނެޓުގައި މަންޒުކިޗް ވަނީ އަނެއްކާ ވެސް ބޮލުން ޖަަހައި ލަނޑެއް ކާމިޔާބުކޮށް ޔުވެންޓަސްގެ އުންމީދު ބޮޑުކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-2 ގެ ނަތީޖާއިން ޔުވެންޓަސްއިން ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްއިން އެގްރިގޭޓް ނަތީޖާ ނެރުމަށް ދިޔައީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 60 ވަނަ މިނެޓުގައި ޔުވެންޓަސްގެ ބްލައިސް މަޓުއިޑީ ލަނޑެއް ޖަހައި، އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށް ރިއާލް ހާސްކޮށްލިއެވެ.

ޔުވެންޓަސްއިން މެޗުގައި ތިން ލަނޑުގެ ލީޑެއް ނެގުމާއެކު، ރިއާލްއިން ކުރިއަށްޖެހިގެން ޔުވެންޓަސްގެ ޑިފެންސަށް ޕްރެސާ ބޮޑުކުރަން ފެށިއެވެ. މެޗުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މެޗުގެ ރެފްރީ ރިއާލްއަށް ޕެނަލްޓީއެއް ދިނުމާއެކު، ޔުވެންޓަސްގެ ގިނަ ކުޅުންތެރިން ވަނީ ރެފްރީ ވަށާލައި ޕެނަލްޓީއާ މެދު ސުވާލު އުފައްދައި ޝަކުވާކުރަން ފަށައިފައެެވެ. އެ ގޮތުން، ޔުވެންޓަސްގެ ކެޕްޓަން އަދި ތަޖުރިބާކާރު ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮންއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ބެލެވޭ ގޮތުގައި، ބުފޮން ވަނީ ޕެނަލްޓީއާ މެދު ޝަކުވާކުރަމުން ހަޑިހުތުރު ބަސް ބޭނުންކޮށްފައެވެ. މެޗުގެ ރެފްރީ ރިއާލްއަށް ޕެނަލްޓީ ދިނީ ޔުވެންޓަސްގެ މެދީ ބެނާތިއާ ރިއާލްގެ ލޫކަސް ވަސްކުއޭޒް ކޮއްޕާލީކަމަށް ނިންމައިގެންނެވެ.

ބުފޮންއަށް ރަތްކާޑު ދެއްކުމާ ގުޅިގެންޔުވެންޓަސްގެ ގޯލަށް ވޮސިއެޗް ޝެޒްނީ އެރުވީ ފޯވާޑު ގޮންޒާލޯ ހިގުއައިން ބޭލުމަށް ފަހުގައެވެ. ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި، ރިއާލް މެޑްރިޑް ސެމީއަށް ގެންގޮސްދިނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑާއެކު، ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ޖުމުލަ 120 ލަނޑު ކާމިޔާބުކޮށްފައެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ނުވެއްޖެނަމަ، ކްލަބަށް ކުޅުން ހުއްޓާލާނެކަމަށް ބުފޮން ވަނީ ކުރިން އިއުލާންކޮށްފައެވެ. ޗެމްޕިއަންސް ލީގުން ރޭ ޔުވެންޓަސް ކެޓުމާ ގުޅިގެން، ރޭގެ މެޗަކީ ބުފޮން ޗެމްޕިއަންސް ލީގުގައި ކުޅުނު އެންމެ ފަހު މެޗު ކަމުގައި ބެލެވުނެވެ.

ވަރަށް އުނދަގުލުން، ފަހު ވަގުތު ލިބުނު ޕެނަލްޓީއިން މުބާރާތުގެ ސެމީއަށް ރިއާލް ދަތުރުކުރިއިރު، މިދިޔަ ދެ އަހަރުގައި ވެސް މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ރިއާލްއިންނެވެ. އޭގެ އިތުރުން، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ވެސް ރިއާލްއިންނެވެ. ރިއާލްއިން ވަނީ މި މުބާރާތް 12 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
ރިއާލްގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ، ބަޔާން މިއުނިކް، ރޯމާ، އަދި ލިވަޕޫލެެވެ. ސެމީ ފައިނަލުގައި ވާދަކުރަންޖެހޭ މެޗުތައް ކަނޑައެޅުމަށް ގުރުއަތު ނެގުން އޮންނާނީ މާދަމާ ސްވިޒަލޭންޑްގައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް