އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަލިނުވުމުގެ ރެކޯޑެއް ފުރިހަމަކޮށް ބާސާ ލީގު ކާމިޔާބުކުރުމާ ގާތަށް

ބަލިނުވުމުގެ ރެކޯޑެއް ފުރިހަމަކޮށް ބާސާ ލީގު ކާމިޔާބުކުރުމާ ގާތަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު



ސްޕެނިޝް ލީގުގައި ރޭ 1-2 ގެ ނަތީޖާއިން ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން މޮޅުވެ، ސްޕެނިޝް ލީގުގެ ބަލިނުވުމުގެ ރެކޯޑެއް ފުރިހަމަކޮށް، ބާސެލޯނާއިން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފއެވެ.
ރޭގެ މެޗުން މޮޅުވުމާއެކު، ބާސެލޯނާއިން ވަނީ ލީގުގައި ބަލިނުވެ ޖެހިޖެހިގެން 39 މެޗު ހަމަކޮށްފައެެވެ. މިއީ ސްޕެނިޝް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރި އަދަދެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ރިއާލް ސޮސައިޑޭޑްގެ އަތުގައެވެ. 1979/1980 ވަނަ އަހަރުގެ ސީޒަންގައި ރިއާލް ސޮސައިޑޭޑްއިން ބަލިނުވެ ލީގުގައި ހަމަކޮށްފައިވަނީ 38 މެޗެވެ.

ވެލެންސިއާ އަތުން ހޯދި މޮޅާއެކު، ލީގުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 32 މެޗުން 82 ޕޮއިންޓް ލިބެގެންނެވެ. ލީގުގައި ބާސެލޯނާއަށް ބާކީ ހަ މެޗު އޮތްއިރު، ލީގު ކަށަވަރުކުރުމަށް އެ ޓީމަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް ހަތް ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 32 މެޗުން 65 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ކުޅުނު 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ ކުޅުނު 31 މެޗުން 64 ޕޮއިންޓް ލިބިގެން ހަތަރުވަނައިގައެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ބާސެލޯނާއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބާސެލޯނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯ ނަގައިދިން ހުރަހަކުން ލުއިސް ސުއަރޭޒެވެ.

އެއަށް ފަހުގައި ފެނިގެން ދިޔައީ ވެލެންސިއާގެ ފަރާތުން ބާސެލޯނާގެ ގޯލަށް ނުރައްކާކުރަން ފެށި ތަނެވެ. ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ވެލެންސިއާއަށް ނުހިފުނުއިރު، ވެލެންސިއާއިން އުފެއްދި ގިނަ ހަމަލާތައް ދިފާއުކުރުމުގައި ބާސެލޯނާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަންގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.


ބާސެލޯނާގެ ދެވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ 51 ވަނަ މިނެޓުގައި ބާސެލޯނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕޭ ކުޓީނިއޯ ނަގައިދިން ކޯނަރަކުން ޑިފެންޑަރު ސަމުއެލް އުމްޓިޓީއެވެ.

މެޗުގައި ފެނިގެން ދިޔަ ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ވެލެންސިއާގެ ކެޕްޓަން ޑަނިއެލް ޕަރޭހޯއެވެ. ޕަރޭހޯ ފޮނުވާލި މި ޕެނަލްޓީ ގޯލްގެ ތެރެއަށް ވަނީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަންގެ އަތްދަށުން ބޯޅަ ގޮސްގެނެވެ. ވެލެންސިއާއަށް މި ޕެނަލްޓީ މެޗުގެ ރެފްރީ ދިނީ ބާސެލޯނާގެ އޮސްމާނޭ ޑެމްބެލޭ އޭރިއާ ތެރެއިން ވެލެންސިއާގެ ގަޔާއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

މި މެޗަށް ބާސެލޯނާ ނުކުތުމުގެ ކުރިން، މިދިޔަ އަންގާރަ ދުވަހުގެ ރޭ ބާސާ ވަނީ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން ބަލިވެ މުބާރާތުން ކަޓައިފައެވެ. އެހެންވުމާއެކު، މި މެޗަށް ބާސެލޯނާ ނުކުތީ ވެސް ބަލިނުވުމުގެ ރެކޯޑް މުގުރާލައި އަލުން ފޯމަކަށް އެޅުމަށެވެ.
އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން މި ސީޒަންގެ ލީގުގައި އަދި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް