އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގްރީންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު ލީގުގެ އެއްވަނައަށް

ގްރީންގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ނިއު ލީގުގެ އެއްވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު



އެސްޓީއޯ މާލޭ ލީގުގައި އިއްޔެ ހަވީރު ނިއު ރޭޑިއަންޓާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގައި، 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެން ލީގުގެ އެއްވަނައަށް ނިއު ޖެހިލައިފިއެވެ.
ލީގުގެ އެއްވަނައިގައި ނިއު އޮތީ ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތީ ނިއުއަށްވުރެ އެއް މެޗު އިތުރަށް ކުޅެ 11 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހަތަރުވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން ބަލިވި ގްރީން އޮތީ 5 ޕޮއިންޓާއެކު ހަތްވަަނައިގައެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ނިއުއިންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި ނިއުއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ނިއުގެ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އެވެ. ފުރަތަމަ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ނިއުގެ ކެޕްޓަން ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުގެ ގުއިލެމް މާޓީ މިސުޓް ވަނީ ލަނޑެއް ޖަހައި ނިއުއަށް މެޗުގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ނިއުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގްރީންގެ ބިދޭސީ ފޯވާޑު ރޮލާންޑް ރަސަލް ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކުރިއެވެ. ރޮލާންޑޯގެ ލަނޑަށް ފަހުގައި ނިއުއިން ވަނީ އަލުން މޮޅަށް ކުޅެ ގްރީންގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 33 ވަނަ މިނެޓުގައި ގުއިލެމް ވަނީ ލަނޑެއް ޖަހައި އަލުން މެޗުގެ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވަރުގަދަ ކުޅުމެއް ފެނިގެން ގޮސްފައިވަނީ ނިއުގެ ފަރާތުންނެވެ. އެ ގޮތުން މެޗުގެ 56 ވަނަ މިނެޓުގައި ނިއުގެ ކެޕްޓަން އަޝްފާޤުގެ ދެވަނަ ލަނޑުން ނިއުއިން މެޗުގެ ލީޑު ބޮޑުކުރިއެވެ. މެޗުގެ 69 ވަނަ މިނެޓުގައި ނިއުގެ މިޑްފިލްޑަރު މުހައްމަދު އުމައިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި ނިއުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ. މެޗުގައި ފެނިގެންދިޔަ ނިއުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެންދަނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ވިކްޓަރީ މޮޅުވެގެންނެވެ. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސިމޮން ޓިބޯ ސޯޑަސްއާއި ޕެޑްރޯ ހެންރިކް ކޯޓެސްއެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑްރިގާ ސާގީއެވެ.

އެ މެޗުން މޮޅުވި ވިކްޓަރީ އޮތީ 9 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ޕޮއިންޓަކާއެކު ލީގުގެ އެންމެ ފުލުގައެވެ.

މާލޭ ލީގުގެ މެޗުތަކެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުގައެވެ. އަންނަ ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާއި ކްލަބް ވެލެންސިއާއެވެ. އަންނަ ހުކުރު ދުވަހުގެ ރޭ ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް