އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައެން ބަލިކޮށް ޕީއެސްޖީއިން ފްރާންސް ކަޕް ފައިނަލަށް

ކައެން ބަލިކޮށް ޕީއެސްޖީއިން ފްރާންސް ކަޕް ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ފްރާންސް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި 1-3 ގެ ނަތީޖާއިން ކައެން ބަލިކޮށް ޕީއެސްޖީއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކައެންގެ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ވަރުގަދަކޮށް ކުޅެމުން ދިޔައީ ޕީއެސްޖީއިންނެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ ވެސް ޕީއެސްޖީއިންނެވެ.

ޕީއެސްޖީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުގެ ޒުވާން ފޯވާޑް ކީލިއާން އެމްބާޕޭއެވެ.އެމްބާޕޭގެ ލަނޑަށް ފަހުގައި ވެސް ޕީއެސްޖީއިން ދިޔައީ ފުލުފުލުގައި ކައެންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެހެން ނަމަވެސް ޕީއެސްޖީއިން މެޗުގެ ލީޑު ފުޅާކުރަން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކައެންއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ކައެންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 43 ވަނަ މިނެޓުގައި އިސްމާއީލް ޑިއޮމަންޑޭއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ވަރުގަދަކޮށް ކުޅެމުން ދިޔައީ ޕީއެސްޖީއިންނެވެ. އެހެން ނަމަވެސް، ޕީއެސްޖީއަށް ލަނޑެއް ޖަަހައި، މެޗުގެ ލީޑު އަލުން ހޯދުނީ މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އެމްބާޕޭއެވެ. މި މެޗުގެ ފަހު މިނެޓުގައި ކައެންގެ އިސްމާއީލް ޑިއޮމަންޑޭއަށް ވަނީ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗު ނިމުމުގެ ކުރިން ޕީއެސްޖީގެ ކްރިސްޓޮފާ ކުންކޫ ވަނީ އިތުރެއް ލަނޑެއް ޖަހައި ޕީއެސްޖީއަށް ފައިނަލްގެ ޖާގަ މުޅިން ކަށަވަރުކޮށްދީފައެވެ.

ފްރާންސް ކަޕްގެ ފައިނަލުގައި އަންނަ މަހު 8 ވަނަ ދުވަހު ޕީއެސްޖީ ނުކުންނާނީ ފްރާންސްގެ ތިންވަނަ ޑިވިޝަންގައި ކުޅޭ ލެސް ހާބިއާސްއާ ދެކޮޅަށެވެ.

ޕީއެސްޖީއިން ވަނީ މި ސީޒަންގައި ފްރާންސް ލީގާއި ފްރާންސް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. ފްރާންސް ކަޕް ކާމިޔާބުކޮށްގެން ޕީއެސްޖީއަށް މި ސީޒަންގައި ތިން ތަށި ހަމަކުރެވޭނެއެވެ. ޓްރާންސްފާ ބާޒާރުގައި ބޮޑެތި ޚަރަދުތަކެއް ކޮށްގެން މި ސީޒަނަށް ނުކުތް ޕީއެސްޖީއިން ސީޒަނަށް ތައްޔާރުވީ ޔޫރަޕްގައި ރަނގަޅު ކާމީޔާބީއެއް ހޯދުމަށް އަމާޒުކޮށްގެންނެވެ. އެހެން ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކަޓައިގެން ދިޔައީ މުބާރާތުގެ ދެވަނަ ބުރުގައި ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އަތުން ބަލިވެގެންނެވެ. ޕީއެސްޖީގެ ތާރީޚުގައި މިހާތަނަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކުރެވިފައެއް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް