އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތައް ނިލަންދޫއާއި ފޯކައިދޫއަށް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތައް ނިލަންދޫއާއި ފޯކައިދޫއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ފުރަތަމަ މެޗުތަކުން ފ.ނިލަންދޫއާއި ށ.ފޯކައިދޫއިން މޮޅުވެއްޖެއެވެ.

ފައިނަލް ބުރުގެ ގްރޫޕް އެކެއްގައި އިއްޔެ ހަވީރު ނިލަންދޫ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ތ.ތިމަރަފުށީގެ މައްޗަށް ނިލަންދޫއިން ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ 54 ވަނަ މިނެޓުގައި ތިމަރަފުށީގެ އަހުމަދު ތޯހިރު ލަނޑެއް ޖަހައި ލީޑު ނެގި ނަމަވެސް މެޗުގެ 86 ވަނަ މިނެޓުގައި ނިލަންދޫގެ އަޒުހާން ޚާލިދު ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗުން ނިލަންދޫ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗު ނިމެން ދަނިކޮށް އަޒުހާނެވެ.

ގްރޫޕް ދޭއްގައި ފޯކައިދޫގެ އަމިއްލަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އދ.ފެންފުށީގެ މައްޗަށް ކުރިހޯދައި މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފޯކައިދޫއަށް ކާމިޔާބުކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި މުހައްމަދު ނަދީމެެވެ.

މި މުބާރާތުގެ ފައިނަލް ބުރުގައި މި އަހަރު ދިހަ ޓީމު ވާދަކުރެއެވެ. އެ ގޮތުން ފައިނަލް ބުރު ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ތިމަރަފުށި، ގދ.ހޯނޑެއްދޫ، އަދި ސ.ހިތަދޫއެވެ. ގްރޫޕް އެކެއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނިލަންދޫގައެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އއ.މާޅޮސް، އަދި އދ.ފެންފުށިއެވެ. ގްރޫޕް ދޭއްގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ފޯކައިދޫގައެވެ.

މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ. މުބާރާތުގެ ސެމީއަށް ދަތުރުކުރާ ހަތަރު ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެއެވެ. ގްރޫޕް އެއްކެއްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދ.ކުޑަހުވަދޫއާއި ގދ.ހޯނޑެއްދޫއެވެ. ގްރޫޕް ދޭއްގައި ބައްދަލުކުރާނީ ހއ.މުރައިދޫއާއި މިދިޔަ އަަހަރުގެ މުބާރާތުން ގަދަ ހަތަރެއްގައި ހިމެނުނު އއ.މާޅޮސްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް