ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ބޯނީ ކަޕޫރު ނިންމައިފި
ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ބޯނީ ކަޕޫރު ނިންމައިފި
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ނިޔާވި ސްރީދޭވީ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން އޭނާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރު ނިންމައިފިއެވެ.
މަޝްހޫރު ބޮލީވުޑް ތަރި ސްރީދޭވީގެ މައްޗަށް ޑޮކިއުމަންޓަރީ ފިލްމެއް ނުވަތަ ފީޗާ ފިލްމެއް އުފައްދަން ނިންމައި ބޯނީ ވަނީ ފިލްމަށް ކިޔަން ތިން ނަމެއް ޝޯޓު ލިސްޓުކޮށްފައެވެ. އަދި ބޯނީ ވަނީ އެ ނަންތައް އިންޑިއާ ފިލްމުތަކުގެ ޓައިޓަލް ރަޖިސްޓްރޭޝަން ކޮމިޓީގައި ރަޖިސްޓްރީ ވެސް ކޮށްފައެވެ. މީޑިއާ ރިޕޯޓުތަކުން ބުނާ ގޮތުގައި ބޯނީ ޝޯޓުލިސްޓްކުރި ތިން ނަމަކީ، 'ސްރީ'، 'ސްރީދޭވީ'، އަދި 'ސްރީމޭމް' އެވެ.
މިިދިޔަ ފެބްރުއަރީ 24 ގައި ސްރީދޭވީ ނިޔާވީ ދުބައީގައި އޭނާ ހުރި ހޮޓެލްގެ ފާޚާނާ ތެރޭގައި ހުރި ބާތުޓަނބެއްގެ ތެރެއަށް ގެނބިގެންނެވެ. ސްރީދޭވީ ނިޔާވިއިރު، އޭނާގެ އުމުރަކީ 54 އަހަރެވެ.
300 އެއްހާ ފިލްމު ކުޅެފައިވާ ސްރީދޭވީއަކީ 1980 ގެ އަހަރުތަކުގައި ބޮލީވުޑްގައި ރަނިކަން ކުރި ފަންނާނެކެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކަރިއަރު ފެށި ސްރީދޭވީ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 'މިސްޓަ އިންޑިއާ'، 'ޗާލްބާޒު'، 'ނާގިން'، 'އިންގްލިޝް ވިންގްލިޝް' ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ. ސްރީދޭވީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒުކުރި ފިލްމު 'މޮމް' އިންނެވެ.
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
1 މެއި 2018