އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެގްރިގޭޓް ނަތީޖާއިން މޮޅުވެ ރެއާލް ޖެހިޖެހިގެން ތިންވަނަ ފައިނަލަށް

އެގްރިގޭޓް ނަތީޖާއިން މޮޅުވެ ރެއާލް ޖެހިޖެހިގެން ތިންވަނަ ފައިނަލަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބަޔާން މިއުނިކްގެ މައްޗަށް އެގްރިގޭޓް ނަތީޖާއިން ރެއާލް މެޑްރިޑް ކުރިހޯދައި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ރޭ މި ދެ ޓީމު ބައްދަލުކުރި ދެވަނަ ލެގުގެ މެޗު ނިމުނީ 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެގެންނެވެ. ބަޔާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ރެއާލްއިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިންނެވެ. އެހެންވެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން 3-4 އުން ބަޔާންގެ މައްޗަށް ކުރިހޯދައިގެންނެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލަށް މި އަހަރު ވެސް ރެއާލް ދަތުރުކުރިއިރު، މިދިޔަ ދެ އަހަރު މި މުބާރާތުގެ ޗެމްޕިއަން ޓީމަކީ ވެސް ރެއާލްއެވެ. 2016 ވަނަ އަހަރު ރެއާލްއިން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން އެތްލެޓިކޯ މެޑްރިޑް ބަލިކޮށްގެންނެވެ. މިދިޔަ އަހަރު ރެއާލްއިން މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި 1-4 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްގެންނެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ ތިން މިނެޓު ތެރޭގައި ބަޔާންއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. ބަޔާންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޖޮޝުއާ ކިމިޗެވެ. ބަޔާންއިން ދެވަނަ ލަނޑު ކާމިޔާބުކުރަން ބޮޑަށް ކުރިއަށް ޖެހިގެން ތިއްބައި، ލިބުނު ކައުންޓާ އެޓޭކެއްގައި މެޗުގެ 10 ވަނަ މިނެޓުގައި ރެއާލްގެ ކަރިމް ބެންޒީމާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ބަޔާންގެ ކިމިޗް ނެގި ހުރަހެއްގައި ރެއާލްގެ މާސެލޯ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާގެ އަތުގައި ޖެހުމުން ބަޔާންގެ ކުޅުންތެރިން ޕެނަލްޓީއަށް އެޕީލްކުރަން ފެށިއެވެ. އެހެން ނަމަވެސް މެޗުގެ ރެފްރީ ބަޔާނަށް ޕެނަލްޓީއެއް ނުދިނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ބަޔާންގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ނަގައި ބެންޒީމާ ރެއާލްއަށް މެޗުގެ ލީޑު ނަގައިދިނެވެ. ބަޔާންއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 62 ވަނަ މިނެޓުގައި ހަމޭސް ރޮޑްރިގޭޒެވެ. އެއަށްފަހު، ރެއާލް ކޮޅަށް އިތުރު އެއް ލަނޑު ޖަހައިގެން ފައިނަލަށް ދިޔުމުގެ ފުރުސަތު ބަޔާނަށް ފަހި ވުމާއެކު ބޮޑަށް ކުރިއަށް ޖެހިގެން ރެއާލްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ނަމަވެސް ބަޔާއިން ފޮނުވާލި ގިނަ ހަމަލާތަކެއްގެ ހުރަހަކަށް ވެގެން ދިޔައީ ރެއާލްގެ ގޯލްކީޕަރު ކޭލޯ ނާވެސްއެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމިގެންދިޔައީ ރެއާލްއަށް އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

މުބާރާތުގައި ފައިނަލުގައި ރެއާލް ވާދަކުރަންޖެހޭ ޓީމެއް އެނގިގެންދާނީ މިރޭ ލިވަޕޫލްއާއި ރޯމާ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 5-2 ގެ ނަތީޖާއިން ލިވަޕޫލް ކާމިޔާބުކުރި ނަމަވެސް ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި ރޯމާއަށް ވެސް އެބައޮތެވެ. އަދި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެފަދަ ބޮޑު ނަތީޖާއެއް ދެވަނަ ލެގުގައި އަނބުރާލާފައި ވެސް ވެއެވެ. މުބާރާތުގެ ސެމީއަށް ރޯމާ ދަތުރުކުރީ ވެސް ކުއާޓާ ފައިނަލްގައި ދެވަނަ ލެގުގައި ބާސެލޯނާގެ ބޮޑު ލީޑު އަނބުރާލުމަށް ފަހުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް