އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަންމަ އާ ބައްޕަގެ ޚިދުމަތުގައި ޤްރްބާންވި ނުކުޅެދޭ އަޙްމަދު ކުޅެދޭމީހަކަށްވެ އަދި މަހުޖަނަކަށްވި ގޮތުގެ ވާހަކަ

މަންމަ އާ ބައްޕަގެ ޚިދުމަތުގައި ޤްރްބާންވި ނުކުޅެދޭ އަޙްމަދު ކުޅެދޭމީހަކަށްވެ އަދި މަހުޖަނަކަށްވި ގޮތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 43 ސިކުންތު

އަޙްމަދު އަލް އަޞްރަކީ މިޞުރުގެ ދެމަފިރިއަކަށް ލިބިފައިވާ ދަރިއެކެވެ. އުފަންވިއިރުވެސް ވައަތުފައިގާ މައްސަލައެއް ހުއްޓެވެ. ޑޮކްޓަރުން ބުނީ ޕޯލިއޯ ކަމަށް ބުނެވެން ނެތް ކަމަށާއި ނަމަވެސް ޕޯލިއޯގެ އަލާމާތްތައް ހުރި ކަމަށެވެ.

އަހްމަދުގެ ދޮށްޓަށް 7 ބެއިން ތިބެއެވެ. އެއީ 3 ދައްތަ އާއި 4 ބޭބެއެވެ. ކޮންމެ ކުއްޖަކުވެސް ބޮޑުވެ ކައިވެނިކުރުމަށްފަހު ގެއިން ނުކުމެގެންދަމުން ގޮސް އެންމެފަހުން ގޭގައި ހުރީ އަޙްމަދު އެކަންޏެވެ.

އަޙްމަދުގެ އުމުރުން 25 ވަރަކަށް އަހަރުގައި މަންމައަށް ބައްޔެއް ޖެހި ހިނގައި ނުއުޅެވޭގޮތްވިއެވެ. އެއިރު ބައްޕައަކީވެސް މުސްކުޅި ބަލީގައި އުޅެމުންދާ މީހަކަށްވާތީ މަންމައަށް މާބޮޑު އެހީތެރިކަމެއް ފޯރުކޮށެއް ނުދެވެއެވެ.

މަންމައަށް އެހީތެރިވެދޭނެ ދަރިއަކަށް ބޭނުންވި ދުވަހު ގޭގައި ހުންނަން ޖެހުނީ އަމިއްލަހާލަށް އުޅެން ދަތި އަޙްމަދެވެ. ބޭބެމެންނާއި ދައްތަމެން ކައިރީ އަޙްމަދު ވަރަށް އާދޭސްކުރުމުން ވެސް ގޭގައި އުޅެން އަންނަން ހަމަ އެކަކުވެސް އެއްބަހެއް ނުވިއެވެ. އެންމެންވެސް ބޭނުންވީ މަންމަ އާއި ބައްޕަ ގެންގޮސް މުސްކުޅިން ބަލަހައްޓައިދޭ ގެއެއްގައި ބައިތިއްބައިގެން ބަލާށެވެ.

އަޙްމަދު އެގޮތް ބޭނުމެއް ނުވިއެވެ. އަހްމަދު ބޭނުންވީ އޭނާއަށް ބެލުނު ގޮތަކަށް މަންމަ އާއި ބައްޕަ ބަލާށެވެ. އަޙްމަދު ގޮތް ދޫނުކުރުމުން ހރިހާ ކުދިންވެގެން ގޭގައި ގެންގުޅޭނެ އަންހެނަކު ހޯދައި ދިނެވެ.

އޭނާގެ އެހީތެރިކަމާއިއެކު އަޙްމަދު ދިއައީ މަންމަ އާއި ބަލަހައްޓަމުންނެވެ. އަޙްމަދުގެ ހުރިހާ ވަގުތެއްހެން ހާދަކުރަމުން ގެންދިއައީ މަންމަ އާއި ބައްޕަގެ ޚިދުމަތުގައެވެ. ގޭގެ ޚަރަދުތައް ބަލަހައްޓަނީ ބައްޕަގެ ދަނޑުބިމެއް މީހަކަށް ދީގެން ލިބޭ މަދު ފައިސާކޮޅުންނެވެ.

އަޙްމަދުވެސް ހުރީ ވަޒީފާއެއް އަދާކުރެވޭ ވަރަށް ކިޔަވައިގެންނެވެ. ނަމަވެސް އެއްވެސް ވަޒީފާއެއް އަދާކުރަން އަޙްމަދު ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ ވީހައި ރަނގަޅަށް ަމަންމަ އާއި ބައްޕަ ބަލަހައްޓާށެވެ. މަންމަ އާއި ބައްޕައަށް އެހީތެރިކަމަށް ބޭނުންވި ދުވަހު މަންމަ އާއި ބައްޕަގެ ޚިދުމަތުގައި ހުންނާށެވެ.

އެބުރަ މަސްއޫލިއްޔަތު ވީއެންމެ ފުރިހަމައަކަށް އަޙްމަދު އަދާކުރަމުން ގެންދާތާ 3 އަހަރު ފުރި 4 އަހަރަށް އޮއްވައި އެއް ރެ އަހްމަދަށް ހުވަފެނެއް ފެނުނެވެ. ހުވަފެނުގައި މީހަކު އައިސް އަހްމަދު ގާތު ބުނީ އެނދުން ތެދުވުމަށެވެ. ތެދުވުމުން ބުނީ އެނދުން ފައިބައިގެން އޭނާގެ ފަހަތުން ހިނގައިގަތުމަށެވެ.

އަހްމަދު ތެދުވެފައި ހިނގައިގަތުމަށްޓަކައި އޭނާ ބޭނުންކުރާ ދަނޑިގަނޑު ނެގުމުން ބުނީ ދަނޑިގަނޑު ބޭއްވުމަށެވެ. ދެން އަޙްމަދަށް ދަނޑިގަނޑު ބޭނުން ނުވާނެ ކަމަށެވެ. އެގޮތަށް ބުނުމުން އަޙްމަދު ދަނޑިގަނޑު ބާއްވާފައި ހިނގައިގަތްތަނާ ހޭލެވިއްޖެއެވެ.

އަހްމަދަށް ހުރެވުނީ ކޮޓަރީގެ މެދުގައެވެ. އަތުގައި ދަނޑިގަނޑެއް ނެތެވެ. ދެން ހަދާނެ ގޮތަކާއިމެދު ވިސްނައިލުމަށްފަހު ބިސްމިﷲ ކިޔާފައި އެނދާއި ދިމާއަށް ހިނގައިގަންނަން މަސައްކަތްފެށިއެވެ. ސުބްހާނަﷲ! އަޙްމަދަށް ހަމަ ރީތިކޮށް އެހެރަ ހިނގެނީއެވެ. އެހެން މީހުންވެސް ހިނގާފަދައިންނެވެ.

އަޙްމަދު އަވަސްވެގަތީ މާތް ﷲ އަށް ޝުކުރުގެ ސަޖިދައެއް ކުރުމަށެވެ. ހުރިދިމާއިން ސަޖިދަކުރިއެވެ. ސަޖިދައިގައި އޮއްވައި އިވުނީ އަޑެކެވެ. "އަޙްމަދުއެވެ. ފަރުޟު 5 ނަމާދުކުރަމުން މައިންބަފައިންނަށް ޚިދުމަތް ކުރުމަކީ އެންމެ މަތިވެރި އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ތިގޮތުގައި ދެމިހުންނާށެވެ."

ފަތިހު މަންމަ އާއި ބައްޕައަށް ހޭލެވުމުން ފެނުނީ ދަނޑިގަނޑާއި ނުލައި އަޙްމަދު ހިނގާފައި އުޅޭތަނެވެ. ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. މަންމަ އާއި ބައްޕަ އެދުމުން ފެނުނު ހުވަފެނާއި ކަންކަންވީގޮތް މަންމައާއި ބައްޕައަށް ކިޔައިދިނެވެ. ނަމަވެސް އިވުނު އަޑުގެ ވާހަކަ ކިޔައެއް ނުދެއެވެ. އެކަން ބޭއްވީ ސިއްރެއްގެ ގޮތުގައެވެ.

އަހްމަދު އެކަން ސިއްރުކުރީ ވަރަށް ބޮޑު ސަބަބަކަށެވެ. އެއީ އޭނާ ނުކުޅެދޭ މީހަކަށް ހުރިއިރު ކުރި ޚިދުމަތަށްވުރެ މިހާރު މާފުރިހަމައަށް ޚިދުމަތް ކުރެވޭނެއިރު އެޚިދުމަތް ކުރަނީ އިވުނު އަޑަކާއި ގުޅިގެންކަން މަންމަ އާއި ބައްޕައަށް އިޙްޞާޞްވިއަ ނުދިނުމަށެވެ.

އަޙްމަދުގެ ފައި ކުއްލި ގޮތަކަށް ރަނގަޅުވުމުން އަވަށުގެ މީހުންނަށާއި އޭނާގެ ޢާއިލީންނަށްވެސް އެކަން ވެގެން ދިއައީ ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ. މީހުން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އަޙްމަދު އެއްވެސް ތަފްޞީލެއް ކިޔައެއް ނުދެއެވެ. ބުނަނީ މާތް ﷲ ގެ މަތިވެރި ނިޢުމަތް ކަމަށެވެ.

އަޙްމަދު އޭނާގެ މަންމަ އާއި ބައްޕައަށް ކުރަމުން އައި ޚިދުމަތް ގެއަށް ވަދެއުޅޭ އެންމެންނަށް ވެސް އެނގެއެވެ. އެހެންކަމުން އެންމެންވެސް ދިއައީ އެ ޚިދުމަތުގައި ދެމިހުރުމަށް ނަބޭޙަތްތެރިވަމުންނެވެ.

އަޙްމަދުގެ ފައި ރަނގަޅުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަންމަ އާއި ބައްޕަވެސް ވަނީ ނިޔާވެފައެވެ. އަޙްމަދު ވަނީ އެކަނިވެރިވެފައެވެ. އެހެންކަމުން ވަޒީފާއެއް ހޯދުމުގެ މަސައްކަތް އަހްމަދު ފެށިއެވެ.

ވަޒީފާއެއް ހޯދުމުގެ ނިޔަތުގައި ކުރަމުން ގެންދިއަ މަސައްކަތުގެ ތެރެއިން އަވަށުގެ މުއްސަނދިންގެ ތެރެއިން މީހަކާއި ބައްދަލުކޮށް އޭނާގެ ކޮންމެވެސް ވަޒީފާއަކަށް އެދުނެވެ.

އެ މަހުޖަނުގެ އޮފީހުގައި ވަރަށް ގިނައިރު ބެއިންދުމަށްފަހު އަހްމަދު ގޮވައިގެން މަހުޖަނު ފުރަތަމަ ދިއައީ ބަންގިގޮވުމުން މެންދުރު ނަމާދަށެވެ. ނަމާދުން ފައިބައިގެން ދިއައީ މަހުޖަނުގެ ގެއަށެވެ.

"އަޙްމަދުއެވެ. މިގެއަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެންނެވެ. އަހަރެންގެ އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުރިނަމަވެސް ޢާއިލާގައި އިތުބާރުކުރެވޭ އެއްވެސް މީހަކު ނެތެވެ. އެންމެންވެސް އުޅެނީ ފައިސާ މަދުވެގެންނެވެ. ފައިސާ މަދުވެގެން އަބަދު އުޅޭ މީހެއްގެ ހިތުގައި އިންސާނިއްޔަތުކަން ވަރަށް ކުޑަވާނެއެވެ.

އަޙްމަދު، އަޙްމަދުގެ މައިންބަފައިންނަށް ކުރި ޚިދުމަތުގެ ވާހަކަ ނުދައްކާ ހަމައެކަކުވެސް މިއަވަށަކު ނެތެވެ. އެހެންވީމާ އެކަންކަން އަހަރެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އަހަރެންގެ ގާތަށް އަޙްމަދު އައީ ވަޒީފާއަކަށް އެދި ނޫންހެއްޔެވެ؟ އެހެންވީމާ އަހަރެން މިދެނީ ދެވެން އޮތް އެންމެ ރަނގަޅު ވަޒީފާއެވެ. ޤަބޫލުކުރުމާ ނުކުރުން އޮތީ އަޙްމަދުގެ އަތްމަތީގައެވެ.

އަހަރެންގެ ހުރީ ހަމައެކަނި އަންހެން ދަރިއެކެވެ. އެހެންވީމާ އަޙްމަދު ކޮށްދޭންވީ ކަމަކީ އަހަރެންގެ ދަރިފުޅާއި ކައިވެނި ކުރުމެވެ. މަޑުމަޑުން ގޮސް އަހަރެންގެ މަސްއޫލިއްޔަތުތައް އުފުލައިދޭންވީއެވެ. ދެން އަހަރެން އެދެން އޮތީ އެންމެ ކަމަކަށެވެ. އަހަރެން މުސްކުޅިވެ ބަލިވާ ދުވަހު ވެސް އަޙްމަދުގެ މައިން ބަފައިން މުސްކުޅިވެ ބަލިވުމުން ބެލެހެއްޓި ގޮތަށް ބަލަހައްޓައި ދިނުމެވެ.

އިރާދަކުރެއްވީތީ އަހަރެންގެ ދަރިފުޅަކީ އަޚްލާޤް ރަނގަޅު ކިޔަމަންތެރި އަދި ތަޤްވާވެރިކުއްޖެކެވެ. މިކަންކަން ދަރިފުޅުގެ ކިބައިން މިގޮތަށް ނުފެނިގެން ވަރިކުރަން ޖެހިއްޖެ ނަމަ އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. އަހްމަދު މިގެއިން ނުކުމެގެންދާނީ ހަމަ މުއްސަންޖެއްގެ ގޮތުގައިކަމުގެ ޔަޤީންކަން ދެމެވެ."

އަޙްމަދުގެ މަންމަ އަބަދުވެސް ބުނާ އެއް ވާހަކައަކީ ފުރުޞަތަކީ މާގިނަ ފަހަރު ލިބޭނެ އެއްޗެއް ނޫން ކަމެވެ. މަންމަގެ އެބަސް ޤަބޫލުކޮށް، މާތް ﷲ އަށް ވަކީލުކޮށް އަހްމަދު، މަހުޖަނުގެ ހުށަހެޅުންތައް ޤަބޫލުކުރިއެވެ.

ކައިވެންޏަށް މިހާރު 30 އަހަރުވީއެވެ. 4 ދަރިން ވަނީ ލިބި ބޮޑެތިވެފައެވެ. ދިރިއުޅެމުން އަންނަނީ ނުހަނު އުފަލުގައެވެ.

(މިއީ މަންމައިންގެ ދުވަހާއި ގުޅިގެން ޢިބްރަތެއް ޙާޞިލުކޮށްލަން ރަނގަޅު ވާހަކައަކަށް ވާނެ ކަމަށް އުންމީދުކުރަމެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް