އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓީސީ ބަލިކޮށް ގްރީނަށް މުހިންމު ތިން ޕޮއިންޓް

ޓީސީ ބަލިކޮށް ގްރީނަށް މުހިންމު ތިން ޕޮއިންޓް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު


އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ކްލަބް ގްރީން ސްޓްރީޓްސްއިން މުހިންމު ތިން ޕޮއިންޓް ހޯދައި، ދިވެހި ޕްރެމިއާ ލީގުގެ ޖާގައެއް ހޯދުމަށްޓަކައި ގްރީންއުން ކުރާ މަސައްކަތުގެ އުންމީދު އާކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޓީސީގެ މައްޗަށް ގްރީންއިން ކުރިހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން މެޗުގެ 15 ވަނަ މިނެޓުގައި ގްރީންގެ ބިދޭސީ ފޯވާޑް ރޮލާންޑޯ ރަސެލް ބިލާލާ ވަނީ ލަނޑެއް ޖަހައި ގްރީނަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، އެ ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ގްރީން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ފުޅާކޮށްފައެވެ. އިލިއާ ސޮބޮލް ހިލޭ ޖެހުމަކުން ނަގައިދިން ހުރަހަކުން ގްރީނަށް އެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ރަސެލްއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ލަނޑުގެ ލީޑެއްގައި ގްރީން އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 57 ވަނަ މިނެޓުގައި ގްރީންގެ ޑިފެންޑަރު އޮލެހް ޔެފިމްޗުކް އަތުން ބައިކޮޅަށް ވަން ލަނޑަކުން ޓީސީއަށް މެޗުގެ ލީޑު ހަނިވިއެވެ. މެޗުގެ 63 ވަނަ މިނެޓުގައި އަހުމަދު ރިލްވާން (ރިލޭ) ގެ ލަނޑުން ގްރީންއިން އަލުން މެޗުގެ ލީޑު ފުޅާކުރިއިރު، އޭގެ ތިން މިނެޓު ފަހުން ޓީސީގެ މުހައްމަދު އައްޒާމް ކާމިޔާބުކޮށްދިން ލަނޑުން އަލުން މެޗުގެ ލީޑު ޓީސީން ހަނިކުރިއެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ގްރީންގެ ހަތަރުވަނަ ލަނޑު ރިލޭ ކާމިޔާބުކޮށްދިންއިރު، އޭގެ މިނެއްޓެއްވަރު ފަހުން ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

މި މެޗުގެ ނަތީޖާއާއެކު، ޓީސީ އޮތީ 18 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތް އީގަލްސްއަށް ވެސް 18 ޕޮއިންޓް ލިބިފައިވާއިރު، ޓީސީގެ މައްޗަށް އީގަލްސްއަށް ކުރި ލިބެނި ލަނޑު ފަރަޤުންނެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރީން އޮތީ 13 ޕޮއިންޓާއެކު ހަވަނައިގައެވެ. އެހެން ނަމަވެސް، ގަދަ ހައެއްގެ ޖާގަ ކަށަވަރުކުރަން ގްރީނަށް އަދި ކުޑަ އިންތިޒާރެއް ކުރަން ޖެހެއެވެ. އެއީ 7 ޕޮއިންޓާއެކު ހަތްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް ވެސް ގަދަ ހަޔަކުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ތާވަލުގެ އެންމެ ފުލުގައި އެންމެ ޕޮއިންޓެއް ލިބިގެން އޮތް ވެލެންސިއާއަށް ވަނީ ގަދަ ހަޔަކުން ޖާގަ ގެއްލިފައެވެ.

ދިވެހި ފުޓުބޯޅަ ކަލަންޑަރުގެ އޮނިގަނޑަށް އެފްއޭއެމް މި އަހަރު ގެނައި ބަދަލާއެކު، މާލޭ ލީގުގެ ގަދަ ހަ ޓީމަށް ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ. ދިވެހި ލީގުގައި ވާދަކުރުމުގެ ފުރުސަތު ދެން ލިބިފައިވަނީ އަތޮޅުތެރޭގެ ޓީމުތަކުގެ މެދުގައި ބާއްވާ މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ގަދަ ހަތަރު ޓީމަށެވެ.

މާލޭ ލީގުގައި ދެން މެޗެއް ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ. އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސްއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް