ސެމީފައިނަލުގެ ދެވަނަ ޖާގަ ބެލްޖިއަމަށް.. ބްރެޒިލް މުބާރާތުން ކަޓައިފި..

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ރަޝިއާގެ މޮސްކޯގައި މިހާރު ކުރިއަށްދާ ފިފާ ވަރލްޑް ކަޕްގެ ކްއާޓަރ ފައިނަލުގެ ދެވަނަ މެޗު ކާމިޔާބުކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ބެލްޖިއަމް އިން ހޯދައިފިއެވެ.

ރަޒަން އެރެނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބެލްޖިއަމް އިން ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

ބަލާހިތްވި، ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގެ ތެރޭގައި ބްރެޒިލްއަށް ލިބުނު ކޯނަރު ނޭމާ ގޯލުކުރިމައްޗަށް ހުރަސްކޮށްލުމުން ކްޓީނިއޯ ޖައްސާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި މިނޫނަސް ގިނަ ހަމަލާތަކެއް ދެޓީމުންވެސް ވަނީ އުފައްދާފައެވެ.

މެޗުގެ ފުރަތަމަ ލަނޑަކީ ބެލްޖިއަމް އިން ނެގި ކޯނަރެއް ބްރެޒިލްގެ ފެރްނަންޑީނިއޯގެ ގައިގާޖެހިފަ ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ދެވަނަ ލަނޑު 32 ވަނަ މިނެޓުގައި ޖެހީ ޑި ބްރޫނޭއެވެ.

މިއީ ބެލްޖިއަމްގެ ހާފުގެ ތެރެއިން ބެލްޖިއަމްގެ ލުކާކޫ ބްރެޒިލްގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ޑި ބްރޫނޭއަށް ދިނުމުން ޕެނަލްޓީ އޭރިއާގެވެސް ބޭރުން ފޮނުވާލާ، ގޯލުގެ ތިރީކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ބެލްޖިއަމްގެ މި ލަނޑަށްފަހުވެސް ދެޓީމުގެ އެޓޭކިންގއަކަށް ބަދަލެއް ނާދެއެވެ. ފުރަތަމަ ހާފު ނިމުނީ 2 ލަނޑުގެ ލީޑަކާއެކު ބެލްޖިއަމް ކުރީގައި އޮވެއެވެ.

ދެވަނަ ހާފުގައިވެސް ދެޓީމުންވަނީ އެޓޭކިންގ ފުޓްބޯޅައެއް ކުޅެފައެވެ. ޚާއްޞަކޮށް ބްރެޒިލްގެ އެޓޭކިންގ ވަރުގަފަކޮށް ފުލުފުލުގައި ހަމަލާތައް ފޮނުވުމުގެ ނަތީޖާއަކަށްވީ 76 ވަނަ މިނެޓުގައި އޮގަސްޓޯ ލަނޑެއް ޖަހާ ބްރެޒިލްއަށް ހިތްހަމަޖެހުން ގެނެސްދިނުމެވެ.

އެހެންނަމަވެސް މެޗު ނިމުނީ ނަތީޖާއަށް އިތުރު ބަދަލެއް ނައިސް 2 ލަނޑު 1 ލަނޑުން ބެލްޖިއަމް މޮޅުވެގެންނެވެ.

ބެލްޖިއަމްގެ މި މޮޅާއެކު މި މަހުގެ 10 ވަނަ ދުވަހު ކުޅޭ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ކްއާޓަރގެ ފުރަތަމަ މެޗުގައި އުރުގުއޭ ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ހޯދި ފްރާންސް އާއެވެ.

މި މުބާރާތުގެ ސެމީފައިނަލަށްދާ އަނެއް ދެޓީމު އިނގޭނީ މާދަމާރޭ ކުޅޭ ކްއާޓަރ ފައިނަލުގެ ފަހު ދެ މެޗު ނިމުމުންނެވެ.

މާދަމާރޭގެ ފުރަތަމަަ މެޗުގައި ބައްދަލުކުރާނީ ސްވިޑްން އަދި އިންގްލެންޑެވެ. މި މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 7 ޖަހާއިރުއެވެ. ދެވަނަ މެޗުގައި ރޭގަނޑު 11 ޖަހާއިރު ބައްދަލުކުރާނީ ރަޝިއާ އާއި ކްރޮއޭޝިއާ އެވެ.

ކޮމެންޓް ކުރެއްވުމަށް

މި ވަގުތު އެއްވެސް ކޮމެންޓެއް ކިޔުންތެރީން ފާޅުކޮށްފައި ނެތް.

މުހައްމަދު އަފްރާޙް