އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢާއިލާގެ މީހަކަށް ޞަދަޤާތް ދިނުމުން ސަވާބު 10 ގުނައިން 20 ގުނައަށް އިތުރުވާކަން އެނގޭތަ؟: މުފްތީ މެންކް

ޢާއިލާގެ މީހަކަށް ޞަދަޤާތް ދިނުމުން ސަވާބު 10 ގުނައިން 20 ގުނައަށް އިތުރުވާކަން އެނގޭތަ؟: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 33 ސިކުންތު

މީހަކު މަރުވެދާނެއެވެ. ކޮންމެވެސް ބައަކު ޖަނާޒާގައިވެސް ބައިވެރިވާނެއެވެ. ޖަނާޒާގެ ކަންކަން ފުރިހަމަވެސް ކުރާނެއެވެ. ހުރިހާ ކަމެއް ނިމޭތާ މާފަހުން މަރުވީ، ވަޅުލެވެނީ ތިބާގެ ޢާއިލީ މީހަކުކަން އެނގެނީ ކިތައް ފަހަރު ހެއްޔެވެ؟ މިހެން މިދިމާވަނީ ޢާއިލާގެ މީހުން ނުއެނގޭތީއެވެ. އޮޅުން ނުފިލުވާތީއެވެ.

އިސްލާމް ދީނުގައި މިކަން އޮތީ މިހެނެއް ނޫނެވެ. ޢާއިލާގެ މީހުން އެނގެންޖެހޭނެއެވެ. ޢާއިލާގެ މީހުންނާ ގުޅުން ބާއްވަންޖެހޭނެއެވެ. އެހީތެރިވާންޖެހޭނެއެވެ. ޢާއިލާގެ މީހުންނަކީ ހަމައެކަނި މައިން ބަފައިންނާއި އަނބިދަރިން ކަމަށް ބަލައިގެން އިސްލާމް ދީނުގައި ނިންމައެއް ނުލެވޭނެއެވެ.

މިބަހަށް ދަލީލު ލިބޭ އެއްކަމަކީ ޞަދަޤާތްކުރުމުގައި ޢާއިލާގެ މީހުންނަށް އިސްކަންދޭން އޮންނަ ކަމެވެ. ޢާއިލާގެ މީހުންނަށް ޞަދަޤާތް ދިނުމަކީ ދެ ދަރުމަ ނުވަތަ ދެ ހެޔޮކަން ލިބޭ ކަމެކެވެ. އެއީ ޞަދަޤާތް ދިނުމުން ލިބޭ ހެޔޮކަމާއި ޢާއިލާގެ މީހަކަށް އެހީތެރިވުމުން ލިބޭ ހެޔޮކަމެވެ. ޢާއިލާގެ މީހުންނަށް ދެވޭ ޞަދަޤާތުގެ ފައިދާ އިތުރުވެގެންދަނީ މިފަދަ ސަބަބުތައް ހުރުމުންނެވެ.

އަތުން ފައިސާ ޚަރަދު ނުކޮށްވެސް ޞަދަޤާތްކުރެވިދާނެއެވެ. މިސާލަކަށް ތިބާއަކީ އިލެކްޓްރިޝިއަނަކަށްވެދާނެއެވެ. ތިބާ ޢާއިލާ އާއި ގުޅުން ބާއްވަމުން ގެންދާނަމަ ތިބާއަކީ އިލެކްޓްރިޝިއަނެއްކަން އެނގޭނެއެވެ. ޢާއިލާގައި ހުރި ފަޤީރަކަށް ކަމެއް ދިމާވުމުން ތިބާގެ އެހީތެރިކަމަށް އެދޭނެއެވެ. އެމީހަކަށް އެކަންކޮށްލައިދީފިނަމަ އެކަން ވާނީ ކުރެވޭ ޞަދަޤާތަކަށެވެ. މިއީ މިސާލެކެވެ.

އަހަރެމެންގެ އާއިލާގެ މީހުން ދަރިންނަށްވެސް އަންގައިދޭންޖެހޭނެއެވެ. ކިތަންމެ ބޮޑު ފައިސާވެރިއެއްގެ ދަރިއެއް ނަމަވެސް ހަމަ ބޮޑު މައްސަލައެއް ކުރިމަތިވެދާނެއެވެ. މަގެއްމަތިންނެވެ. ނުވަތަ ކޮންމެވެސް ތަނެއްގައެވެ. މިޒަމާނަކީ އެފަދަ ކަމެއް ފެނުނު ނަމަވެސް އަޅައިލާ ޒަމާނެއް ނޫނެވެ. ކޮންމެ މީހަކުވެސް ބަލާނީ ދުރަށް ދެވޭތޯއެވެ. އެކަމާއި ނުބެހިވޭތޯއެވެ. އެވަގުތު އެތަނުގައި ޢާއިލާގެ ކުއްޖަކުވެސް ހުރެދާނެއެވެ. ނަމަވެސް އަޅާލައި އެހީތެރިވާން ބޮޑަށް ޝައުޤުވެރިވާނީ އެއީ ޢާއިލާގެ އަޚެއްކަން އެނގޭނަމަ ނޫން ހެއްޔެވެ؟

ދާދިފަހުން ހިނގައިދިއަ ކަމެކެވެ. މީހަކު އޮތީ އެކްސިޑެންޓްވެ މަގުމައްޗަށް ވެއްޓިފައެވެ. އެއްވެސް މީހަކު އަޅައެއް ނުލައެވެ. ކައިރިން ކާރުތައް ދުއްވާފައިވެސް ދިއައެވެ. އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަކީ ފުލުހުންގެ ކަމެއްކަމަށް ބަލައި އެކަކުވެސް އަޅައި ނުލީއެވެ.

އެއިގެ ދެ ދުވަސްފަހުން ނޫހުގައި އޮތީ އެމީހާ މަރުވިކަމުގެ ވާހަކައެވެ. ހޮސްޕިޓަލަށް ގެންދިއުން ލަސްވެގެންނެވެ. ލޭފައިބައި ހުސްވެގެންނެވެ. ޚަބަރުގެ ތަފްޞީލު މަންމައަށް ކިޔައިދިނުމުން އެނގުނީ މަރުވީ ބޮޑުދައިތަގެ ދަރިއެއް ކަމެވެ. ނިކަން ބުނެބަލާށެވެ. އެހާލުގައި ވެއްޓިފައި އޮއްވާ އަޅައިވެސް ނުލައި ކައިރިން ދެވުނުކަމާއިމެދު ކިތަންމެ ވަރަކަށް ހިތާމަ ކުރިނަމަވެސް އެކަން ކުރެވުނު ކަމަށް ދެން ހެދޭނެ ހެއްޔެވެ؟ އޭނާއަށް އެހީތެރިވެވުނުކަމަށްވާނެ ހެއްޔެވެ؟ ދުވާލަކު މިފަދަ ކިތައް ހާސް ހާދިސާ ހިނގާކަން ބެލިފައިވޭބާވައެވެ!

ބައެއް ޢާއިލާތަކުން، އެ އާއިލާއަށް ކަންކަމުގައި ދައުވަތުދޭ ޢާއިލާތަކުގެ ލިސްޓެއް ހަދައިގެން ގެންގުޅެއެވެ. އެއީ ކަމެއް ކުރާނަމަ ދައުވަތުދޭމީހުންނަށް ދައުވަތު ދިނުމަށެވެ. ނަމަވެސް މިއީ މިކަން ކުރަންޖެހޭނެ ގޮތެއް ނޫނެވެ. ދައުވަތުދޭން ޖެހޭނީ ދައުވަތުދޭ ޢާއިލާތަކުގެ ލިސްޓަކަށް ނޫނެވެ. ދައުވަތުދޭން ޖެހޭނީ ޢާއިލާގެ ލިސްޓަށެވެ.

އެކަމުގެ ހެކި ލިބޭ ސަބަބުތައް ބައިވަރެވެ. އެއް ކަމަކީ ގުޅުން ކެނޑިފައިވާ، ނުވަތަ ދުރުވެފައިވާ ޢާއިލާތަކާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރުމުން ލިބޭ ސަވާބުގެ ގިނަގުނަކެމެވެ.

އަދިވެސް ބުނަންހެއްޔެވެ؟ ޅިޔަނުންނާއި ފަހަރިންގެ ވިސްނުން ތަފާތުވެދާނެއެވެ. އެމީހުން ދިރިއުޅުން ވެސް ތަފާތުވެދާނެއެވެ. އެކަން އެހެން އޮތް ނަމަވެސް އެމީހުންނާއި ދުރުހެލި ނުވާށެވެ. އެމީހުންނަކީވެސް ހަމަ ޢާއިލާގެ ބައެއްގެ ގޮތުގައި ބަލައިގަންނާށެވެ. ހެޔޮކޮށް ހިތާށެވެ. ވީހައި ބޮޑަށް ޢާއިލީ ކަންކަމުގައި ބައިވެރިކުރާށެވެ.

ވީހައި ގިނަ ބައަކާއި ގުޅުން ބެހެއްޓުމުގެ ފައިދާ ފެންނާނީ އެމީހަކަށް ކަމެއް ޖެހުމުންނެވެ. އެމީހަކު ބަލިވެ ހޮސްޕިޓަލުގައި އޮންނަން ޖެހުން ފަދަ ކަމެއް ކުރިމަތިވުމުންނެވެ. އެހެންކަމާއިއެކުވެސް ވިސްނާށެވެ. ޢާއިލާގެ މީހުންނަށް ނުވަތަ އެނޫންވެސް މީހަކަށް އެހީތެރިވާންވީ، ގުޅުން ބަދަހިކުރަންވީ އެމީހުންގެ ކިބައިން އެއްވެސް ކަމެއްވާނެ ކަމަށް ބަލައިގެނެއް ނޫނެވެ. ﷲ ތަޢާލާ އެކަން ބައްލަވައިވޮޑިގެންވާނެތީއެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ސަވާބާއި ދަރުމަ އެދިގެންނެވެ. ހުރިހާ ކަމެއް ﷲ ތަޢާލާއަށް ވަކީލްކޮށް ތިބާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމުން ތިބާގެ ދައުރު އެނިމުނީއެވެ. ދެން އޮތްބައި ތިބާއަށް އެންމެފައިދާހުރި ގޮތުގައި ﷲ ތަޢާލާ ފުރިހަމަކުރައްވަވާނެކަން ޔަޤީންކުރާށެވެ!

- މުފްތީ މެންކުގެ ދަރުސުން -

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް