އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންހެނުން މަސައްކަތަށް ނެރުން

އަންހެނުން މަސައްކަތަށް ނެރުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ޤައުމުގެ އިޤްޠިޞާދީ ކުރިއެރުމަށް އަންހެނުންގެ ހިއްޞާ ވަރަށް މުހިންމެވެ. މުޖުތަމައު އަކީ ފުދުންތެރި މުޖުތަމައުއަކަށް ވާނީވެސް އަދި ޢާއިލާއަށް ފުދުންތެރި ދިރިއުޅުމެއް އުޅެވެން ވެސް މިއަދު އޮތީ އެންމެންގެ ހިއްޞާ އެކަމަށް ލައިގެންކަމަށްވާތީއެވެ.

އަބުރުވެރި ދިރިއުޅުމަށްޓަކައިވެސް އަންހެނުންނަށް މިއަދު މަސައްކަތް ކުރަންޖެހެއެވެ. އެހެން މީހުންނަށް ސަލާންޖަހައިގެން ބޭނުންތައް ފުއްދާނަމަ އަންހެނުންނަށް އިއްފަތްތެރިކަމުގެ މައްސަލަތައް ކުރިމަތިވެއެވެ.

އަމިއްލަ އާއިލާގެ ތެރެއިންނާއި ގާތް ރަޙްމަތްތެރިންގެ ކިބައިންވެސް މެއެވެ. އެހެންކަމުން އަންހެނުންނަކީ އެމީހުން އަމިއްލައަށް އަބުރުވެރި މަސައްކަތްތަކެއް ކުރާ ބައަކަށް ވުމަކީ މުހިންމުކަމެއް ކަމާއި މެދު ދެބަސްވުމެއް ނެތެވެ.

އަންހެނުން މަސައްކަތަށް ނެރޭއިރު އަންހެނުން ލައްވައި އެމީހުންނަށް ކުރެވޭ ވަރުގެ މަސައްކަތްތައް ކުރުވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.
ރާއްޖެއަށް ބަލައިފިނަމަ އަންހެނުން ގޭގައި ތިބެގެން އަބުރުވެރިކަމާއިއެކު މަސައްކަތްކުރާތަން ދަނީ ފެންނަމުންނެވެ. އެއިގެ ތެރޭގައި ކާބޯތަކެތި ހަދައިގެން ވިއްކުމާއި ފެހުމާއި ލިޔުމުގެ މަސައްކަތާއި އެނޫންވެސް އެފަދަ މަސައްކަތްތައް ހިމެނޭކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން އޮފީސްތަކާއި ފިހާރަ އަދި ރެސްޓޯރަންޓްތަކުގައިވެސް އަބުރުވެރިކަމާއިއެކު ވަޒިފާ އަދާކުރާ އަންހެނުން މަދު ނޫންކަން ފާހަގަ ކުރެވެއެވެ.


ސައުދީއަށް ބެލި ނަމަވެސް ލުއި މަސައްކަތްތައް އަންހެނުން ކުރެއެވެ. އޮފީސްތަކުގައެވެ. ފިހާރަތަކުގައެވެ. ގޭގައި ތިބެގެންނެވެ.



ވީހައި ގިނަ އަދަދެއްގެ އަންހެނުން ވަޒީފާތަކަށް ނެރުމަށް ސައުދީ ސަރުކާރުން ހިންގާ މަޝްރޫއުގެދަށުން ރަނާއި ޖަވާހިރުން ތަކެތި އުފައްދާ ފަރާތްތަކުން މިހާރުވެސް ވަނީ 3000 ވަޒީފާ އަންހެނުންނަށް ޚާއްޞަކޮށްގެން އުފައްދައިފައެވެ.



ސައުދީގައިވެސް ފިހާރަކުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ވަޒީފާ އަދާކުރަންޖެހޭ ވަގުތު ގިނަވުމެވެ. އެކަމުގެ ސަބަބުން ގޭތެރޭގެ މަސައްކަތްތަކަށް ދަތިވުމެވެ. ޢާއިލާއަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ މައްސަލައެވެ.



ރާއްޖެއަށް ބެލި ނަމަވެސް މިމައްސަލަ ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. ފިހާރަތަކާއި ރެސްޓޯރަންޓްތަކުން ބޭނުންވަނީ 12 ގަޑިއިރުގެ ޑިޔުޓީއެއް އަދާކުރުވުމަށެވެ. 12 ގަޑިއިރުގެ ޑިޔުޓީއެއް އަދާކުރުމަކީ މަދުވެގެން 13 ގަޑިއިރު މަސައްކަތުގައި އުޅެންޖެހުމެވެ.



މި މައްސަލައަށް ހައްލެއް ޙޯދުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ގިނަ ބައަކު ބުނެއެވެ.



ރާއްޖޭގެ ފިހާރަތަކާއި ރެސްޓޯރަންޓުތަކުގައި ވަޒީފާ އަދާކުރުމަށް ދިވެހި އަންހެނުންވެސް އަދި ފިރިހެނުންވެސް ފަސްޖެހޭ އެންމެ ބޮޑު ސަބަބަކީ މަސައްކަތްކުރަންޖެހޭ ވަގުތު އިތުރުވުން ކަމަށް ގިނަ ބައަކު ބުނެއެވެ.



ނަތީޖާއަކަށްވެފައި މިވަނީ އެތައް ހާސް ބިދޭސީންނަށް ވަޒީފާގެ ފުރުޞަތު ފަހިވެ ރާއްޖެއަށް ލިބޭ އާމްދަނީ ޤައުމުން ބޭރުވެގެން ދިއުމެވެ.

މިސަރުކާރުން އިއުލާނުކުރި ކަންކަމުގެ ތެރެއިން އެންމެ ބޮޑަށް ފެއިލްވެފައިވާ އެއް ކަމަކީ އެންމެ ކުޑަމިނުން ކޭޝިއަރުންގެ ވަޒީފާއަށް ވެސް ދިވެހިން ނުނެރެވުމެވެ.



މިކަމަށް ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ގިނަ ބައަކު ބުނަނީ އެ މަސައްކަތްތައް ކާމިޔާބުކުރެވޭނީ މަސައްކަތް ކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްގެން ކަމަށެވެ.



ބައެއް ޤައުމުތަކުގައި އަންހެނުންނަކީ ވަރަށް ބުރަ މަސައްކަތްތައް ކުރަންޖެހޭ ބައެކެވެ. އަވަށްޓެރި ބައެއް ޤައުމުތަކުގައި އަންހެނުން އާންމުކޮށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ކޮންކްރީޓް އެޅުމަށް ސިމެންތިއާއި ޤައު އުފުލުންވެސް ހިމެނެއެވެ.



ނަމަވެސް މިއީ އަންހެނުން ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ނޫނެވެ. އެފަދަ މަސައްކަތްތައް އަންހެނުން އެކުރަނީ އިތުރު ގޮތެއް ނެތުމުންނެވެ. އެހެންކަމުން އަންހެނުން މަސައްކަތަށް ނެރުމަށްޓަކައި އަންހެނުންނަށް ކުރެވޭނެ މަސައްކަތްތަކެއް ކުރުމުގެ ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަ ކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް