އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 58 ސިކުންތު
އެއިރު ޝިޔާމާގެ އުމުރުން އެންމެ 16 އަހަރެވެ. ބައްޕަގެ ފުއްޕާމޭ އެކުގައި ފެއިލްވީއެވެ. ހޮސްޕިޓަލްތަކުން އެކި ގޮތް ގޮތުން ހޯދި އެއްވެސް ފުއްޕާމެއެއް ބައްޕައަކާ ދިމައެއް ނުވިއެވެ. ހަމައެކަނި ދިމާވަނީ ޝިޔާމާގެ ފުއްޕާމެއެވެ.
މިކަމާއިމެދު އާއިލާގައި ފުންކޮށް ބަހުސްކުރިއެވެ. ޝިޔާމާއަކަށް އެކަމެއް ނުއަންގައެވެ. ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އޮތީ ހަމައެންމެ ގޮތެކެވެ. އެއީ ޝިޔާމާގެ ފުއްޕާމޭ ލެއްވުމެވެ. އަދި އެހެން މީހެއްގެ ފުއްޕާމޭ ޝިޔާމާ އާއި ދިމާވޭތޯ ބެލުމެވެ.
ކިތަންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ކުރި ނަމަވެސް ފުއްޕާމޭގެ އޮޕަރޭޝަންތަކަކީ ސަތޭކައިން ސަތޭކަ ކާމިޔާބުކުރެވޭ އޮޕަރޭޝަންތަކެއް ނޫނެވެ. އަދި އޮޕަރޭޝަން ދެމެހެއްޓޭނެ ކަމުގެ ޔަޤީންކަން ވެސް އެހައިމެ ކުޑައެވެ.
އެހެންކަމުން ޝިޔާމާ ފަދަ އުމުރުން އެންމެ 16 އަހަރުގެ ކުއްޖަކަށް މިފަދަ ކަމެއް ކުރިމަތިކުރުވުމަކީ ޢާއިލާއަށް ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން ހަމަ އެހެން ގޮތެއް ފެނޭތޯ އާއިލާއިން ގެންދިއައީ މަސައްކަތްކުރަމުންނެވެ.
އެންމެންވެސް ހީކުރީ ޝިޔާމާ އޮތީ ސިޓިންގ ރޫމުގެ ސޯފާގައި ގަދަ ނިދީގައި ކަމަށެވެ. އެހެންކަމުން ވަރަށް ސިއްރުން ތިބެގެން މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއައެވެ. ޝިޔާމާ އޮތީ ރަނގަޅަށް އަޑުއަހާށެވެ. ހުރިހައި ކަމެއް ސާފުވުމުން ތެދުވެ ހަމަޖެހިލާފައި ބުނެލިއެވެ.
"ތިއަކަމާ އިތުރަށް މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތެވެ. އެންމެ އަވަހަށް ކުރިއަށް ދެވެން އޮތް ގޮތަކަށް ދެވެން އޮތް އެންމެ ބާރުމިނުގައި ކުރިއަށް ގެންދާށެވެ. އޮޕަރޭޝަން ކާމިޔާބުވުން މާތްﷲ އަށް ވަކީލުކުރާށެވެ.
އަހަރެން މިހިރީ ހަމަ ހެޔޮ ހިތުން އުފަލާއިއެކު ބައްޕައަށް އަހަރެންގެ ފުއްޕާމޭ ހަދިޔާކުރަން ތައްޔާރަށެވެ. އަހަރެންނާއި ގުޅޭނެ ފުއްޕާމެއެއް ނުލިބުނު ނަމަވެސް އޮޕަރޭޝަންކުރާށެވެ. އަހަރެންގެ ފުއްޕާމޭ ނަގާށެވެ. ފުރާނައަކީ ﷲގެ މަޚްލޫޤެކެވެ. ގެންދަވާނީ ހަމަ ނޭވާގެ އަދަދު ހަމަވުމުންނެވެ. އެހެންވީމާ އަހަރެންގެ އޮޕަރޭޝަން ކާމިޔާބު ނުވެދާނެ ކަމާއިމެދު ނުވިސްނާށެވެ. ކާމިޔާބު ނުވުމަކީ ވެސް އެއްވެސް މައްސަލައެއް ނޫނެވެ. އެހެން އެކަން ވާނީ މާތްﷲ އެކަން އެގޮތަށް ވުމަށް މިންވަރުފުޅު ކުރައްވަވާފައިވާނަމައެވެ.
އަހަރެންގެ އޮޕަރޭޝަން ކާމިޔާބު ނުވި ނަމަވެސް މަރުވާނީ އަހަރެން އެކަންޏެވެ. މަންމަ އަށް ބައްޕަ ލިބުމުގެ އިތުރުން ބައްޕައާއި މަންމަގެ އަހަރެން ނުލައި އަހަރެމެންގެ މިތިބަ 7 ބެއިންނަށް ބައްޕަ ލިބުން އަހަރެންގެ ފުރާނައަށްވުރެ މާމުހިންމެވެ. މަންމައަށް ބައްޕަ ލިބުމުން މަންމަ ވާނެ އުފާ ނިކަން އިޙްޞާޞްކޮށްބަލާށެވެ.
އަހަރެންގެ ހަޔާތް މާތްﷲ އަށް ފުރިހަމައަށް ވަކީލުކޮށްފީމެވެ. މިއަދަކު ނޫނެވެ. ކަންކަން ވިސްނެން ފެށިންސުރެންނެވެ. ވީމާ މިއީ ކުރިންވެސް އަހަރެން ނުވިސްނާ ހާލަތެއް ނޫނެވެ. ހަޔާތުގައި ކުރިމަތިވެދާނެ މިފަދަ ކޮންމެ ހާލަތަކަށް އަހަރެން އަބަދުވެސް އައީ ވިސްނަމުންނެވެ.
މަންމަ ނުބުނަނީސް ނަމާދުކުރާ ދަރިއަކަށްވީ ދުވަހުން ފެށިގެން އަހަރެންގެ ހަޔާތުގެ ހުރިހައި ކަމެއް މިހިރީ މާތްﷲއަށް ވަކީލުކޮށްގެންނެވެ. ﷲ އަހަރެންނަށް ދެރަ ގޮތެއް މިންވަރުފުޅެއް ނުކުރައްވަވާނެއެވެ. އޮޕަރޭޝަން ކާމިޔާބުވުމަކީވެސް ނިއުމަތެކެވެ. ކާމިޔާބުނުވެ އަވަހަށް މަރުވުމަކީވެސް ހަމަ އެހައިމެ މަތިވެރި ނިއުމަތެކެވެ. ﷲގެ ޙަޟްރަތުގައި މަންމައާއި ބައްޕަގެ ޤަދަރު ވަރަށް ރަނގަޅަށް ޝިޔާމާއަށް އެނގެއެވެ."
ޝިޔާމާގެ ވާހަކަތައް އަޑުއަހަން އެންމެން ތިބީ ތަލިން ކުޅު ހިކިފައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައެވެ. އެހައި ހަގު ކުއްޖެއްގެ ހުރި ހިތްވަރެވެ. އީމާންތެރިކަމެވެ. ﷲއަށް ވަކީލުކުރުމުގައި ހުރި ސާބިތުކަމެވެ. އަމިއްލަ ފުރާނައަށްވުރެ ބައްޕަ އާއި މަންމަ އާއި އެއްބަނޑު އެއްބަފާ 7 ބެއިންދެކެވާ ާލޯބީގެ ބޮޑުކަމެވެ.
ޑޮކްޓަރުންގެ މަސައްކަތުން ޝިޔާމާ އާއި ގުޅޭނެ ފުއްޕާމެއެއް ހޯދުނީ މަހެއްހައި ދުވަސްފަހުންނެވެ. އެއިން ކޮންމެ ދުވަހަކު ޝިޔާމާ އާދޭސްކުރަމުން ގެންދިއައީ ފުއްޕާމެއެއް ނުލިބުނު ނަމަވެސް ބައްޕަގެ އޮޕަރޭޝަން އަވަސް ކުރުމަށެވެ.
އެދުވަހު ނިޔާވި މީހެއްގެ ފުއްޕާމޭ ޑޮކްޓަރުން ނަގައި ޝިޔާމާއަށް ލެއްވިއެވެ. އަދި ޝިޔާމާގެ ފުއްޕާމޭ ބައްޕައަށް ލެއްވިއެވެ. ދެ އޮޕަރޭޝަން ކުރީވެސް ކުރީވެސް އެކުއެކުގައެވެ.
މާތްﷲ ވާގިފުޅާއިއެކު 2 އޮޕަރޭޝަންވެސް ކާމިޔާބެވެ. ޝިޔާމާއަށް ހަމަހޭވެރިކަން ލިބުމުން ފުރަތަމަވެސް ކުރި ސުވާލަކީ ބައްޕަގެ ހާލާއިމެދު ކުރި ސުވާލެވެ.
މަހެއްހައި ދުވަހު އިންޑިއާގައި ތިބުމަށްފަހު މާތްﷲ ވާގިފުޅާއިއެކު އާއިލާ އެކުގައި ރާއްޖެއައީ ވަރަށް އުފަލުންތިބެއެވެ. ޢާއިލާއަށް ކުރިމަތިވި އެ ބޮޑު މައްސަލަ އެހައި ރަނގަޅު ގޮތުގައި ފުރިހަމަވެގެން ދިއުމުން މާތްﷲއަށް ޙަމްދުކުރަމުންނެވެ.
މާލެ އައުމަށްފަހު ޝިޔާމާ އަލުން ސްކޫލަށްދާން ފެށިއެވެ. މާލެއިން ބޭރުގައި 4 މަސް ދުވަސްވަރު ހޭދަކުރަންޖެހުމުން ގެއްލުނު ފިލާވަޅުތައް އަނބުރައި ހޯދުމަށް ޝިޔާމާ ގަދައަޅައި މަސައްކަތް ފެށިއެވެ. އެ އަހަރަކީ އޯލެވެލް އިމްތިހާން ހަދަންޖެހޭ އަހަރުކަމަށްވުމުން ކުރަންޖެހުނު މަސައްކަތްތައް ވަރަށް ގިނައެވެ.
މާތްﷲގެ ވާގިފުޅާއިއެކު އޯލެވެލް އިމްތިހާނުންވެސް އަދި އޭލެވެލް އިމްތިހާނުންވެސް ޝިޔާމާ ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އަދި އެއަށްފަހު ވިޔަފާރިވެރިއެއްގެ ދީލަތި އެހީގައި މަތީ ތައުލިމު ހާޞިލުކުރަން މެލޭސިޔާއަށް ދިއުމުގެ ފުރުޞަތު ލިބުމުން އެ ފުރުޞަތުގެ ބޭނުންވެސް ޝިޔާމާ ވަނީ ވަރަށް ފުރިހަމައަށް ހިފައިފައެވެ.
މެލޭސިޔާގައި ހުރެ ޑިގްރީ ހާޞިލުކުރުމަށްފަހު މާސްޓަރސްއަށް ކިޔަވާނެ ފައިސާ ހޯދީ އެހެންކުދިންނަށް ޓިޔުޝަންދީގެންނެވެ. އަދި ހަފްތާ ބަންދުގައި ސްޕަރމާކެޓެއްގައި މަސައްކަތްކޮށްގެންނެވެ. ބައްޕައާއި އޭނާގެ އޮޕަރޭޝަނަށް ބޮޑު ހޭދައެއް ކުރަންޖެހުމުން ޢާއިލާއަށް ކުރިމަތިވެފައިވާ ދަރަނިވެރިކަން އިތުރުކުރުވަން ޝިޔާމާ ބޭނުންނުވާތީއެވެ.
މަސްޓަރސްއަށްފަހު މާލެ އައިސް ވަޒީފާއެއް ހޯދިއެވެ. ނަމަވެސް ޝިޔާމާ ވިސްނަމުން ގެންދިއައީ އިތުރު ފައިސާއެއް ހޯދާނެ ގޮތަކަށެވެ. ބޮޑު މުސާރައެއް ލިބޭނެ ގޮތަކަށެވެ.
އެހެންކަމުން ބޭރުގެ ނޫސްތައް ބަލައިގެން އަރަބި ޤައުމުތަކުން ވަޒީފާއެއް ލިބޭތޯ ޝިޔާމާ ގެންދިއައީ މެދުނުކެނޑި ސީވީ ފޮނުވަމުންނެވެ. އެކަން ކުރަމުންގެންދާތާ 2 އަހަރެއްހައި ދުވަސްފަހުން އަރަބި ޤައުމަކުން އޭނާއަށް ވަޒީފާއެއް ލިބުނެވެ. ބިޔަ ކުންފުންޏެއްގެ މާކެޓިންގ މެނޭޖަރުގެ އެހީތެރިކަމެވެ.
ވަޒީފާގައި އުޅޭތާ އަހެރެއްހައި ދުވަސްވެފައިވަނިކޮށް އެއްދުވަހަކު ޝިޔާމާއަށް ކުއްލި ސިހުމެއް ލިބުނީ ޗެއަރމަން އާއި ބައްދަލުކުރަން އެންގުމުންނެވެ. ޝިޔާމާއަށް އެހައި ތަނަށް އެނގެނީ ހަމައެކަނި ޗެއަރމަންގެ ނަމެވެ. އަދި އޭނާ އަކީ ޕްރިންސެއް ކަމެވެ. ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ.
ޗެއަރމަން ވިދާޅުވީ އަރަބި ބަސް ނުވެސް އެނގޭ އަންހެނަކު ކުރަމުން އަންނަ މަސައްކަތުން ކުންފުންޏަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަކަމަށެވެ. އެހެން ކަމުން އަރަބި ބަސް ދަސްކޮށްފިނަމަ މަޤާމު މަތިކޮށްދޭނެ ކަމަށެވެ. ޝިޔާމާ ބުނީ މިހާރުވެސް ކޮންމެވެސް ވަރަކަށް އަރަބި ބަސް އެނގޭ ކަމަށާއި ވަޒީފާ ލިބުނީންސުރެ އަރަބި ބަސް ދަސްކުރަމުން ގެންދާ ކަމަށެވެ.
އެދުވަހަށްފަހު ޝިޔާމާ އާއި ޗެއަރމަން އާއި ދެމެދުގައި ގާތް ގުޅުމެއް އޮވެއެވެ. ދޭތެރެއަކުން ޗެއަރމަން، ޝިޔާމާ އާއި ބައްދަލުކުރައްވައެވެ. މަޖާ ވާހަކަފުޅުވެސް ދައްކަވައެވެ.
އެގޮތުގައި ދުވަސްކޮޅެއްވުމަށްފަހު ޗެއަރމަން ޝިޔާމާ ސިއްސުވައިލެއްވިއެވެ. ޗެއަރމަން ދެއްވީ ރޭގަނޑުގެ ކެއުމަކަށް ދައުވަތެވެ. ދައުވަތުގައި ޗެއަރމަން ދެއްވީ އިތުރު ދައުވަތެކެވެ. އެއީ ޗެއަރމަންގެ 4 ވަނަ އަންބަކަށްވުމުގެ ދައުވަތެވެ.
ޝިޔާމާ ދެންނެވީ ތިފަދަ ކަމަކަށް އާނއެކެވެ ދަންވަން ކެރޭނީ އިސްތިޚާރާ ނަމާދުކުރުމަށްފަހުގައި ކަމަށެވެ. ޝިޔާމާގެ ޖަވާބު ވެގެންދިއައީ ޗެއަރމަނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝޮކަކަށެވެ. އެމަނިކުފާނު ފަދަ ތަނަވަސް ޤަދަރުވެރި ޝާހީ ބޭފުޅަކު ކައިވެންޏަކަށް އެދިވަޑައިގަތުމުން ޝިޔާމާ ދިން ފަދަ ޖަވާބެއް ޝިޔާމާ ފަދަ ނިކަމެތި ކުއްޖަކު ދީފާނެ ކަމަކަށް ދުވަހަކުވެސް ޤަބޫލުފުޅު ކުރެއްވެވިފައިވެސް ނެތުމުންނެވެ.
ޗެއަރމަން ވިދާޅުވީ ދެފަހަރަށް ނަމާދުކުރުމަށެވެ. އަދި އެކަމަށް 3 ރޭ ދެއެވާނެ ކަމަށާއި 4 ވަނަ ރޭ ބައްދަލުކުރައްވާނެ ކަމަށެވެ.
ޗެއަރމަން ވިދާޅުވިފަދައިން 4 ވަނަ ރޭ ޗެއަރމަން ޝިޔާމާ އާއި ބައްދަލުކުރެއްވެވިއެވެ. އަދި ޖަވާބާއިމެދު ސުވާލު ކުރެއްވެވިއެވެ.
ޝިޔާމާ ދެންނެވީ ޗެއަރމަންގެ ހުށަހެޅުއްވުން ޤަބުލުކުރާ ކަމަށެވެ. އަދި ހިތްޕުޅާނުވެގެން ދޫކޮށްލެއްވި ނަމަވެސް ނިކަމެތިކޮށްނުލެއްވުމަށް އެދޭ ކަމަށެވެ. އަދި ދުވަހަކުވެސް ކޯފާވެފައި ހުންނަވާތަން ނުދެއްކެވުމަށެވެ.
ހަމައެރޭ އެވަގުތު ޗެއަރމަން، ޕްރިންސްގެ ގަނޑުވަރެއްގައި ކައިވެނިފުޅު ކުރެވުނެވެ. އަދި ހަނީ މޫނަށް ފުރާވަޑަިގެންނެވިއެވެ.
މިއީ އެއިގެ 5 އަހަރު ފަހެވެ. ބައަކަށް މާބޮޑު އިޝްތިހާރުތަކެއް ނުކުރި ނަމަވެސް ކައިވެނީގެ 5 ވަނަ އަހަރީ ދުވަސް ޝިޔާމާ އާއި ޕްރިންސް، ދެމަފިރިކަނބަލުންގެ 2 ބޭފުޅުންނާއެކު މިހިނގާ އޮކްޓޯބަރު މަހު ފާހަގަކުރެއްވީ ރާއްޖޭގެ ރިޒޯޓެއްގައެވެ. ރެއަކާއި ދުވާލުގެ އަގަށް 60،000 ޑޮލަރު ދައްކަވަން ޖެހިވަޑައިގަންނަވާ ެ ކަބާނާއެއްގައެވެ.
ޝިޔާމާ ބުނީ މިހާރު އޭނާ އަކީ ދެވަނަ އަނބިމީހާ ކަމަށެވެ. އެނާއަށް ޕްރިންސް ހިބައިން ދެއްވާފައިވާ ތަކެތީގެ ތެރޭގައި އެޤައުމުގައި ހުރި އަގުބޮޑު ދެ ހޮޓަލާއި ދެ ގަނޑުވަރު ހިމެނޭ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރި ކުންފުނީގެ 50 އިންސައްތަ ހިއްޞާ ވެސް ވަނީ ދެއްވާފައި ކަމަށެވެ.
އޭނާގެ އާއިލާގެ އެންމެންވެސް އުޅެނީ އެނާ އާއިއެކު އެ ޤައުމުގައި ކަމަށްވެސް ޝިޔާމާ ބުންޏެވެ.
(ޝިޔާމާ އަކީ އަޞްލު ނަމެއް ނޫނެވެ. ޝިޔާމާ ހުއްދަ ދިން ދުވަހަކުން މާތްﷲގެ ވާގިފުޅާއިއެކު އަޞްލުނަމުގައި މިއަށްވުރެ ފުރިހަމައަށް "ޝިޔާމާ"ގެ ވާހަކަ ލިޔަން މަސައްކަތްކުރާނަމެވެ.)
Advertisement
28 އޮކްޓޯބަރ 2016