އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޒައުއްކޮގެ ހިތުގެ އޮޕަރޭޝަން މާދަމާ، އެންމެންވެސް ހެޔޮ ދުޢާ ކުރަމާތޯ!

ޒައުއްކޮގެ ހިތުގެ އޮޕަރޭޝަން މާދަމާ، އެންމެންވެސް ހެޔޮ ދުޢާ ކުރަމާތޯ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 26 ސިކުންތު

ޒައުރާ މުޙައްމަދު ވާފިރް (ޒައުއްކޮ) އޭ ބުނުމުން އެއީ ކޮންކުއްޖެއްކަން ނޭނގޭނެ ބަޔަކު ވެސް ތިބެދާނެއެވެ. އުމުރުން އެންމެ ނުވަ އަހަރުގެ ޒައުއްކޮ އަކީ، ހިތްވަރުގަދަކަމާއި ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. އުފަންވީ ދުވަހުން ފެށިގެން ހިތުގެ ބައްޔެއް ތަޙައްމަލު ކުރަމުން ދިޔަ ކަމުގައި ވިޔަސް، ޒައުއްކޮ އަކީ އޭނާގެ ވަށައިގެންވާހާ އެންމެންވެސް ވަރަށް ލޯބިވާ، އެންމެންގެ ހަޔާތް އުޖާލާ ކޮށްދީފައިވާ އަލިގަދަ ނޫރެކެވެ.

މިދުނިޔެއަށް ޒައުއްކޮ އުފަންވީ 2 ޖޫން 2008 ވަނަ އަހަރުއެވެ. އުފަންވީ ދުވަހު، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް އޭނާ ބެލުމަށްފަހު، އާއިލާއަށް ދިން ޚަބަރަކީ ޒައުއްކޮގެ ހިތުގެ ވިންދާއިއެކު، އާދަޔާ ޚިލާފު އަޑެއް ކިޔާ ކަމުގެ ހިތާމަވެރި ޚަބަރެވެ. އިތުރަށް ބެލި ބެލުމުން އެނގުނީ، ޒައުއްކޮގެ ހިތުގައި ލޯވަޅެއް އުފެދިފައިވާ ކަމެވެ. ޒައުއްކޮގެ ޕަލްމޮނަރީ ނާރުވެސް ރަނގަޅަށް ނުއުފެދި ހުރުމުގެ އިތުރުން ވާތު ވެންޓްރިކަލްސް ވެސް ރަނގަޅަށް މަސައްކަތް ނުކުރެއެވެ. ޑޮކްޓަރުން ބުނީ ޒައުއްކޮ، ހައިޕޮ ޕްލާސްޓިކް ލެފްޓް ހާޓް ސީންޑްރޯމް (އެޗްޕީއެލްއެޗްއެސް) ތަޙައްމަލު ކުރަމުން ގެންދާ ކަމަށެވެ.

މިހާތަނަށް ހިތުގެ ބޮޑު ދެ ސަރޖެރީ ކޮށްފައިވާއިރު، އެންމެ ފުރަތަމަ ސަރޖެރީ ހަދާފައިވަނީ 2009 ވަނަ އަހަރުއެވެ. އެއިރު ޒައުއްކޮގެ އުމުރުން ވާނީ އެންމެ އަހަރެކެވެ. މައިމީހާ ގާތުން ކިރުދޭން ޑޮކްޓަރުން އެދުވަސްކޮޅު މަނާ ކުރިއެވެ. ޒައުއްކޮގެ މަންމަ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ. އެސަރޖެރީ ކާމިޔާބު ވުމުން ދެވަނަ ސަރޖެރީ އަކަށް ވެސް ތައްޔާރުވިއެވެ. އެއިރު ބުނި ގޮތުގައި އެއީ ޒައުއްކޮގެ އެންމެ ފަހު ސަރޖެރީ އެވެ. ޖެނުއަރީ 2015 ގައި އެސަރޖެރީ ހެދުމަށްފަހު، ޒައުއްކޮ ސްކޫލަށް ވެސް ދާން ފެށިއެވެ. ޒައުއްކޮއަކީ މުޙްޔިއްދީން ސްކޫލްގެ ދަރިވަރެކެވެ.

ނަމަވެސް ފައިނަލް ސަރޖެރީ ހެދިފަހުން، އެއަހަރުގެ އޮކްޓޯބަރ މަހު، ކުއްލި ގޮތަކަށް ޒައުއްކޮ ދުޅަވެ، ދެ ލޮލާއި މޫނުވެސް ފުފެން ފެށިއެވެ. އެއީ ސީރިއަސް ކަމެއްކަން އެނގުމުން ހިތުގެ ޑޮކްޓަރަށް ދެއްކުމުން ވަގުތުން އިކޯ ކާޑިއޯ ޓެސްޓެއް ހެދިއެވެ. އެޓެސްޓުގެ ނަތީޖާއަށް ފަހު ޑޮކްޓަރު ބުނީ ޒައުއްކޮގެ ޕަލްމޮނަރީ ނާރުގައި ލޭކޮޅެއް ގަނޑުވެފައި އިން ކަމަށެވެ. އައިޖީއެމްއެޗް ހޮސްޕިޓަލުގެ އައިސީޔޫ ގައި ވަގުތުން ޒައުއްކޮ އެޑްމިޓް ކުރުމަށްފަހު، 21 ދުވަސް ފަހުން ޑޮކްޓަރުންނަށް އެގަނޑުވެފައި ހުރި ލޭކޮޅު ދިޔާކޮށް، ރަނގަޅު ކުރެވުނެވެ.

ނަމަވެސް އިތުރު ފަރުވާއަށް ޒައުއްކޮ ގެ އާއިލާއިން ޒައުއްކޮ ގޮވައިގެން އިންޑިއާ އަށް ދިޔައެވެ. އެތަނުގެ ޑޮކްޓަރުންނަށް ދައްކާ ޓެސްޓުތައް ހެދުމަށްފަހު އެނގުނީ ޒައުއްކޮއަށް ޕްރޮޓީީން ލޯޒިންގ އެމްޕަތީ (ޕީއެލްއީ) ޖެހިފައިވާ ކަމެވެ.
އެއީ ފޮންޓަން ގެ ސަބަބުން އުފެދުނު، ދިގު މުއްދަތަކަށް ދެމިގެންދާ ސައިޑް އިފެކްޓެއް ކަމަށް ވެސް ޑޮކްޓަރުން ބުންޏެވެ. އެކަމުގެ ސަަބަބުން ގިނަ އަދަދެއްގެ ބޭސް ޒައުއްކޮ އަށް ކާން ޖެހުނެވެ. އަދި އޭގެ ސަބަބުން އިތުރު ވޭންތަކެއް ތަޙައްމަލު ކުރަން ޖެހި، މިއަހަރު ކުރީ ކޮޅު، ޒައުއްކޮ އިތުރަށް ވަރުދެރަވާން ފެށިއެވެ. ބޭރައްހިންގުމާ ހޮޑުލެވުން ފަދަ ކަންތައްތައް ދިމާވާން ފެށުމުން، ޒައުއްކޮގެ ގައިގާ އެހާ ވަރެއް ނުހުރެއެވެ.ނުހަނު ތުއްތު އުމުރުގައި، އެތަކެއް ވޭނެއް ތަޙައްމަލު ކުރަމުން ދިޔަ ކަމުގައި ވިޔަސް، ޒައުއްކޮއަކީ އޭނާގެ އާއިލާ މީހުންނާއި އަދި ބައްދަލުވާ އެހެން މީހުންވެސް ނުހަނު ލޯބިވާ، އެންމެންނާއިވެސް ގުޅޭ އެކުވެރި ކުއްޖެކެވެ.

މާދަމާ ހެނދުނު 7:30 ގައި "ބައި-ވެންޓްރިކިއުލާ" ނަމަކަށް ކިޔާ އޯޕަން ހާޓް ސަރޖެރީ އެއް ޒައުއްކޮގެ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިސަރޖަރީއަކީ 8 ގަޑީރާއި 10 ގަޑީރުގެ ސަރޖަރީއެކެވެ.

"ޒައުއްކޮއަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެނާ ބޭފުޅުންނަށް އަދި ފައިސާ ހޯދުމުގެ ހަރަކާތްތަކުގައި ބައިވެރި ވެދެއްވި އެންމެހާ ފަރާތްތަކަށް އާއިލާއިން ޝުކުރު އަދާކޮށް، ހެޔޮ ޖަޒާ މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަން" އާއިލާގެ ފަރާތުން ޒައުއްކޮގެ ބޭބެ 'މިއަދުނޫހަށް' މައުލޫމާތު ދެމުން ބުންޏެވެ.

ޒައުއްކޮ ގެ އާއިލާއިން އެދެނީ، ވީހާވެސް ގިނަ ބަޔަކު، ޒައުއްކޮއަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކޮށްދީ، މިސަރޖެރީވެސް ކާމިޔާބުވެ، ޒައުއްކޮގެ ހަޔާތް އިތުރަށް ބާއްޖަވެރި ކޮށްދެއްވުން އެދި ދުޢާ ކޮށްދެއްވުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ