އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖިންނި އަވަލި އަހަރެންގެ ކޮއްކޮ!

ޖިންނި އަވަލި އަހަރެންގެ ކޮއްކޮ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު

"އަހަރެންގެ ކޮއްކޮ މަރުވިފަހުން މިހާރު ފަސް އަހަރު ވެއްޖެއެވެ. އެކަމަކު ކޮއްކޮ މަރުވި ގޮތް އަދިވެސް އަހަރުމެންގެ ހިތަކުން ފިލައިގެން ނުދެއެވެ.

އަހަރެން އެންމެ ބޮޑަށް ހިތާމަ ކުރަނީ، ކޮއްކޮ އަށް އުޅެނިވުނު ގޮތްތަކުގެ ސަބަބުންނެވެ.

ދިރިހުރިިއިރު ކޮއްކޮއަށް އުޅެވުނީ ރަނގަޅަކަށް ނޫނެވެ. މިިވާހަކަ ކިޔާދޭން އަހަންނަށް ކިތަންމެ އުނދަގޫ ނަމަވެސް، އެކަންތައް ހިއްސާ ކުރަން ބޭނުންވަނީ އެފަދައިން އުޅޭ އެހެން މީހުން ވެސް ސަލާމަތް ކުރުމުގެ ނިޔަތުގައެވެ.
ކޮއްކޮ ނިޔާވިއިރު އޭނާގެ އުމުރުން ވާނީ އެންމެ 17 އަހަރެވެ. އަހަރުމެންގެ އާއިލާގައި ތިބީ އަހަންނާއި ކޮއްކޮ އެކަންޏެވެ.

އާއިލާގައި ހުރި އެންމެ ހަގު ދަރިފުޅު ކަމަށްވާތީ، މަންމައާއި ބައްޕަވެސް ކޮއްކޮ ގެންގުޅުނީ ވަރަށް ލޯބިންނެވެ. ބުނި އެއްޗެއް ހޯދާދެއެވެ. ބުނި ކަމެއް ކޮށްދެއެވެ. އެހެންކަމުން ކޮއްކޮ ހުރީ ވަރަށް ބޮޑަށް މަގުން ކައްސާލާފައެވެ.

ނަމާދެއް ނުކުރެއެވެ. ޤުރްއާން ވެސް ނުކިވައެވެ. އޭގެ އިތުރުން ލައިގެން އުޅުނީ ރަނގަޅަށް އައުރަ ނިވާ ނުވާ އެއްޗެއްސެވެ. ސްކޫލަށް ވެސް ދަނީ ކޮއްކޮ ބޭނުން އިރަކުއެވެ. އަބަދުހެން އުޅެނީ އެކިއެކި ރައްޓެހިންނާއިއެކު ބޭރުގައެވެ. އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. އެކުދިންނާއިއެކު ދުވާލާއި ރޭގަނޑުވެސް ސައިކަލު ބުރު ޖަހަން ދިޔުމާއި، ވަލުތެރެއަށް ވެސް ވަންނަކަން އަހަންނަށް އެނގެން ފެށިއެވެ.

މަންމަމެން ގާތު ކޮއްކޮގެ ވާހަކަތައް ބުނީމެވެ. ނަމަވެސް އެއީ ތެދެއްކަމަށް މަންމަމެން ޤަބޫލެއް ނުކުރިއެވެ. މަންމަ ބުނި ގޮތުގައި ކޮއްކޮ ދާން ބޭނުން ކޮންމެ ތާކަށްވެސް ގެންގޮސްދެނީ މަންމައެވެ. ނަމަވެސް އެތަނަކަށް ކޮއްކޮ ލާފަ މަންމަ ދިޔުމުން، އެހެން މީހަކާއި އެކީ އެހެންތާކަށް އޭނާ ދާކަމެއް މަންމައަކަށް ނޭނގެއެވެ. އަދި މަންމަ ބަލާދާ ގަޑިއަށް އެނބުރި އެތަނަކަށް ގޮސް އިންނާތީ ވެސް، އޭނާ އެހެން ތަންތަނަށް ދިޔަ ކަމެއް މަންމައަކަށް ނޭނގެއެވެ. ރޭގަނޑު ގަޑީގައިވެސް ކަންތައްވަމުން ދިޔައީ އެފަދައިންނެވެ. އަހަރެން ވެސް އެއިރު ފިރިމީހާ ގޭގައި ދިރިއުޅޭތީ، ކޮއްކޮއަށް ނަސޭޙަތް ދިނުން ފިޔަވާ، އޭނާ ރަނގަޅު ކުރަން އިތުރު ކަމެއް ނުކުރެވުނެވެ.

އަހަރެން ހަނދާންވާ ގޮތުގައި އެއީ ޞަފަރުމަހުގެ 12 ވަނަ ދުވަހުގެ ރެއެވެ. އެއިރު އަހަރެން ވެސް ހުރީ ދެތިން ދުވަހަށް މަންމަމެންގެ ގޭގައެވެ. އެރޭ ދަންވަރު ދޭއް ޖަހާކަންހާއިރު އަހަންނަށް ހޭލެވުނީ ގެއާއި ވަރަށް ގާތުން ވަރަށް ބާރަށް ކޮވެލި ގޮވާ އަޑަށެވެ. އަހަރެން ވަރަށް ބިރުގަތެވެ. އޭގެ އިރުކޮޅެއް ނުވެ މީހަކު ގޭގެ ބޭރު ދޮރު ހުޅުވި އަޑާއި ލެއްޕި އަޑު އިވުނެވެ. އެހާ ދަންވަރު ބޭރަށް ދިޔައީ ނުވަތަ ބޭރުން އެތެރެއަށް ވަނީ ކާކުބާއޭ ހިތައް އަރާ، އަހަރެން ވެސް ކޮޓަރިން ބޭރަށް ނިކުތީމެވެ. އެއިރު ކޮއްކޮގެ ކޮޓަރީ ދޮރު ހުޅުވާފަ ހުރުމުން، ކިހިނެއްވީތޯ ބަލާލަން އެކޮޓަރީ ދޮރު މައްޗަށް އެރީމެވެ.

އެއިރު ކޮޓަރީގަ ކޮއްކޮއެއް ނެތެވެ. ފާޚާނާއަކު ވެސް ނެތެވެ. މުޅި ގޭތެރެ ހޯދާ ބެލުމުންވެސް ކޮއްކޮ ނުފެނުމުން ގޭގައި ނެތްކަން އެނގުނެވެ. އެހެންކަމުން މަންމައާއި ބައްޕައަށް ގޮވާ، ކޮއްކޮ ގޭގައި ނެތްކަމާއި އަހަންނަށް އިވުނު އަޑުތައް ވެސް ކިޔާދިނީމެވެ.

ވަގުތުން ކަމާއިބެހޭ ފަރާތްތަކަށް އަންގާ، މަންމަމެންގެ ބައެއް އެކުވެރިން ވެސް ގޮވައިގެން އެންމެން ނިކުތީ ކޮއްކޮ ހޯދާށެވެ. ކޮއްކޮ ގޮސްދާނެހެން ހީވި އެއްވެސް ގެއަކުން އޭނާ ނުފެނުމުން، ދެން ނިކުތީ ވަލުތެރެއާއި އަތިރިމަތި ބަލާށެވެ. ކޮއްކޮ ފެނުނީ ވަލުތެރެއިން އަތިރިމައްޗަށް ދެވެން އޮތް މަގެއްގައި ހުރި ފުނަގަހެއްގެ ކައިރީގައި ހުއްޓާ އެދުވަހުގެ ފަތިސް ވަގުތުއެވެ. އެއްވެސް ހަރަކާތެއް ނުކޮށް އޭނާ ހުރީ އިސްޖަހައިގެންނެވެ. ގޮވައިގެން ގެއަށް އައި އިރު ވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ.

އެދުވަހަށްފަހު ކޮއްކޮ ގެ އުޅުން މުޅިން ބަދަލުވިއެވެ. ދުވާލުގަޑީގައި އެކަކާވެސް އަނގައިން ނުބުނެ އިންނަނީ ފާޑަކަށް ގަބުވެފައި އިންނަހެންނެވެ. އިރުއޮއްސުމަށްފަހު ބޭރަށް ގޮސް އެރޭ ފެނުން ގަސް ކައިރީގައި ހުރެއެވެ. އެތަނަށް ދިޔަ ނުދީ ހުއްޓުވުމުން ކޮންމެވެސް އެއްޗެހިތަކެއް ކިޔާ ރުޅިއައިސްގެން މީހުންނަށް ގޯނާކުރަން އުޅެއެވެ. އެވަގުތު އޭނާ ހިފެހެއްޓެނީ ހަށިގަނޑު ވަރުގަދަ ފަސް ވަރަކަށް މީހުންނަށެވެ. ދެނަމާދު ދޭތެރެވަގުތު ނިމުމާއިއެކީ ނިދައެވެ. ދެން ހޭލަނީ ދަންވަރު ވަގުތަށެވެ. ބޭރަށް ދިޔަ ނުދޭން ކޮއްކޮގެ ކޮޓަރި ތަޅު ބަދަލުކޮށް، އެތެރޭގައި ބަންދު ކޮށްފައި ބެހެއްޓުމުން، ކޮޓަރީގައި ތިބި ހުރިހާ އެއްޗެއް ހަލާކު ކުރާ އަޑުފަށްގަނޑު އިވެއެވެ.

ކޮއްކޮއަށް ކޮންމެވެސް ރޫހާނީ ބާރަކުން ގޯނާކުރަމުން ދިޔަކަން އެންމެންނަށް ވެސް ޔަޤީންވިއެވެ. އެހެންކަމުން އެއްރޭ ރުޤްޔާ ކުރާ މީހަކު ގެނެސް ކޮއްކޮ ރަނގަޅު ކުރެވޭތޯ ބެލިއެވެ. ފުރަތަމަ ރޭ ވެސް އެމީހާ ބުނީ، ކޮއްކޮއާއި އަވަލާފައި ހުރީ ވަހުޝީ ފިރިހެން ޖިންނިއެއް ކަމަށާއި، ކޮންމެވެސް ފިރިހެނަކާއިއެކީ އެއްރޭ ކޮއްކޮ އެގަސް ކައިރީގައި ހުރެ ޒިނޭ ކުރިތަން އެއެއްޗަށް ފެނިގެން، ކޮއްކޮއާއި އަވަލީ ކަމަށެވެ. އޭތި ބޭނުންވަނީ އެތީގެ މީހަކަށް އަބަދުވެސް ކޮއްކޮ ހަދާފައި ބަހައްޓަން ކަމަށާއި އެހެން ނުވެއްޖެނަމަ ކޮއްކޮގެ ދުވަސް ދުއްވާލާނެ ކަމަށް ބުނި ކަމަށް ވެސް އެމީހާ ބުންޏެވެ.

ކޮއްކޮ ސަލާމަތް ކޮށްދިނުމަށް މަންމަމެން ރޮއެ އާދޭސް ކުރިއެވެ. އެކަން ކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށް އެމީހާ ބުންޏެވެ. ނަމަވެސް ކޮއްކޮ ހުރީ މައްސަރު ކަންތައް ޖެހިފައި ކަމަށާއި، އޭތި ކޮއްކޮއަށް އެގޯނާ ކުރަނީވެސް އެދުވަސްކޮޅު ކޮއްކޮގެ ހަށިރައްކާ ނުކުރެވޭނެކަން އެނގޭތީކަމަށް އެމީހާ ބުންޏެވެ.

ކޮންމެހެނަކަސް، ކޮއްކޮ ސަލާމަތް ކުރެވެން އޮތީ އެދުވަސްވަރު ނިމުމުންނެވެ. އޭގެ ކުރިން ހަމައެކަނި ކުރެވެން އޮތް ކަމަކީ އޭނާ ހިފަހައްޓައިގެން ގެންގުޅުމެވެ. ނަމަވެސް އޭގެ ފަހުން 15 ދުވަސްވީއިރުވެސް ކޮއްކޮގެ އެދުވަސްވަރު ރަނގަޅެއް ނުވިއެވެ. ޑޮކްޓަރީ ބޭހުންވެސް އެކަން ރަނގަޅެއް ނުކުރެވުނެވެ. ލޭފައިބާ ފައިބާ ގޮސް ކޮއްކޮ ހުރީ އެއްކޮށް ހުދުވެފައެވެ.

ކޮއްކޮ ނިޔާވީ، ޖިންނި އަވަލިތާ 15 ދުވަސް ފަހުންނެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ