އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ސަލާމަތްކުރި ވިސްނުންތޫނު، ދީންވެރި ފިރިއެއްގެ ވާހަކަ

ކައިވެނި ސަލާމަތްކުރި ވިސްނުންތޫނު، ދީންވެރި ފިރިއެއްގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ނުހަނު ރީތިކަމެއް ލިބިފައިވި އަންހެނެކެވެ. އޭނާ ބޭނުންވީ ވީއެންމެ އަވަހަކަށް ކައިވެންޏެއް ކުރާށެވެ.

އޭނާގެ ރީތިކަން ފެނިފައި ވަރަށް ގިނަ ފިރިހެނުން އޭނާއާއި ކައިވެނި ކުރަން ބޭނުން ވެގެން، ކައިވެންޏަށް ހުށަހެޅިއެވެ. ނަމަވެސް އޭނާ ކޮންމެ މީހަކު ގާތުވެސް ބުނީ، ފިރިއެއްގެ ގޮތުގައި އޭނާ ބޭނުންވަނީ ކޮންމެ ދުވަހަކު މުޅި ކީރިތި ޤުރްއާން އެއްކޮށް ކިޔާ، މުޅި އަހަރު ދުވަހު ރޯދަ ހިފާ އަދި މާތް ﷲ އަށް ޛިކްރު ކުރުމުގައި މުޅި ރޭ އެއްކޮށް ހޭދަ ކުރާނެ ފިރިއެއް ކަމަށެވެ.

އޭނާގެ އެޝަރުތުތަކަކީ އެއްވެސް މީހަކަށް ފުއްދޭނެ ޝަރުތުތަކަކަށް ނުވާތީ އޭނާއާއި ކައިވެނި ކުރަން ތައްޔާރަށް ހުރި ފިރިހެނެއް ހޯދުން އުނދަގޫ ކަމަކަށް ވިއެވެ. ނަމަވެސް އެއްދުވަހަކު، ޒުވާން ފިރިހެނަކު އެއަންހެންމީހާގެ ޝަރުތުތައް ޤަބޫލު ކުރާ ކަމަށް ބުނެ، އޭނާއާއި ކައިވެނި ކުރަން ތައްޔާރުވިއެވެ. އެހެންކަމުން އިމާމު އެދެމަފިރިންގެ ކައިވެނި ކޮށްދެއްވިއެވެ.

ފިރިމީހާ މުޅި ޤުރްއާން އެއްކޮށް ނުކިޔަވާކަމާއި، މުޅި އަހަރު ދުވަހު (އަހަރެއްވަންދެން ކޮންމެ ދުވަހަކު) ރޯދަ ނުހިފާ ކަމާއި މުޅި ރޭ އެއްކޮށް މާތް ﷲ އަށް ޛިކްރު ކުރަން ހޭދަ ނުކުރާކަން، އަނބިމީހާއަށް ފާހަގަވާން ފެށިއެވެ.

ކައިވެންޏަށް ހަފްތާއެއްވުމުން ވެސް އެޝަރުތުތައް ފުރިހަމަ ކުރާތަން ފިރިމީހާގެ ކިބައިން ނުފެނުމުން، އޭނާ ކައިރިން ވަރިވާން އަނބިމީހާ ކޯޓަށް ހުށަހެޅިއެވެ. ވަރިކުރުމުގެ ޝަރީޢަތަށް ދިޔުމުން، ފިރިމީހާގާތު އެޝަރުތުތައް ކިޔާދިނުމަށް ގާޒީ އެދިލެއްވިއެވެ. އަނބިމީހާގެ ތިން ޝަތުރުތައް ކިޔާ ދިނުމުން، އެކަންތައްތައް ފުރިހަމަ ކުރިންތޯ ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި ފިރިމީހާ ބުނީ އާދޭހޭ އެވެ.

ގާޒީ ބުންޏެވެ. "ކޯޓުގައި ދޮގު ހަދަނީ ހެއްޔެވެ؟ ޝަރުތުތައް ފުރިހަމަ ނުކުރާކަމަށް ބުނެ އަނބިމީހާ މިވަނީ ވަރިވާން އެދި މައްސަލަ ހުށަހަޅާފައެވެ."

އެހިނދު ފިރިމީހާ ބުންޏެވެ.

"އިއްޒަތްތެރި ގާޒީއެވެ. އަޅުގަނޑު ކޮންމެ ދުވަހަކު ތިން ފަހަރަށް ސޫރަތުލް އިޚްލާސް ކިޔަވަމެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަވާފައިވާ ގޮތުގައި ސޫރަތުލް އިޚްލާސް ތިން ފަހަރު ކިޔެވުމާއި މުޅި ކީރިތި ޤުރްއާން އެއްކޮށް ކިޔެވުމާއި އެއްވަރެވެ. ރަމަޟާން މަހުގެ ހުރިހާ ދުވަހެއްގައި އަޅުގަނޑު ރޯދަ ހިފީމެވެ. އަދި ރަމަޟާން މަހަށްފަހު ޝައްވާލް މަހުގެ ސުންނަތް ހަ ރޯދަ ވެސް އަޅުގަނޑު ހުރީ ކައިވެނީގެ ކުރިންވެސް ހިފައިގެންނެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވާ ގޮތުގައި ރަމަޟާންމަހުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފާ، ޝައްވާލް މަހުގެ ހަ ދުވަހު ސުންނަތް ރޯދަ ހިފާ މީހެއް، މުޅި އަހަރު ދުވަހު ރޯދަ ހިފުމާއި އެއްފަދައެވެ."

ދެ ޝަރުތު ފުރިހަމަ ވެފައިވާކަން ގާޒީއަށް އެނގުމުން، ތިންވަނަ ޝަރުތާއިމެދު ސުވާލު ކުރެއްވިއެވެ. އެއީ މާތް ﷲ އަށް ޛިކްރު ކުރުމުގައި މުޅި ރޭ އެއްކޮށް ހޭދަ ކުރިންތޯއެވެ. ރޭގަނޑުގެ ވަގުތުގައި ނިދާފައި އޮންނަތަން ފެނުނުކަމަށް އަނބިމީހާ ބުނެފައިވާކަމަށް ވެސް ގާޒީ ބުންޏެވެ. ޖަވާބުގައި ފިރިމީހާ ބުންޏެވެ.

"އިއްޒަތްތެރި ގާޒީއެވެ. އަޅުގަނޑު ކޮންމެ ރެއަކު ޢިޝާ ނަމާދު ޖަމާޢަތުގައި ކުރަމެވެ. އަދި ފަތިސް ވަގުތު ޖެހުމުން، ފަތިސް ނަމާދުވެސް ކުރަނީ ޖަމާޢަތުގައެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވާ ގޮތުގައި، ޢިޝާ ނަމާދާއި ފަތިސް ނަމާދު ޖަމާޢަތުގައި ކުރާ މީހާ، މާތް ﷲ އަށް ޛިކްރު ކުރުމުގައި މުޅި ރޭ އެއްކޮށް ހޭދަ ކުރިފަދައެވެ."

ފިރިމީހާގެ ޖަވާބުތައް އަޑުއައްސަވާފައި، އަނބިމީހާއާއި ދިމާލަށް އެނބުރި ގާޒީ ޙުކުމް އިއްވިއެވެ.

"ކައިވެނީގައި އެއްވެސް މައްސަލައެއް ނުވެއެވެ. ކުރި ޝަރުތަކާއި ކަނބުލޭގެ ފިރިމީހާ ޚިލާފުވެފައެއް ވެސް ނުވެއެވެ. އެހެންކަމުން އޭނާއާއިއެކު ދިރިއުޅުމަށް ދާށެވެ. ތިޔަ ކައިވެނި ރޫޅާލަން އުޒުރެއް ނެތެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ