އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ގެ ސަވާބަށް އެދި ދީލަތިވި ފަޤީރުކޮޔަށް ރަސްކަން ލިބުނު ގޮތުގެ ވާހަކަ-

ﷲ ގެ ސަވާބަށް އެދި ދީލަތިވި ފަޤީރުކޮޔަށް ރަސްކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 20 ސިކުންތު

އިބްރާހީމް ބިން ސުލައިމާން އަކީ އިރާޤްގެ އެންމެ ފަޤީރު އެއް އަވަށަށް ނިޞްބަތްވާ ޒުވާނެކެވެ. އެޒަމާނުގެ ހާލަތާއިއެއްގޮތަށް ތައުލީމް ހާޞިލްކޮށްެން ހުރި ޒުވާނެކެވެ. ކީރިތި ޤްރްއާން ތަޖުވީދުމަގުން ކިޔަވަން ދަނެއެވެ. އިމާމްވެ ހުކުރު ކޮށްލުމުގެ ޤާބިލުކަން ވަނީ ލިބިފައެވެ.

ކަށުކަމާކެމީގެ ކަންތައްތައް ދަނެއެވެ. އެހެންކަމުން އެ ޒަމާނަށް ބަލައިފިނަމަ އިބްރާހީމް އަކީ ވަރަށް ރަނގަޅަށް ކިޔަވައިގެންހުރި ޒުވާނެކެވެ.

އިބްރާހިމްގެ މަންމަ އާއި ބައްޕައަށް ލިބިފައިވާ ހަމައެކަނި ދަރިއަކީ އޭނާއެވެ. ކަންތައްތައް ދިމާވިގޮތުން އުމުރުން 12 ވަރަކަށް އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. 17 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވިތާ މާގިނަ ދުވަސްތަކެއް ނުވެ ދިރިއުޅުނު ޖިފުޓި ބޮލަށް ވެއްޓިއްޖެއެވެ.

އިބްރާހީމް އަކީ އެހީތެރިވާނެ އެއްވެސް މީހަކު އާއިލާގައި ހުރި މީހެއް ނޫނެވެ. ތިބީ ދައްތައިންނެވެ. އެހެންކަމުން ޖިފުޓި ނަގައި ކޮޅަށް ޖެހުމުގައި އޭނާއަށް އެހީތެރިވާނެ މީހަކު ނެތެވެ.

އެހާލަތުގައި އިބްރާހީމް ނިންމީ މިސްކިތުގައި ދިރިއުޅެންފަށާށެވެ. ޖިފުޓިއެއް އެޅެންދެން މައިންބަފައިންގެ ކިބައިން ވާރުތަވީ ބިންކޮޅުގައި ދަނޑު ހެއްދުން ފަދަ ކޮންމެވެސް މަސައްކަތެއް ކޮށްގެން އާމްދަނީއެއް ހޯދާށެވެ.

އެންމެ ކުޑައިރުންސުރެ އިބްރާހީމް އަކީ 5 ވަގުތު ނަމާދުކުރާ ކުއްޖެކެވެ. މިސްކިތުގައި ބާއްވާ މަޖިލިސްތަކުގައި ގިނަ ވަގުތުތައް ހޭދަކުރަމުން އައި ކުއްޖެކެވެ. އެހެންކަމުން މިސްކިތުގައި ދިރިއުޅުމަކީ އިބްރާހީމަށް އެއްވެސް އުނދަގޫކަމެއް ނޫނެވެ.

އިބްރާހީމް މިސްކިތުގައި ދިރިއުޅެން ފެށުމުން އަވަށުގެ ބޮޑުންނާއި މުއްސަނދިން އެމީހުންގެ ގޭގައި ދިރިއުޅުމަށް އިބްރާހީމަށް ދައުވަތުދިނެވެ.
ނަމަވެސް އިބްރާހީމް ބުނަމުން ދިއައީ އޭނާ ބޭނުންވަނީ މާތް ﷲ ގެ ގެކޮޅުގައި ދިރިއުޅެން ކަމަށެވެ. ވީހައި ގިނައިން މާތް ﷲ އަށް އަޅުކަންކޮށް މާތް ﷲ ގެ މަގުގައި ޚިދުމަތްކުރަން ކަމަށެވެ.

އެ އަހަރުގެ ހުޅަނގު މޫސުން އައުމުން ދަނޑު ހައްދާނެ ބިން ސަރުކާރުން ރައްޔިތުންނަށް ދޫކުރަން ފެށުމުން އިބްރާހީމް ވެސް ބިމަކަށް އެދުނެވެ. އިބްރާހީމްގެ ޒުވާންކަމާއި އެކަނިވެރިކަމަށް ބަލައި އޭނާއަށް އެފަދަ ބުރަ މަސައްކަތެއް ނުކުރެވިދާނެކަމަށް ބަލައި ބިމެއް ދޫކުރުމަށް ސަރުކާރުން ފަސް ޖެހުނެވެ. ނަމަވެސް ތަކުރާރުކޮށް އެކަމަށް އިބްރާހީމް އެދެން ފެށެމުން އެހެން މީހުންނަށްވެސް ދޫކުރާ ވަރުގެ ބިމެއް އިބްރާހީމަށްވެސް ދޫކުރިއެވެ.

މޫސުން ފެށި ދަނޑުތަކުގައި އުފެއްދި ބާވަތްތައް ކަނޑަން ދާދި ގާތްވެފައި ވަނިކޮށް އައި ގަދަ ވިއްސާރައެއްގައި ތިންބައިކުޅަ ދެބައިހައި ދަނޑުތައް ހަލާކުވެގެންދިއައެވެ. އިބްރާހީމްގެ ދަނޑު ހިމެނުނީ ސަލާމަތްވި މަދު ދަނޑުތަކުގެތެރޭގައެވެ.

ދަނޑުތައް ހަލާކުވުމުގެ ސަބަބުން ޖެހިގެން އައި އަހަރު ވެގެންދިއައީ ވަރަށް ތަދު އަހަރަކަށެވެ. އަވަށުގެ އެންމެން ބޭނުންކުރަން ލިބުނު ގޮވާމުގެ ބާވަތްތައް މަދުވުމުން އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ގޮވާންކޮޅު ލިބުނު މީހުން އެމީހުންނަށް މާތް ﷲ ދެއްވެވި ނިއުމަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި ދިއައީ އިންތިހާއަށް އަގުތައް އުފުލަމުންނެވެ.

އިބްރާހީމް ގެންގުޅުނީ މުޅިން ތަފާތު ވިސްނުމެކެވެ. އިބްރާހީމް ބޭނުންވީ އޭނާއަށް ލިބުނު ގޮވާންކޮޅު އަވަށުގެ ފަޤީރުންނަށް ބަހައިލުމަށެވެ.
އިބްރާހީމް ބޭނުންވީ އެކަމަށްޓަކައި މާތް ﷲ ދެއްވަވާނެ ދަރުމަ ވިހައި ބޮޑަށް ލިބިގަތުމަށެވެ. ވީހައި ގިނަ ސަވާބު ހޯދުމަށެވެ.

އަވަށުގެ މީހުންނަށް އެކަންވެގެންދިއައީ ވަރަށް ބޮޑު ކަމަކަށެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ކޮށްފައި ނުވާކަމެއް އެންމެ 18 ވަރަކަށް އަހަރުގެ ޒުވާނަކުކުރުމުންނެވެ. ގިނަ ބައަކު އިބްރާހީމް އަށް ވަރަށް ތައުރީފް ކުރިއެވެ. ތައުރީފް ކުރި މީހުންނަށް އިބްރާހީމް ބުނަމުން ގެންދިއައީ ތައުރީފް ނުކުރުމަށެވެ. އޭނާ ތައުރީފް ބޭނުންވަނީ މާތް ﷲ ގެ ހަޟްރަތުން އެކަނި ކަމަށެވެ.

ބައެއް މީހުން އެމީހުންގެ އަންހެން ދަރިންގެ ކައިވެނިވެސް އިބްރާހީމްއަށް ހުށަހެޅިއެވެ. އިބްރާހީމް ބުނަމުން ދިއައީ ކައިވެންޏަށްފަހު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް ކަމަށާއި ކައިވެންޏަކާއިމެދު ވިސްނާނީ ޖިފުޓި ނަގައި ކޮޅަށްޖެހުނު ދުވަހަކުން ކަމަށެވެ. އަމިއްލަ ދިރިއުޅުމެއް ފެށުމުގެ ކުޅަދާނަކަން ލިބުނު ދުވަހަކުން ކަމަށެވެ.

ދުވަސްކޮޅަކުން ފެނުނީ އަވަށުގެ ފަޤީރުންގެ ބައަކު އަމިއްލައަށް ގޮސް އިބްރާހީމަށް ޖިފުޓިއެއް އަޅައިދޭން ފެށިތަނެވެ. އަވަށުގެ ފުދުންތެރިން ދިއައީ ޖިފުޓި އެޅުމަށް ގަންނަން ޖެހޭ ތަކެތި ހަދިޔާ ކުރަމުންނެވެ.

އިބްރާހީމްގެ ޖިފުޓި އަޅައި ނިންމައިފިއެވެ. އިބްރާހީމްގެ ދިރިއުޅުން ޖިފުޓިއަށް ބަދަލުކޮށްފިއެވެ. ނަމަވެސް އާންމު އުޞޫލުން ގިނަ ވަގުތު ހޭދަކުރަމުން ދިއައީ މިސްކިތުގައެވެ.

މިސްކިތުގައި ނިދަން އޮއްވާ އެއްރޭ އިބްރާހީމް އަށް ހުވަފެނުގައި ފެނުނު މާތް މީހަކު އިބްރާހީމް ގާތު ބުނީ އިބްރާހީމް ކައިވެނި ކުރަން ވެއްޖެ ކަމަށާއި މިވެނި ގެއްގައި އިންނަ މިވެނި ނަމެއް ކިޔާ ކުއްޖާ އާއި ކައިވެނި ކުރުމަށެވެ. ނިދީން ހޭލެވުނުއިރު ތަނުގައި މީރުވަހެއް ހުރިހެންވެސް ހީވިއެވެ. އިބްރާހީމް އަވަސް އަވަހަށް ތެދުވެގެން ގޮސް ވުޟޫކޮށްލައިގެން މިސްކިތަށް އަރައި ނަމާދެއް ކުރުމަށްފަހު ފަތިސްވަންދެން ކީރިތި ޤްރްއާން ކިޔަވަން އިނީއެވެ.

އަނެއް ދުވަހު އިބްރާހީމް އެގެއަށް ގޮސް އެ އަންހެންކުއްޖާގެ މައިން ބަފައިން ގާތު ދަރިފުޅުގެ ކައިވެންޏަށް އެދުނެވެ.

އެ އަންހެން ކުއްޖާއަކީ ވެސް ޤަވާއިދުން ނަމާދުކުރާ ކުއްޖެކެވެ. ހޭލައި އިނދެ ދަމުނަމާދުވެސް ކުރާ ކުއްޖެކެވެ. ޢާންމު ގޮތެއްގައި ގެއިން ބޭރަށް ނުކުމެ އުޅޭ ކުއްޖެއް ނޫނެވެ. ނުކުތް ނަމަވެސް ނުކުންނަނީ ހިޖާބަ އަޅައި ނިވާވެގެންނެވެ. އެހެންކަމުން އެފަދަ ކުއްޖަކާއި އިބްރާހީމް ކައިވެނިކުރަން ބޭނުންވުމުން މައިންބަފައިންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ.

ުއެހެންކަމުން "ކައިވެންޏަށް ތިއަ އެދެނީ ދަރިފުޅު ދުށުމަށްފަހުގައިތޯ" ސުވާލުކުރުމުން އިބްރާހީމް ބުނީ ނޫން ކަމަށެވެ. ދުވަހަކުވެސް ނުދެކޭ ކަމަށެވެ.

ބައްޕަ އެވަގުތު ދަރިފުޅަށް ގޮވާލައި އެތަނަށް އައުމަށް އެދުނެވެ. ދަރިފުޅު އައުމުން އިބްރާހީމްގެ ހުށަހެޅުން ދަރިފުޅަށް ބުނެދިނެވެ. އަދި ޤަބޫލުކުރުމާއި ނުކުރުމުގެ އިޚްތިޔާރު ދަރިފުޅަށް ދިނެވެ.

ދަރިފުޅު ބުނީ އިބްރާހީމްގެ އަމަލުތަކުގެ ވާހަކަ އޭނާ އަޑުއަހާފައިވާ ކަމަށެވެ. އަދި އޭނާގެ ދީލަތިކަމާއި އަޚްލާޤް ެދެނެގެންފައިވާ ކަމަށެވެ. އަދި އިބްރާހީމްގެ ކައިވެންޏަށް އެދި ފާއިތުވި 3 ރޭ މާތް ﷲ އަށް ދުޢާ ކުރި ކަމަށެވެ.

އިބްރާހީމް އާއި ސަޖީދާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ހަފްލާ ތައްޔާރުކޮށްދިނީ އަވަށުގެ ރައްޔިތުންނެވެ. 3 ގަނޑެތި ދިނީ މުއްސަނދިންނެވެ.

މިހާރު އިބްރާހީމް އާއި ސަޖީދާ ދިރިއުޅެނީ އިބްރާހީމްގެ ޖިފުޓީގައެވެ. ދެމަފިރިންވެސް އިސްކަން ދެނީ ދިރިއުޅެން މަސައްކަތްކުރުމަށާއި އަޅުކަން ކުރުމަށެވެ. ގޯތީގައި ހައްދާ ކާބޯތަކެތިން ދެމަފިރިންނަށް ކައިބޮއި އުޅެލެވޭވަރަށް މާތް ﷲ ރިޒްޤް ދެއްވަވައެވެ.

ކައިވެންޏަށް 3 އަހަރުވީއިރު ވަނީ ދަރިއަކު ލިބިފައެވެ. ދިރިއުޅެމުން ގެންދަނީ އުފަލާއި ހިތްހަމަޖެހުމާއިއެކުގައެވެ. މާތް ﷲ މިންވަރުކުރައްވަވާ ނިޢުމަތްތަކަށް ޝުކުރުވެރިވާތީ އެއްވެސް ކަމެއް ނުވެގެން ކަންބޮޑުވާކަށް ނުޖެހެއެވެ.

އަވަށުގެ ރަސްގެފާނު އަވަހާރަވުމުން ވެރިއަކަށް މީހަކު އިސްކުރުމާއިމެދު އަވަށުގެ ބޮޑުންނާއި ރައްޔިތުން ދިއައީ މަޝްވަރާކުރަމުންނެވެ. ބައެއް ބޮޑުންގެ ނަންތައް ހުށަހެޅެމުން ދިއައެވެ. ރަސްގެފާނުގެ ޢާއިލާގެ ބޭފުޅުންގެ ނަންތައް ވެސް ދިއައީ ހުށަހެޅެމުންނެވެ.

އަވަސުގައި ގިނައީ ފަޤީރުންނެވެ. ގާތްގަނޑަކަށް 90 އިންސައްތައަކީ ފަޤީރުންނެވެ. ފަޤީރުންގެ ހަމައެކަނި "ޗޮއިސް" އަކީ އިބްރާހީމް އެވެ.

އެމީހުން ބަނޑަށް ޖެހުނު ވަގުތު އިބްރާހީމް ދައްކައިދިން ދީލަތިކަމުންނެވެ. އޭނާގެ އޯގާތެރިކަން ތަޖުރިބާކުރެވިފައިވާތީއެވެ. އެހެންކަމުން ބޮޑުންނަށާއި މުއްސަނދިންނަށްވެސް މަޖުބޫރުވީ ފަޤީރުންގެ ނިންމުން ޤަބޫލުކުރާށެވެ. ނޫންނަމަ އަވަށުގައި ހަމަޖެހުމެއް ނުއޮންނާނެތީއެވެ. އަވަށް ހިންގޭނީ އަވަށުގެ ގިނަ ބައަކު ބޭނުންވާ ގޮތަށް ކަމަށްވާތީއެވެ.

އިބްރާހީމްއަށް ޖެހުނީ ރައްޔިތުންގެ ނިންމުން ޤަބޫލުކުރާށެވެ. އެހެންކަމުން މިހާރު އިބްރާހީމް އަކީ އަވަށުގެ ރަސްގެފާނެވެ. ސަޖީދާއަކީ ރަނިކަމަނާއެވެ. ރައްޔިތުން ތިބީ އުފަލުން ފޮޅިފައެވެ. އިބްރާހީމްގެ އޯގާތެރިކަމާއި އަދުލުވެރިކަން އިތުރަށް ފެންނަން ފެށުމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް